ޣައްޒާގެ ފްލޮޓިލާ މައްސަލާގައި ނަތަންޔާހޫއާއި އިތުރު 34 އިސްރާއީލީއެއްގެ މައްޗަށް ތުރުކީގައި ދައުވާ އުފުލައިފި

ޣައްޒާގެ ފްލޮޓިލާ މައްސަލާގައި ނަތަންޔާހޫއާއި އިތުރު 34 އިސްރާއީލީއެއްގެ މައްޗަށް ތުރުކީގައި ދައުވާ އުފުލައިފި އެވެ.

ޣައްޒާއަށް އެހީ ހިފައިގެން ދިޔަ ’ގްލޯބަލް ސުމޫދު ފްލޮޓިލާ‘ އަށް ހުރަސްއެޅި މައްސަލާގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އިތުރު 34 މީހެއްގެ މައްޗަށް ތުރުކީގެ ކޯޓަކުން ޝަރީއަތް ފަށައިފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކޯޓުން ވަނީ ހުރިހާ ތަޙްޤީޤް ކުރެވޭ ފަރާތްތަކެއް ހައްޔަރުކުރުމުގެ އަމުރު ދަމަހައްޓައި ތުރުކީގައި އެމީހުންގެ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ހުރިތޯ ބެލުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފަ އެވެ.

އިސްތަންބޫލްގެ 11 ވަނަ ކްރިމިނަލް ކޯޓުގައި ހުކުރު ދުވަހު ފެށި މި ޝަރީއަތުގެ މަޖިލީހަށް ދައުވާ ލިބޭ އެއްވެސް ފަރާތަކުން ހާޒިރުވެފައެއްނުވެ އެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް އާއި، ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރުގެ އިތުރުން އަސްކަރީ ވެރިޔާ އިޔާލް ޒަމީރު ހިމެނެ އެވެ.

ދައުވާގެ ބަޔާނުގައި ބުނެފައިވަނީ މި ފަރާތްތަކުގެ މައްޗަށް އަނިޔާކުރުމާއި ގާނޫނާ ޚިލާފަށް މިނިވަންކަން ނިގުޅައިގަތުމާއި ހަށިގަނޑަށް ގެއްލުން ދިނުމުގެ އިތުރުން ފޭރުމުގެ ތުހުމަތު ކުރެވޭ ކަމަށެވެ.

ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ކަމަށް ބުނާ އަމަލުތަކާ ގުޅިގެން ވަކި މައްސަލަތަކެއް ބެލުމަށް ކޯޓުން ޕްރޮސެކިއުޓަރުންނަށް އިރުޝާދު ދީފައިވާއިރު ތުރުކީގެ ޖަސްޓިސް މިނިސްޓްރީ މެދުވެރިކޮށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން މައުލޫމާތު ހޯދުމަށްވެސް ވަނީ އެދިފަ އެވެ.

މި މައްސަލައަކީ ތުރުކީގެ ފްލޮޓިލާގައި ބައިވެރިވި ފަރާތްތަކުން ހުށަހެޅި ޝަކުވާތަކެއްގެ މައްޗަށް ބިނާވެފައިވާ މައްސަލައެކެވެ.

އެ ފަރާތްތަކުން ބުނާ ގޮތުގައި އިސްރާއީލުގެ ސިފައިން އުޅަނދުތަކަށް ހުރަސްއެޅުމަށްފަހު އެމީހުންނަށް އަނިޔާކޮށް މުދާތައް އަތުލައި އަދި އިންސާނީ ކަރާމާތަށް އުނިކަން އަންނަ ފަދަ ހާލަތްތަކެއްގައި ބަންދުކޮށްފައިވެ އެވެ.

ދައުވާ ލިބޭ ފަރާތްތަކާ ދެކޮޅަށް އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުމަށް އެދިފައިވާ އެދުމާމެދު ކޯޓުން ވަނީ ގޮތްތަކެއް ނިންމާފަ އެވެ.

ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކާ ދެކޮޅަށް ރެޑް ނޯޓިސްއެއް ނެރުނުކަން ކަށަވަރުވެފައެއް ނުވެ އެވެ.

ޣައިރު ހާޒިރުގައި ކުރިއަށްދާ މި ޝަރީއަތުގެ ދެން އޮންނަ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ 30 މާރިޗު 2027 އަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.