
ބުރުގާގެ މައްސަލައިގައި އުފެދުނު ނުތަނަވަސްކަމާ ގުޅިގެން އުރުދުޣާންގެ މުޝީރަކު މަޤާމުން ވަކިކުރައްވައިފި
ބުރުގާގެ މައްސަލައިގައި އުފެދުނު ނުތަނަވަސްކަމާ ގުޅިގެން ތުރުކީއާއި އާޒަރުބައިޖާންގެ ގުޅުން ރަނގަޅުކުރުމަށްޓަކައި ރައީސް އުރުދުޣާން އެމަނިކުފާނުގެ މުޝީރަކު މަޤާމުން ވަކިކުރައްވައިފި އެވެ.
ތުރުކީން މި ފިޔަވަޅު އަޅާފައިވަނީ ތުރުކީ ބަހުން ވާހަކަދައްކާ ޤައުމުތަކުގެ ސަމިޓުގައި އާޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް ބައިވެރިވެވަޑައިގަތުން ކަށަވަރުކުރުމަށް ބާކޫއިން ހުށަހެޅި ޝަރުތުތަކަށް އިޖާބަދިނުމުގެ ގޮތުންނެވެ.
ބުރުގާ މަނާކުރުމާ ގުޅިގެން އުފެދުނު މައްސަލައިގައި ދެ ޤައުމުގެ ގުޅުން ގޯސްވެފައި ވަނިކޮށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ އާދީއްތަ ދުވަހު އެމަނިކުފާނުގެ އިސް މުޝީރަކު މަޤާމުން ވަކިކުރައްވާފަ އެވެ.
ރައީސްގެ އިސް މުޝީރު އޮކްޓޭ ސަރަލް ވަނީ އޭނާ މަޤާމުން ވަކިކުރިކަން އެމް.އީ.އީ އަށް ކަށަވަރުކޮށްދީފަ އެވެ. ”ރައީސްގެ ނިންމެވުމަށް އަޅުގަނޑު ފުރިހަމައަށް އިހުތިރާމް ކުރަން،“ އޭނާ ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
ނަސްލީ، ސަގާފީ، ދީނީ އަދި ތާރީޚީ ގޮތުން ގާތް ގުޅުމެއް އޮންނަ މި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަ ހައްލުކުރުމަށް އާޒަރުބައިޖާނުން އެދުނު ގޮތަށް ސަރަލް މަޤާމުން ވަކިކުރިކަން ވަނީ އެނގިފަ އެވެ.
މިދިޔަ މަހު އާޒަރުބައިޖާންގެ ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން ތުރުކީގައި އިހުތިޖާޖުތައް ބާއްވައި ބާކޫގެ ނިންމުމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
އެ ދުވަސްވަރު ސަރަލް ވެސް ވަނީ ސޯޝަލް މީޑިއާގައި މެސެޖެއް އާންމުކޮށް އެ ނިންމުމަށް ފާޑުކިޔައި އެ ނިންމުން ބަދަލުކުރުމަށް ބާކޫއަށް ގޮވާލާފަ އެވެ.
އޭނާގެ މި ވާހަކަތަކާ ގުޅިގެން އާޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްގެ ’ނިއު އާޒަރުބައިޖާން ޕާޓީ‘ އިން މި މަހުގެ ކުރީކޮޅު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް އިސްލާމީ ދުނިޔޭގައި ބާރުގަދަކުރަން އުޅުމުގެ ސިޔާސަތުތަކާ ދުރުހެލުމަށް އަންކާރާއަށް ގޮވާލާފަ އެވެ.
މި ހަފުތާގެ ފަހުކޮޅު ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ’އޯގަނައިޒޭޝަން އޮފް ތާކިކް ސްޓޭޓްސް‘ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ބާރުއެޅުމުގެ ގޮތުން އަންކާރާއިން ދަނީ އަލިޔޭވްއަށް ބާރުއަޅަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ދެ ޤައުމުގެ ލީޑަރުން ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން ދެ ޤައުމުން ނެރުނު ބަޔާންތަކުގައި ވެސް އުރުދުޣާން އަލިޔޭވްއަށް ދައުވަތު އެރުވިކަމަށް ބުނެފައިވީ ނަމަވެސް އެމަނިކުފާނު ވަޑައިގަންނަވާނެކަން ކަށަވަރުކޮށްދީފައެއްނުވެ އެވެ.
ބުރުގާ މަނާކުރުމާ ދެކޮޅަށް ތުރުކީގައި ކުރި މުޒާހަރާތަކުގެ ސަބަބުން އަލިޔޭވް ނުރުހުންވެ ސަމިޓުގައި ބައިވެރިވެވަޑައިނުގެންފާނެތީ ތުރުކީގެ އޮފިޝަލުން ތިއްބެވީ ކަންބޮޑުވެފަ އެވެ.
އާޒަރުބައިޖާންގެ މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި ސަރަލް މަޤާމުން ވަކިކުރުމަކީ އަލިޔޭވް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ލިބޭނެ ހިތްވަރެކެވެ. އަދި މި ނިންމުމުގެ ކުރިން އެމަނިކުފާނު ވަޑައިގަތުމުގެ ފުރުޞަޠު އޮތީ ފަންސާސް އިންސައްތައަށްވުރެ ވެސް ކުޑަކޮށް ކަމަށް އެ މަސްދަރުން ބުނެފައިވެ އެވެ.
މީގެ ކުރިން ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން ބާކޫއަށް ކުރެއްވި ޒިޔާރަތާ ގުޅިގެން އާޒަރުބައިޖާންގެ މީޑިއާތަކުން އަމާޒުކުރި ފާޑުކިޔުންތަކާއެކު މަސްލަހަތު ހަމައަކަށް އެޅުވުމަށް ތުރުކީން ކުރި މަސައްކަތްތައް އޮތީ ނާކާމިޔާބުވެފަ އެވެ.



