”މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް“ އުފައްދަނީ

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމަށްޓަކައި، ”މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް“ އުވާލައި ”މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް“ އުފައްދަން ނިންމެވިކަން ހާމަކުރައްވައި، މީގެ ސަބަބުން ޚިދުމަތް ދިނުން ހަލުވިވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ”ނޭޝަން ޗެޓް“ ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސިއްޙީ ދާއިރާ ތަރައްޤީކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް އެބަދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަތޮޅު ހޮސްޕިޓަލްތަކާއި ރަށު ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށާއި، މީގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް، އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އަތޮޅަކުން ލިބޭނެ މަގު ފަހިކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ޞިއްޙީ ބޭނުންތަކަށްޓަކައި ބޭރަށްކުރަންޖެހޭ ދަތުރުތައް މަދުކުރުމުގެ މަސައްކަތްތައްވެސް ހަލުވި ދުވެލީގައި ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން، ސިއްޙީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު މަތިކޮށް، އަދި ޚަރަދުތައް ކުޑަކުރެވޭ އުސޫލަކުން ކަންކަން ކުރެއްވުމަށްޓަކައި، ”މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް“ އުވާލައި ”މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް“ އުފައްދަން ނިންމެވީ ކަމަށާ، މި ބަދަލާއެކު ސިއްޙީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވި، ހިންގުމުގެ ހަރުދަނާކަން އިތުރުވެގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އައު ގްރޫޕުގެ ދަށުން، ސަރުކާރުގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކާއި، ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ވިއުގައަކުން ގުޅާލެވިގެންދާނެކަމަށާ، މީގެ މައިގަނޑު ބޭނުމަކީ އެއް ހޮސްޕިޓަލާއި އަނެއް ހޮސްޕިޓަލާ ދެމެދު ވަސީލަތްތައް ޙިއްޞާކުރުމާއި، އެއް ތަނުން އަނެއް ތަނަށް ޑޮކްޓަރުންގެ ފަންނީ ޚިދުމަތުގެ ބޭނުން ކުރެވޭނެ ގޮތްތައް ފަސޭހަކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަންނަ ނޮވެމްބަރު މަހުން ފެށިގެން 3 މަސް ނުވަތަ އެންމެ ގިނަވަގެން 4 މަސްދުވަހުގެ ތެރޭގައި އައު ނިޒާމުގެ ދަށުން ހޮސްޕިޓަލުތައް ގުޅާލެވޭނެކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ މުވައްޒަފުންތަކެއް އިތުރުކުރެވޭނެ މަޝްރޫޢެއް ނޫންކަންވެސް ހާމަކުރައްވާފައެވެ. މި ބަދަލާއެކު، ސަރުކާރު ޚަރަދުގައި ތަޢުލީމު ހާސިލުކުރައްވާ ޑޮކްޓަރުންގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ އުސޫލުތައް ގާއިމުކުރެވި، ޚާއްޞަ ދާއިރާތަކުން އެންމެ މަތީ ފަންތީގެ ޚިދުމަތްތަކަށް ޚާއްޞަ ބޭރުގެ ޑޮކްޓަރުން ރާއްޖޭގައި ޤާއިމުވެ ތިއްބަވައިގެން ޚިދުމަތް ފޯރުކޮށްދެއްވުން ފަދަ އިންތިޒާމުތައްވެސް ހަމަޖެހިގެންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.