
އިސްރާއީލުގެ ޞިއްޙީ ނިޒާމަށް ބޮޑު ގޮންޖެހުމެއް
ފާއިތުވި ތިން އަހަރު ތެރޭގައި 1,369 ޑޮކްޓަރުން ޤައުމު ދޫކޮށް ދިޔުމާ ގުޅިގެން އިސްރާއީލުގެ ސިއްހީ ނިޒާމަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އިސްރާއީލް މެޑިކަލް އެސޯސިއޭޝަން އިން ހާމަކުރި ގޮތުގައި ސަލާމަތީ ކަންބޮޑުވުންތަކާއި މަސައްކަތުގެ ބުރަކަމާއި ކުރިމަގުގެ ފުރުސަތުތަކާ ގުޅިގެން ގިނަ އަދަދެއްގެ ޑޮކްޓަރުން ޤައުމު ދޫކޮށް ދިއުމަކީ ސަރުކާރުގެ ހޮސްޕިޓަލްތަކުން ދޭ ޚިދުމަތްތަކަށް ދިގުމުއްދަތުގެ ނުރައްކަލެއް ކުރިމަތިވެދާނެ ކަމެކެވެ.
އާ ސާވޭއަކުން ދައްކާ ގޮތުގައި 7 އޮކްޓޯބަރު 2023 ގައި ހަމާސްއިން ދިން ހަމަލާތަކާއި އޭގެ ފަހުން އިސްރާއީލުން ގައްޒާގައި ހިންގަމުންދާ ގަތުލުއާންމަށް ފަހު ފާއިތުވި 15 މަސްދުވަހުގެ ތެރޭގައި މަދުވެގެން 50 ޑޮކްޓަރުން ވަނީ ޤައުމު ދޫކޮށް ގޮސްފަ އެވެ.
އިސްރާއީލުގެ 32 ހޮސްޕިޓަލަކާއި މެޑިކަލް ސެންޓަރެއްގައި އައި.އެމް.އޭ އިން ކުރިއަށް ގެންދިޔަ މި ސާވޭއިން އެނގޭ ގޮތުގައި ގިނަ އަދަދެއްގެ ޑޮކްޓަރުން ދަނީ ޤައުމުން ބޭރަށް ހިޖުރަކުރަމުންނެވެ.
އިސްރާއީލުގެ ޞިއްޙީ އިސްވެރިން އިންޒާރުދޭ ގޮތުގައި މީގެ ސަބަބުން ޤައުމުގެ ޢާންމު ޞިއްޙީ ނިޒާމަށް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެ އެވެ.
އައި.އެމް.އޭ އިން މި ސާވޭ އާންމުކޮށްފައިވަނީ ޑޮކްޓަރުން ޤައުމު ދޫކޮށް ދިއުމާ ގުޅޭގޮތުން ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ.
މިއީ 2023 އާއި 2025 އާ ދެމެދު 1,369 ޑޮކްޓަރުން އަހަރަކަށް ވުރެ ގިނަ ދުވަހަށް ޤައުމު ދޫކޮށް ގޮސްފައިވާ ކަމަށް ތެލްއަވީވް ޔުނިވާސިޓީން ދާދި ފަހުން ނެރުނު ރިޕޯޓަކަށް ފަހު ބޭއްވި ބައްދަލުވުމެކެވެ.
އިސްރާއީލުގެ ގިނަ ޑޮކްޓަރުން ތަމްސީލުކުރާ އައި.އެމް.އޭ އިން ބުނި ގޮތުގައި ޤައުމު ދޫކޮށް ދިޔަ 50 ޑޮކްޓަރުންގެ އިތުރުން އިތުރު 53 ޑޮކްޓަރުން ވަނީ ތަމްރީނު ހޯދުމަށް ރާއްޖެއިން ބޭރަށް ގޮސް އެއްބަސްވެފައިވާ މުއްދަތު ހަމަވިއިރުވެސް އެނބުރި ނައިސްފަ އެވެ.
އިސްރާއީލުގެ ’ވައިނެޓް‘ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑޮކްޓަރުން ޤައުމު ދޫކޮށް ދިއުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ގޭސްޓްރޯއެންޓްރޮލޮޖީ، އޮންކޮލޮޖީ، އިންޓާނަލް މެޑިސިން އަދި ސައިކޭޓްރީ ފަދަ ދާއިރާތަކަށެވެ.
