
ޣައްޒާގައި އުރަމަތީ ކެންސަރު ބަލީގެ އަންހެނުން މަރުގެ ތުންފަތްމަތީގައި
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން، އުރަމަތީ ކެންސަރު ބަލީގެ އަންހެނުން ފަރުވާ ނުލިބި މަރުގެ ތުންފަތްމަތީގަ އެވެ.
ޣައްޒާގައި ރޭޑިއޯތެރަޕީގެ ޚިދުމަތް މެދުކެނޑި ބޭރު ޤައުމުތަކަށް ފަރުވާއަށް ދިއުން ހަނިކޮށްފައިވާއިރު ހޮސްޕިޓާތައް ސުންނާފަތިކޮށްލުމާއި ބޭސްފަރުވާގެ ސާމާނު ހުސްވުމުގެ ސަބަބުން ފަލަސްތީނުގެ އެތައް ހާސް އަންހެނުންނެއް ތިބީ ފަރުވާ ނުލިބި ނުރައްކާތެރި ހާލަތެއްގަ އެވެ.
ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާ ސިޓީގައި ހުންނަ އައްޝިފާ ހޮސްޕިޓަލުން ހަ ގަޑިއިރުގެ ކެންސަރު ފަރުވާއަށްފަހު، ޢުމުރުން 46 އަހަރުގެ ނަޖާތު އަބޫ އައްޝައިޚް އޭނާގެ ފިރިމީހާއާއެކު ބޭރުގައި މަޑުކޮށްލައިގެން އިނީ ގެއަށް ދާނެ ދަތުރެއްގެ އިންތިޒާރުގަ އެވެ.
ނަމަވެސް އޭނާގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އަސްލު ފަރުވާ އަދިވެސް ވަނީ ލިބޭނެގޮތެއް ނެތިފަ އެވެ.
ނަޖާތުއަށް މިދިޔަ ފެބުރުއަރީ މަހު ލިބެންޖެހޭ ރޭޑިއޯތެރަޕީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގައި ލިބޭކަށް ނެތެވެ. މީގެ ސަބަބުން އޭނާގެ ބަލި އަލުން އެނބުރި އައުމުގެ ބިރު ބޮޑުވެ ބަލިން ފަސޭހަވުމުގެ އުންމީދު ދަނީ ކުޑަވަމުންނެވެ.
”އަހަރެންނަށް އުރަމަތީ ކެންސަރުގެ ދެވަނަ މަރުހަލާ ޖެހިފައިވާކަން އެނގުނީ 2024 ވަނަ އަހަރުގެ ޖެނުއަރީ 5 ގައި އޭގެ ތިން ހަފުތާ ފަހުން އަލްހެލޫ އިންޓަނޭޝަނަލް ހޮސްޕިޓަލުން ކީމޯތެރަޕީގެ ފުރަތަމަ ޑޯޒް ނެގިން، އެއީ ވަރަށް ބޮޑު ހިތްދަތިކަމެކެއް، ސަބަބަކީ ހަނގުރާމަ ފެށުމަށްފަހު ޣައްޒާގެ ހޮސްޕިޓާތަކުން ފަރުވާ ހޯދުމަކީ ކިހާ އުނދަގޫ ކަމެއްކަން އަހަރެންނަށް އެނގޭތީ.“ އަބޫ އައްޝައިޚް ބުންޏެވެ.
އަބޫ އައްޝައިޚް ވަނީ ކީމޯތެރަޕީގެ އަށް ބުރެއް ފުރިހަމަކޮށް އުރަމަތީގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. ނަމަވެސް އޭނާގެ ފަރުވާ އަދިވެސް ފުރިހަމައެއް ނުވެ އެވެ.
”އަހަރެން މިހާރު އައްޝިފާ ހޮސްޕިޓަލުން ނަގަނީ ބަލި އަލުން އެނބުރި އައުން ހުއްޓުވުމަށްދޭ ’ޓާގެޓެޑް ތެރަޕީ‘ ނަމަވެސް ރޭޑިއޯތެރަޕީ ފުރިހަމަކުރުމަށް އަހަރެން ވަރަށް އަވަހަށް ޤައުމުން ބޭރަށް ދާންޖެހޭ، އެ ފަރުވާ މިތަނަކު ނެތް“ އޭނާ ކިޔައިދިނެވެ.
އެ ހޮސްޕިޓަލުގެ ކެންސަރު ބަލީގެ ޑިޕާޓްމަންޓް ތެރޭގައި އެތައް ބައިވަރު އަންހެނުންނެއް ފަރުވާއަށް އިންތިޒާރު ކުރަމުންދެ އެވެ. ބައެއް މީހުން ކީމޯތެރަޕީ ނަގަމުންދާއިރު އަނެއް ބަޔަކު ދަނީ އަބޫ އައްޝައިޚް ފަދައިން ޓާގެޓެޑް ތެރަޕީ ހޯދަމުންނެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަބޫ އައްޝައިޚް ހިމެނެނީ ޣައްޒާގައި އެކަށީގެންވާ ފަރުވާ ނުލިބި ހާލުގައި ޖެހިފައިވާ 11,000 އެއްހާ ކެންސަރު ބަލިމީހުންގެ ތެރޭގަ އެވެ.



