
އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ކާމިޔާބުވީ އެމެރިކާ އަށް – ޓްރަމްޕް
އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އަސްކަރީ ކާމިޔާބީ ހޯދާފައިވާ ކަމަށް ޓްރަމްޕް ބުނެއްޖެ އެވެ.
އެމެރިކާއިން އީރާނުގެ ހުރިހާ ފައިޓަރ ޖެޓްތަކެއް ނައްތާލާފައިވާ ކަމަށާއި ކޮންމެ ވަގުތަކުވެސް އެމެރިކާ ސިފައިން އެ ޤައުމުން ބޭލުމުގެ ޤާބިލުކަން ވޮޝިންގޓަނަށް ލިބިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެއްޖެ އެވެ.
މީގެ އިތުރުން ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި އީރާނު ސަރުކާރުން އެ ޤައުމުގެ މަދުވެގެން 75،000 މުޒާހަރާވެރިން މަރާލާފައިވާ ކަމަށްވެސް ޓްރަމްޕް ތުހުމަތުކުރި އެވެ.
އޮކްޓޯބަރު 19 ވަނަ ދުވަހު ކެންސަސްގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަމުން ޓްރަމްޕް ވަނީ އީރާނުގެ ވައިގެ ސިފައިންނާއި ކަނޑުގެ ޤާބިލުކަމާއި ވައިގެ ދިފާއީ ނިޒާމުތައް އެމެރިކާއިން ފުނޑުފުނޑުކޮށްލާފައިވާ ކަމަށް ބުނެ، އެމެރިކާގެ އަސްކަރީ ކެމްޕޭނަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
”އީރާނުގައި 229 ފުރިހަމަ ފައިޓަރ ޖެޓް އޮތް. އަހަރެމެން އެ ހުރިހާ އެއްޗެއް ނައްތާލައިފިން،“ އެއްވެފައިތިބި މީހުންނާ މުހާތަބުކޮށް ޓްރަމްޕް ބުންޏެވެ.
އަދި އެމެރިކާގެ މައިގަނޑު މަޤްޞަދުތައް މިހާރު ހާސިލުވެފައިވާ ކަމަށާއި މި ކުރިމަތިލުންތަކުން އެމެރިކާ ވަކިވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އޭނާ އިޝާރާތްކުރި އެވެ.
”މިހާރުން މިހާރަށްވެސް އެ ޤައުމުން ފޭބިދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނޭ. އެއީ ތެދެއް. އަހަރެމެންނަށް މިހާރުވެސް ފޭބިދާނެ. އެމީހުންނަށް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެ،“ ޓްރަމްޕް
ނަމަވެސް އީރާނުގެ 229 ފައިޓަރ ޖެޓް ނައްތާލި ކަމަށްބުނެ ބާރުދޭ އެއްވެސް ތަފްސީލީ ހެއްކެއް ރައީސް ޓްރަމްޕް އެ އެއްވުމުގައި ހުށަހަޅާފައެއްނުވެ އެވެ. އަދި އީރާނުގެ އަސްކަރީ ގާބިލުކަމާ ގުޅޭގޮތުން އޭނާ ކުރި ދައުވާތައް މިހާތަނަށް ލިބިފައިވާ ރިޕޯޓްތަކުން ކަށަވަރު ކުރެވޭގޮތެއްނުވެ އެވެ.
ޓްރަމްޕް އެ ޤައުމުގެ އަސްކަރީ ކެމްޕޭން ސިފަކުރީ ވަރަށް ވަރުގަދަ އިބާރާތްތަކަކުންނެވެ. އޭނާ ބުނީ ”އަހަރެމެން މިދަނީ އެމީހުން ބަލިކުރަމުން… މިހާރުވެސް އަހަރެމެންނަށް އެތަން ދޫކޮށް ދެވިދާނެ“ ކަމަށެވެ.
ޓްރަމްޕްގެ މި ވާހަކަތަކުން އީރާނުގެ އަސްކަރިއްޔާ ވަރަށް ބޮޑަށް ބަލިކަށިވެފައިވާ މަންޒަރެއް ފެނުނު ނަމަވެސް، އެމެރިކާގެ ހަރަކާތްތައް ހުއްޓާލާނީ ކޮން ހާލަތްތަކެއްގައި ކަމާއި އެމެރިކާގެ މަޤްޞަދުތައް ފުރިހަމައަށް ހާސިލުވެފައިވޭތޯ ކުރެވޭ ސުވާލުތަކަށް ސާފު ޖަވާބެއް ލިބިފައެއްނުވެ އެވެ.
އީރާނުގެ ދާޚިލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަމުން ޓްރަމްޕް ތުހުމަތުކުރި ގޮތުގައި ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މަދުވެގެން 75،000 މުޒާހަރާވެރިން މަރާލާފަ އެވެ.
”އެމީހުން ގިނަ އަދަދެއްގެ ބަޔަކު މަރާލައިފި. އަދި ބުނެލަން، ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި މަދުވެގެން 75،000 މުޒާހަރާވެރިން އެމީހުން ވަނީ މަރާލާފައި،“ ޓްރަމްޕް



