
ބަންގްލަދޭޝްގެ ދެ ރައްޔިތަކަށް މަރުގެ އަދަބުދިން ހާދިސާގެ ތަފްސީލު
ސަޢޫދީ ޢަރަބިއްޔާގައި ސުއޭޓީ އަޚްތަރު އަދި ނަޒްރުލް އިސްލާމް އަބްދުލް ބާސިރުގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅިގެން އެނގިފައިވާ މައުލޫމާތާއި މިކަމުގެ ސަބަބުން އުފެދިފައިވާ ޚާރިޖީ ނުތަނަވަސްކަން.
އޭނާގެ ދަރިފުޅުގެ ފޮޓޯއެއްގައި ހިފަހައްޓައިގެން ހުރި ފަޒްލް މިއާ ހުރީ އަދިވެސް ބޮޑު ސިހުމެއްގަ އެވެ.
އެއީ އޭނާގެ ދަރިފުޅު ސުއޭޓީ އަޚްތަރުގެ މައްޗަށް ސަޢޫދީ ޢަރަބިއްޔާގައި މަރުގެ އަދަބު ތަންފީޒުކުރާނެކަން އޭނާއަށް އަންގާފައި ނުވާތީ އެވެ.
މަސައްކަތް ކުރުމަށް ބަންގްލަދޭޝް ދޫކޮށް ސަޢޫދީއަށް ދިޔުމަށްފަހު ފުރަތަމަ ފަސް މަސްދުވަހު އަޚްތަރު އާއިލާއަށް ފައިސާ ފޮނުވި އެވެ.
ނަމަވެސް އެއަށްފަހު އޭނާ ހުރީ ޖަލުގައި ކަމަށް ބުނެ އާއިލާއަށް ގުޅި އެވެ.
އާއިލާއަށް އެމީހުންގެ ދަރިފުޅުގެ މައްޗަށް މަރުގެ ހުކުމް އައިކަން އެނގުނީ ޚަބަރުތަކުންނެވެ.
އަޚްތަރާއެކު ބަންގްލަދޭޝްގެ އެހެން ރައްޔިތެއް ކަމަށްވާ ނަޒްރުލް އިސްލާމް އަބްދުލް ބާސިރުގެ މައްޗަށް ވެސް ވަނީ މަރުގެ އަދަބު ތަންފީޒުކޮށްފަ އެވެ.
މި ދެ މީހުންގެ މަރުގެ އަދަބު ތަންފީޒުކުރި ޚަބަރު ލިބިފައި މިވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ކަމުގެ ކުށް ސާބިތުވި ސްްރީލަންކާގެ ރައްޔިތަކަށް އިއްވާފައިވާ މަރުގެ ހުކުމް ސްްރީލަންކާ ސަރުކާރުން މެދުވެރިވެގެން ބަދަލުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
މިކަމުގެ ސަބަބުން މަރުގެ ހުކުމާ ގުޅޭ މައުލޫމާތު ބަންގްލަދޭޝްގެ ސަރުކާރަށް ނޭންގީ ކީއްވެގެންތޯ އާއި ބޭރުޤައުމުތަކުގައި މަސައްކަތްކުރާ އެޤައުމުގެ ނިކަމެތި މަސައްކަތްތެރިންގެ ހައްގުގައި ބަންގްލަދޭޝްއިން ކުރަނީ ކިހާވަރެއްގެ މަސައްކަތެއްތޯ ސުވާލު އުފެދެ އެވެ.
މި ހާދިސާ ހިނގި ގޮތް:
އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި އަޚްތަރު އަދި އަބްދުލް ބާސިރުގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރި އެވެ.
އުމުރުން 22 އަހަރުގެ އަބްދުލް ބާސިރަކީ އާއިލާގެ ހަތަރު ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާ އެވެ.
އޭނާއަކީ ބަންގްލަދޭޝްގެ ބްރަހްމަންބާރިއާ ސިޓީއަށް ނިސްބަތްވާ މީހެކެވެ.
އަޚްތަރަކީ އާއިލާގެ ހަތަރު އަންހެން ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. އޭނާގެ އުމުރު ހާމަކޮށްފައި ނުވާއިރު އޭނާ ދުނިޔެ ދޫކުރިއިރު ހަތަރު އަހަރުގެ އަންހެން ދަރިއަކު ހުއްޓެވެ. އޭނާއަކީ ޓަންގައިލް ސިޓީގެ މީހެކެވެ.
