
”ފަގީރުންގެ ޑޮކްޓަރު“ ދޫކޮށްލީ އަނިޔާތަކުގެ ނިޝާންތަކާ އެކު
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ”ފަގީރުންގެ ޑޮކްޓަރު“ ގެ ނަމުން މަޝްހޫރުވެފައިވާ ފަލަސްތީނުގެ ޑޮކްޓަރަކު އޭނާއަށް އަނިޔާކޮށްފައިވާކަމުގެ ސާފު ނިޝާންތަކާއެކު ދޫކޮށްލައިފި އެވެ.
އުމުރުން 71 އަހަރުގެ ޑޮކްޓަރު މާޒިން ރަންތީސީ ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރިންނެވެ.
ގާތްގަނޑަކަށް ހަތަރު މަސް ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު އިސްރާއީލުގެ ސިފައިން އާދީއްތަ ދުވަހު އޯފަރ ޖަލުން މާޒިން ރަންތީސީ ދޫކޮށްލިއިރު އޭނާގެ ހަށިގަނޑުން ޖިސްމާނީ އަނިޔާގެ ސާފު ނިޝާންތައް ފެންނަން ހުއްޓެވެ.
އޭނާ މިނިވަންވުމަށްފަހު މީސްމީޑިއާގައި ދައުރުވި ފޮޓޯއަކުން ފެންނަ ގޮތުގައި އޭނާ ހުރީ ވަރަށް ބޮޑަށް ހިކި ހަށީހަނޑު ނިކަމެތި ވެފަ އެވެ. އަދި އޭނާގެ ނިތްކުރީގައި ރަތްކުލައިގެ ބޮޑު ޒަޚަމެއް ހުއްޓެވެ.
ފަގީރުންނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމާއި ބޭސް ފޯރުކޮށްދިނުމުގެ އިތުރުން އާމްދަނީ މަދު ފަލަސްތީނު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކްލިނިކެއް ހިންގާތީ ”ފަގީރުންގެ ޑޮކްޓަރު“ ގެ ނަމުން މަޝްހޫރުވެފައިވާ ރަންތީސީ ހައްޔަރުކުރީ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ފަތިހު ރާމަﷲގައި ހުންނަ އޭނާގެ ގެއަށް ވަދެގަނެގެންނެވެ.
އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮންމެ އަހަރަކު އެތައް ހާސް ފަލަސްތީނު ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ޖަމްޢިއްޔާއެއް ކަމަށްވާ ’ޔޫނިއަން އޮފް ހެލްތު ވޯކް ކޮމިޓީސް‘ ގެ ބޯޑު ޗެއާމަންގެ މަޤާމު އަދާކުރާތީ އެވެ.
ހާއާރެޓްޒް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޯފަރ ޖަލުގައި ބަންދުކޮށްފައި ހުރިއިރު އޭނާއަށް ޖިސްމާނީ ގޮތުން އަނިޔާކޮށް ޞިއްޙީ އެހީތެރިކަމުން މަހްރޫމްކޮށްފައިވާ ކަމަށް ރަންތީސީ ކުރިން އޭނާގެ ވަކީލުންނަށް ކިޔައިދީފައިވެ އެވެ. އަދި ޖަލަށް ގެންދިޔަ ފުރަތަމަ 10 ދުވަހު އޭނާ އާންމުކޮށް ކާ ބޭސްތައް ނުދީ ހިފެހެއްޓި ކަމަށާއި މިހާރުވެސް ބައެއް ބޭސްތައް ދިނުމަށް އިންކާރުކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.
665 ދުވަހުގެ ބަންދަށްފަހު ޖެނުއަރީ މަހު މިނިވަންވި ޑޮކްޓަރު އަހުމަދު މުހަންނާ ’ހެލްތުކެއާ ވޯކާސް ވޮޗް‘ އަށް މަޢުލޫމާތު ދެމުން ބުނީ އިސްރާއީލުން ޚާއްޞަކޮށް ޑޮކްޓަރުން ހޯދައި ހައްޔަރުކުރަމުންދާ ކަމަށާއި ބަންދުގައި ތިބޭއިރު އެމީހުންނާ މެދު އިންތިހާއަށް އަނިޔާވެރިކޮށް އަމަލުކުރާ ކަމަށެވެ.
ގައްޒާގެ އަލް-އައުދާ ހޮސްޕިޓަލުގެ ޑައިރެކްޓަރު މުހަންނާ ބުނި ގޮތުގައި އޭނާ ބަންދުގައި ހުރިއިރު އޭނާގެ ހަށިގަނޑުގެ ބަރުދަނުން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ވަނީ ލުއިވެފަ އެވެ. އަދި އިސްރާއީލުގެ ޖަލު ބަލަހައްޓާ މީހުން ބަލަން ތިބޭ ފަލަސްތީނުގެ ބައެއް މީހުން ޝަހީދުވެފައިވާ ކަމަށާއި ހަރުކަށި ތަޙްޤީޤްތަކުގައި އަނިޔާވާ މީހުންނަށް އެހީތެރިވުމުގެ ފުރުޞަޠު ޞިއްޙީ މުވައްޒަފުންނަށް ނުދޭ ކަމަށްވެސް އޭނާ ބުންޏެވެ.
އެޗް ޑަބްލިޔު ޑަބްލިޔުގެ ޑޮކްޓަރު ރެބެކާ އިންގްލިސް ބުނި ގޮތުގައި އިސްރާއީލުން ސަތޭކައާ ގާތްކުރާ އަދަދަކަށް ޞިއްޙީ މުވައްޒަފުން ބަންދުކޮށްފައި ބޭތިއްބުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ.
އިސްރާއީލުގެ ބަންދުގައި ތިބޭ ފަލަސްތީނު މީހުންނަށް އަނިޔާކުރާކަމުގެ ގިނަ ހެކިތައް ހުރުމާއެކު އެމީހުންގެ ސަލާމަތާއި މެދު ނުހަނު ބޮޑަށް ކަންބޮޑުވާ ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.



