
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފުރަމާނަ ދަތުރުފުޅެއްގައި އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި މި ދަތުރުފުޅުގައި ބާއްވަވާ ބައްދަލުވުން ތަކަކީ މި މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ބޭއްވޭ އެންމެ މަތީ ފަންތީގެ ފުރަތަމަ ރަސްމީ ބައްދަލުވުންތަކެވެ.
އިސްލާމްއާބާދު އިންޓަނޭޝަނަލް އެއަރޕޯޓަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފައިބާވަޑައިގަތުމުން، މަރުޙަބާ ދެންނެވުމުގެ ގޮތުން 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުން އޮންނާނީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމުގައިވާ ޕްރައިމް މިނިސްޓަރ ހައުސްގައި، މާދަމާއެވެ.
މިހިނގާ އޮކްޓޫބަރުމަހުގެ 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅު ދިމާވެފައި މި ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.



