މަސްވެރި އުޅަނދުފަހަރު ބޭނުންކޮށްގެން ހޫޘީން ހަތިޔާރު އެތެރެކުރާކަމުގެ އިންޒާރު ދީފި

ޔަމަނުގައި ހަރަކާތްތެރިވާ ސައުދީ އިސްވެ އޮންނަ ކޯލިޝަނުން، މަސްވެރި އުޅަނދުފަހަރު ބޭނުންކޮށްގެން ހޫޘީން ހަތިޔާރު އެތެރެކުރާކަމުގެ އިންޒާރު ދީފި އެވެ.

ސަޢޫދީ ކޯލިޝަނުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީރާނުގެ މަދަދުލިބޭ ހޫޘީ ހަނގުރާމަވެރިން އާންމުކޮށް ބޭނުންކުރާ މަސްވެރި އުޅަނދުފަހަރުގެ ނިވާފަތްގަނޑުގައި ޔަމަނަށް ހަތިޔާރާއި މިސައިލް އަދި އަސްކަރީ ސާމާނު އެތެރެކުރަމުންދާ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ހޫޘީންނަށް އެއްބާރުލުން ނުދިނުމަށް އުޅަނދުފަހަރުގެ ވެރިންނަށް ކޯލިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކޯލިޝަންގެ ޖޮއިންޓް ފޯސަސް ކޮމާންޑުން ނެރުނު މި ބަޔާނުގައި ހޫޘީން އަސްކަރީ ސާމާނު އުފުލުމަށް ބޭނުންކުރާ ހަތަރު ބާވަތެއްގެ އުޅަނދު ވަނީ ފާހަގަކޮށްފަ އެވެ.

ކޯލިޝަނުން ބުނި ގޮތުގައި މިގޮތަށް ހިންގާ ހަތިޔާރު އެތެރެކުރުމުގެ އަމަލުތަކަކީ ޔަމަނުގެ ސަލާމަތަށް އޮތް ސީދާ ނުރައްކަލެކެވެ.

މީގެ އިތުރުން މިއީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ސަލާމަތަށް ހުރި ބިރެއް ކަމަށާއި މީގެ ސަބަބުން އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

”ޔަމަނުގެ ޤާނޫނީ ސަރުކާރަށް ތާއީދުކުރާ ކޯލިޝަންގެ ޖޮއިންޓް ފޯސަސް ކޮމާންޑުން އިންޒާރުދެނީ ޓެރަރިސްޓް ހޫޘީން ކަނޑުމަގުން ހަތިޔާރާއި މިސައިލް އަދި އަސްކަރީ ސާމާނު އެތެރެކުރުމަށް އާންމު އުޅަނދުފަހަރުގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާ ދިއުމާ މެދު،“ ބަޔާނުގައި ބުނެފައިވެ އެވެ.

ޔަމަނުގެ އައްސޭރިފަށަށް ހަތިޔާރާއި އަސްކަރީ ސާމާނު އުފުލުމުގައި ހޫޘީންނާ އެއްވެސް މުއާމަލާތެއް ނުކުރުމަށް ކަނޑު އުޅަނދުފަހަރުގެ ހުރިހާ ވެރިންނަށް ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ. އަދި މި އިންޒާރަކީ އުޅަނދުފަހަރުގެ ވެރިންނާއި ފަޅުވެރިން އަދި އެފަރާތްތަކުގެ މުދާ މިފަދަ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށް ދެވޭ އިންޒާރެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.

މި ބަޔާނާއެކު ހޫޘީން ބޭނުންކުރާ ކަމަށް ފާހަގަކުރެވުނު ހަތަރު ބާވަތުގެ އުޅަނދުގެ ފޮޓޯވެސް ވަނީ އާންމުކޮށްފަ އެވެ.

މި އިންޒާރު ދީފައިވަނީ ޔަމަނުގެ ހަނގުރާމަ ވަރުގަދަވެ ހޫޘީންގެ އަސްކަރީ އޮނިގަނޑުތަކަށް އަމާޒުކޮށް ކޯލިޝަނުން ދެމުންދާ ހަމަލާތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ވޭތުވެދިޔަ ހަފުތާގައި ކޯލިޝަންގެ ތަރުޖަމާން މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވީ ސަރަހައްދީ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކު ހޫޘީން ޒަމާނީ ޓެކްނޮލޮޖީ ހޯދާފައިވާ ކަމަށެވެ. އަދި ފަހަކަށް އައިސް ހިންގި އޮޕަރޭޝަންތަކުގައި ފަރުބަދަމަތީ ސަރަހައްދުތަކުގައި ހުރި ހޫޘީންގެ ހަތިޔާރު ރައްކާކުރާ 127 ތަނަކާއި ގިނަ އަދަދެއްގެ މިސައިލް ފޮނުވާ އާލާތްތައް ކޯލިޝަންގެ ފައުޖުތަކުން ހަލާކުކޮށްލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހޫޘީން ހަތިޔާރު ފޮރުވުމަށާއި ހަމަލާތައް ދިނުމަށް ބިމުގެ އަޑީގައިވާ ތަންތަނާއި ހޮހަޅަތައް އަދި ފަރުބަދަމަތީ ސަރަހައްދުތައް ބޭނުންކުރާ ކަމަށް ކޯލިޝަނުން ތުހުމަތުކުރެ އެވެ.

މި އިންޒާރު އައިސްފައިވަނީ ރެޑް ސީ އާއި ގަލްފް އޮފް އަދަން ގުޅުވައިދޭ މުހިންމު ސަރަހައްދެއް ކަމަށްވާ ބާބުލް މަންދަބް ކަނޑުއޮޅި ހިމެނޭ ސަރަހައްދުގެ ކަނޑުމަތީގެ ސަލާމަތާ މެދު ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އާދީއްތަ ދުވަހު ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ގެ ޚާރިޖީ ވަޒީރުން ވަނީ ބާބުލް މަންދަބް އަދި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ މިނިވަންކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް މަސައްކަތް އިތުރުކުރުމަށް ގޮވާލައްވާފަ އެވެ.

ހަމައެއާއެކު ސަޢޫދީ ޢަރަބިއްޔާއަށް ހޫޘީން ދެމުންދާ ހަމަލާތައް އެ ވަޒީރުން ވަނީ ކުށްވެރިކުރައްވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.