މި ރިޕޯޓުގައިވާ ގޮތުން ޑޮކްޓަރުން ޤައުމު ދޫކޮށް ދިއުމުގެ މައިގަނޑު ހަތަރު ސަބަބަކީ އިސްރާއީލުގެ ސަލާމަތީ ހާލަތު އަމިއްލަ ސަބަބުތައް ވަޒީފާގެ ކުރިއެރުން ހޯދުން އަދި ރަނގަޅު މުސާރަ އެވެ.
ނަމަވެސް އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި އިސްރާއީލުގެ ސައިކޭޓްރިސްޓަކު ބުނި ގޮތުގައި ބޮޑު މުސާރައަކީ ޑޮކްޓަރުން ޤައުމު ދޫކޮށް ދިއުމަށް ބޭނުންވާ ސަބަބުތަކުގެ ތެރެއިން އެންމެ ފަހު ސަބަބެވެ.
އޭނާ ފާހަގަކުރި ގޮތުގައި ޤައުމު ދޫކޮށް ދިއުމުގެ މައިގަނޑު ސަބަބުތަކަކީ ޤައުމުގެ ސަލާމަތީ ހާލަތު މެދުވެރިވެފައިވާ ގޮތާއި ދަރިންގެ ކުރިމަގާ މެދު އޮތް ކަންބޮޑުވުމާއި މަސައްކަތުގެ ސަބަބުން ކުރިމަތިވާ ވަރުބަލިކަމުގެ އިތުރުން ދާއިރާގެ ކުރިއެރުމަށް ބޭރު ޤާއުމުތަކުގައި ހުރި ފުރުސަތުތަކެވެ.
އެ ސައިކޭޓްރިސްޓް އިތުރަށް ވިދާޅުވީ އޮކްޓޯބަރު 7 ގެ ހަމަލާތަކަށް ފަހު ނަފްސާނީ އެހީތެރިކަމަށް އެދޭ މީހުންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ޑޮކްޓަރުން ވެސް ހިމެނޭ ކަމަށެވެ.
މިއީ ވެސް ޑޮކްޓަރުން ޤައުމު ދޫކޮށް ދާންޖެހޭ އެއް ސަބަބު ކަމަށް އޭނާ ފާހަގަކުރި އެވެ.
އިސްރާއީލުގެ ޖަމިއްޔާއެއް ކަމަށްވާ ’އީ.އާރު.އޭ.އެން‘ އިން ބުނި ގޮތުގައި ފާއިތުވި ތިން އަހަރުގެ ތެރޭގައި އިސްރާއީލުގެ ހަތަރުބައިކުޅަ އެއްބައި މީހުންގެ ކިބައިން ޕޯސްޓް-ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑާ ގެ އަލާމާތްތައް ފެނިފައިވެ އެވެ. އަދި އެހީތެރިކަމަށް އެދި އެތައް ލައްކަ ފޯނު ކޯލެއް ލިބެމުންދާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
އައި.އެމް.އޭ ގެ ޗެއާމަން ޒިއޮން ހަގޭ ބުނި ގޮތުގައި އިސްރާއީލުގެ ޑޮކްޓަރުން އެންމެ ގިނައިން ހިޖުރަކުރަނީ އިނގިރޭސިވިލާތް، އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، ނިއުޒީލޭންޑް އަދި ޖަރުމަނަށެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްރާއީލުގެ ޑޮކްޓަރުންނަށް ބޮޑު ޑިމާންޑެއް އޮންނަ ކަމަށެވެ.
ޑޮކްޓަރުން މިގޮތަށް ޤައުމު ދޫކޮށް ދިއުމަކީ އިސްރާއީލަށް އޮތް ’ސްޓްރެޓީޖިކް ނުރައްކަލެއް‘ ކަމަށް ސިފަކުރައްވަމުން ހަގޭ ވިދާޅުވީ ބޭރަށް ގޮސްފައިވާ ޑޮކްޓަރުން އަނބުރާ ގައުމަށް ގެނައުމަށްޓަކައި ހާއްސަ ފޯރަމެއް އުފައްދަވާނެ ކަމަށެވެ.



