
ހޫޘީންގެ ހުރަސްތަކާއެކު ވެސް ރަތްކަނޑުގެ މަގުން ތެޔޮ ބޭރޭ
ހޫޘީންގެ ހުރަސްތަކާއެކު ވެސް ރަތްކަނޑުގެ މަގުން ތެޔޮ ބޭރުކުރުން ކުރިއަށްދެ އެވެ.
ސަޢޫދީ ޢަރަބިއްޔާއިން ވެސް ދަނީ ރަތްކަނޑު މެދުވެރިކޮށް އިތުރަށް ތެޔޮ ބޭރުކުރަމުންނެވެ.
ޔަމަނާ އިންވެގެން އޮންނަ ބާބުލް މަންދަބް ކަނޑުއޮޅިން އޭޝިއާއަށް ތެޔޮ ފޮނުވަމުންދިޔަ ނަމަވެސް ހޫޘީން ސަޢޫދީ އުޅަނދުތަކަށް ހުރަސްއެޅުމުން މިހާރު މިޞްރު މަގުން މެޑިޓެރޭނިއަން ކަނޑަށް ތެޔޮ ފޮނުވުމަށް އެހެން ހޮޅިލައިނެއް ދަނީ ބޭނުންކުރަމުންނެވެ.
ސެޕްޓެމްބަރު މަހުގެ ހިސާބުތަކަށް ބަލާއިރު ގަލްފުން ބޭރުކުރި އީރާނު ނޫން އެހެން ޤައުމުތަކުގެ ތެލުގެ 40 އިންސައްތަ ބޭރުކޮށްފައިވަނީ ހޯރްމުޒް ކަނޑުއޮޅި ބޭނުންނުކޮށް އެހެން މަގުތަކުންނެވެ. ހަނގުރާމައިގެ ކުރިން މި އަދަދު ހުރީ 17 އިންސައްތައިގައެވެ.
މެދުއިރުމަތީގެ ޤައުމުތަކުން މިހާރު ދަނީ ދާއިމީކޮށް ބޭނުންކުރެވޭނެ އެހެން މަގުތަކެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން އޯޕެކްގެ ދެވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ އިރާގުން ވަނީ ސޫރިޔާގެ މެޑިޓެރޭނިއަން އައްސޭރިއާ ހަމައަށް ތެޔޮ ހޮޅިއެއް އެޅުމުގެ އެއްބަސްވުމެއްގައި ސޫރިޔާއާއެކު ސޮއިކޮށްފަ އެވެ.
ތެޔޮ ބޭރުކުރާ މިންވަރު އިތުރުވި ނަމަވެސް ބައިނަލްއަޤްވާމީ ބާޒާރުގައި ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު އަދިވެސް ހުރީ 109 ޑޮލަރުގަ އެވެ. އަދި ޑީސަލް ފަދަ އުފެއްދުންތަކުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
މީގެ މައިގަނޑު ސަބަބަކީ ދަތުރުތައް ދިގުވުމުގެ ސަބަބުން އުޅަނދުތަކަށް އޮތް ޑިމާންޑް ބޮޑުވެ އުފުލުމުގެ ޚަރަދު އިތުރުވުމެވެ.