އަބްދުލް ބާސިރު އަދި އަޚްތަރު މަސައްކަތް ކުރަމުން ދިޔައީ ސަޢޫދީގެ އަލް-މަޖާލް ކުންފުނީގެ ސާފުކުރާ މުވައްޒަފުންގެ ގޮތުގަ އެވެ.
ސަޢޫދީގެ ދާޚިލީ ވުޒާރާއިން ވަނީ ސަޢޫދީ ޕްރެސް އެޖެންސީ މެދުވެރިކޮށް މިކަން ކަށަވަރުކޮށްދީފަ އެވެ.
ޢަރަބި ބަހުން އެކަނި ނެރުނު އެ ބަޔާނުގައި ބުނެފައިވަނީ ބަންގްލަދޭޝްގެ އެ ދެ ރައްޔިތުން މިސްކިތެއްގެ ތެރޭގައި ”ބަދުއަޚްލާގީ“ އަމަލެއް ހިންގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އަމަލެއްކަން ސާފުކޮށްދީފައެއްނުވެ އެވެ.
ދާޚިލީ ވުޒާރާއިން ބުނި ގޮތުގައި އެމީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވީ ”ތައުޒީރު“ގެ ދަށުންނެވެ. އަދި އެ ހުކުމް ތަންފީޒުކުރީ ޝަރުއީ މަރުހަލާތައް ފުރިހަމަކޮށް ރަސްކަމުގެ އަމުރަކާ އެކުގަ އެވެ.
އެމީހުންގެ މައްޗަށް ކުރެވުނު ތުހުމަތުތަކަކީ ކޮބައި ހެއްޔެވެ؟
ސަޢޫދީ ކަމާބެހޭ ފަރާތްތަކުން އެމީހުން ކުރި ކަމަށް ބުނާ ކުށުގެ ތަފްސީލެއް ނުވަތަ އެކަން ހިނގި މިސްކިތާއި ހައްޔަރުކުރި ތާރީޚެއް އަދި ޝަރީއަތުގެ މަރުހަލާގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއި ތަރުޖަމާނެއްގެ އެހީ ލިބުނުކަމެއް ހާމަކޮށްފައެއްނުވެ އެވެ.
ނަމަވެސް ބަންގްލަދޭޝްގެ ”ޑެއިލީ ސްޓާ“ ނޫހަށް ލިބިފައިވާ ސިއްރު ލިޔުމަކުން ހާމަވާ ގޮތުގައި އެ ދެމީހުން ހައްޔަރުކުރީ ވަކިވަކިން ކަމަށާއި އެމީހުންގެ މައްޗަށް ކުރެވުނީ ތަފާތު ދައުވާތަކެކެވެ.
ޖިއްދާގައި ހުންނަ ކޮންސިއުލޭޓަށް ސެޕްޓެމްބަރު 30 ގައި ލިބުނު ގައިދީންގެ ލިސްޓުން ދައްކާ ގޮތުގައި އަބްދުލް ބާސިރު ހައްޔަރުކުރީ 1 އޯގަސްޓް 2023 ގައި ސަޢޫދީގެ ސައިބަރ ކްރައިމް ގާނޫނުގެ ދަށުންނެވެ.
އަޚްތަރު ހައްޔަރުކުރީ އޭގެ އަނެއް ދުވަހު ޒިނޭގެ ތުހުމަތުގަ އެވެ.
އަޚްތަރުގެ ބައްޕަ ބުނި ގޮތުގައި އޭނާއާ އެކު މަސައްކަތްކުރާ އެހެން މުވައްޒަފުންނާ ޖެހުނު މައްސަލައެއްގައި އެމީހުން އޭނާ ”ބައްދާލީ“ ކަމަށް އަޚްތަރު ބުނެފައިވެ އެވެ. އޭގެ ފަހުން އަހަރެއްހާ ދުވަސް ވަންދެން އާއިލާއަށް އޭނާގެ ޚަބަރެއްނުވެ އެވެ.
މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން ދެމީހުން ވެސް ތިން އަހަރު ދުވަހު ޖަލުގައި ހޭދަކުރި އެވެ.
ނަމަވެސް އޭރު ލިބުނު ގައިދީންގެ ލިސްޓުގައި އެމީހުންގެ މައްޗަށް މަރުގެ ހުކުމެއް އޮތް ކަމަކަށް ބަޔާންކޮށްފައެއްނުވެ އެވެ.
މީގެ އިތުރުން ސެޕްޓެމްބަރު މަހު ކުރެވުނު ތުހުމަތުތަކާއި އެމީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރި ކުށާ ހުރި ގުޅުމެއް އެ ލިޔުމުން ސާފެއްނުވެ އެވެ.



