
މުސްލިމުންނަށް އަމާޒުކޮށް އިންޑިއާގެ ވޯޓާ ލިސްޓުން މިލިއަނުން މީހުން އުނިކޮށްފި
އިންޑިއާގެ ވޯޓުލާ މީހުންގެ ލިސްޓުން 100 މިލިއަނަށްވުރެ ގިނަ މީހުން އުނިކޮށްފައިވާއިރު ވަކި ޚާއްޞަ މުޖުތަމައުތަކަކަށް ނިސްބަތްވާ މީހުން މީގެ ތެރޭގައި ގިނަވަނީ ކީއްވެގެންތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ސަމީން އުއްދީނަކީ ދިގު މުއްދަތަކަށް ދިއްލީގެ އެއް އެޑްރެހެއްގައި ދިރިއުޅެމުން އަންނަ މީހެކެވެ.
އޭނާ ވަނީ 2025 ވަނަ އަހަރުގެ ދިއްލީ އިންތިޚާބުގައި ވޯޓުލާފަ އެވެ. ނަމަވެސް، ”ސްޕެޝަލް އިންޓެންސިވް ރިވިޝަން“ ގެ ދަށުން އެކުލަވައިލި ވޯޓާ ލިސްޓުގެ ޑްރާފްޓް ޝާއިޢުކުރިއިރު އޭނާގެ ނަމެއް އެ ލިސްޓަކު ނެތެވެ.
”އެސް.އައި.އާރް ލިސްޓުގައި މަގޭ ނަން ނެތުމަކީ ވަރަށް ހިތާމަވެރި އަދި ހައިރާންކުރުވަނިވި ކަމެއް. މަގޭ ނަން އުނިކުރިއިރު އިންޑިއާގެ އިލެކްޝަން ކޮމިޝަނުން އެއްވެސް ނޯޓިހެއް ދީފައެއް ނުވޭ،“ ދިއްލީގެ ނިޒާމުއްދީން ސަރަޙައްދުގައި ވިޔަފާރިކުރާ ޢުމުރުން 44 އަހަރުގެ ސަމީން ކިޔައިދިނެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި، މިހާރު އޭނާއަށް މަޖުބޫރު ކުރަނީ އަލަށް ވޯޓުލާ މީހެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ”ފޯމު 6“ ފުރުމަށެވެ.
މިއީ ސައްހަ ނޫން މަޢުލޫމާތު ހުށަހެޅުން ކަމަށް ބެލެވި އޭގެ ސަބަބުން ޤާނޫނީ އަދަބެއް ލިބިދާނެ ކަމުގެ ބިރު އޮތް ކަމެއްކަން އޭނާ ފާހަގަކުރި އެވެ.
ސަމީން ބުނި ގޮތުގައި ކުރިއަށް ދެން ވާނެ ގޮތެއް އޭނާއަކަށް ނޭނގެ އެވެ. ނަމަވެސް އެ ފޯމު ހުށަހެޅުމަށް އޭނާއަށް ދަނީ ޕްރެޝަރު ކުރިމަތިވަމުންނެވެ.
އިންޑިއާގެ ދެން އޮންނަ އާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2029 ވަނަ އަހަރު އެވެ.
މިއީ ހަމައެކަނި ސަމީންއަށް ދިމާވެފައިވާ މައްސަލައެއް ނޫނެވެ. އިންޑިއާގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން މިފަދަ ޝަކުވާތައް ކުރަމުންދާއިރު ގިނަ އަދަދެއްގެ ބައެއްގެ ނަންތައް ވޯޓާ ލިސްޓުން ވަނީ އުނިވެފަ އެވެ.
އަންދާޒާކުރެވޭ ގޮތުގައި ޖުމްލަ 133 މިލިއަން މީހުންގެ ނަން ވޯޓާ ލިސްޓުން އުނިކުރުމަށް ވަނީ ނިންމާފަ އެވެ.
މިކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ގިނަ ބަޔަކު ވަނީ ލިސްޓުން އުނިކޮށްފަ އެވެ.
މީގެ ތެރޭގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ މުސްލިމުންނަށާއި ހިންދޫންގެ ޒާތީ ނިޒާމުގެ އެންމެ ދަށު ދަރަޖައިގައި ހިމެނޭ ”ދަލިތުން“ ނަށެވެ.
”ދަ ވަޔަރ“ އިން ކުރި ތަހުގީގަކުން ދައްކާ ގޮތުގައި، ހުޅަނގު ބެންގޯލްގައި ވޯޓާ ލިސްޓުން އުނިކުރި 2.75 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 1.8 މިލިއަނަކީ މުސްލިމުންނެވެ.
މިއީ ވޯޓުލުމުގެ ހައްގު ނެތް ކަމަށް ކަނޑައެޅި ޖުމްލަ މީހުންގެ 70 އިންސައްތަ އެވެ. ނަމަވެސް އެ ސްޓޭޓުގެ ޖުމްލަ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ އެންމެ 25 އިންސައްތަ އެވެ.
ބައެއް ސަރަޙައްދުތަކުގައި ވޯޓާ ލިސްޓުން އުނިކުރި މީހުންގެ 90 އިންސައްތައަށްވުރެ ގިނައީ މުސްލިމުން ކަމަށް ”ދަ ވަޔަރ“ އިން ރިޕޯޓުކޮށްފައިވެ އެވެ.
މި ތަފާތުކުރުންތަކާ ގުޅިގެން ނިއުދިއްލީގެ މަގުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.
އޮކްޓޫބަރު މަހުގެ މެދުތެރޭގައި ބޭއްވި މުޒާހަރާއެއްގައި ގާތްގަނޑަކަށް 250,000 މީހުން ބައިވެރިވި ކަމަށް ކޮންގްރެސް ޕާޓީން ބުނާއިރު، މުޅި ޤައުމުގައި އެތައް ހާސް ބަޔަކު ދަނީ މިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.



