މަދީނާގައިވާ ”ޣާރު އައްސަޖްދާ“ (ސަޖިދަކުރެއްވި ހޮހަޅަ)

ނޯޓް: މިއީ ”ޣާރު އައްސަޖްދާ“ އާއި ބެހޭގޮތުން ފޭސްބުކްގައި އަލީ ޝައުޒޫން ޕޯސްޓުކޮށްފައިވާ ޕޯސްޓެއްގެ ނަކަލެކެވެ.
މިއީ މަދީނާގެ ސަލްޢު ފަރުބަދައިގައިވާ ”ޣާރު އައްސަޖްދާ“ ނުވަތަ ”ކަހަފް ބަނީ ޙަރާމް“ ގެ ނަމުން މަޝްހޫރު ހޮހަޅައެވެ.
މިއީ ހިޖުރައިން ފަސްވަނަ އަހަރު ހިނގި ޚަންދަޤު ހަނގުރާމައިގެ ރޭތަކުގައި ރަސޫލާ ﷺ އަވަހާރަފުޅުލެއްޕެވި ހޮހޮޅައެވެ.
​މި ހޮހަޅަ އެފަރުބަދައިގައިވާ ސަލްޢު ފަރުބަދަ ވަނީ މަސްޖިދުއް ނަބަވީގެ ހުޅަނގު އުތުރު ފަރާތުގައެވެ. އަދި މިފަރުބަދަ ވަނީ މަސްޖިދުއްނަބަވީއާ ގާތްގަނޑަކަށް 800 މީޓަރު ދުރުމިނުގައެވެ.
މިހޮހޮޅައަށް ”ޣާރު އަֽއްސަޖްދާ“ ގެ ނަމުން ނަންދެވުނު ސަބަބަކީ ޞަޙާބީ މުޢާޛް ބިން ޖަބަލް رضي الله عنه އާއެކު ހިނގި ޙާދިސާއަކާ ގުޅިގެންނެވެ.
ރިވާވެގެންވާ ގޮތުގައި ޚަންދަޤު ހަނގުރާމައިގެ ރެއެއްގައި މުޢާޛް ބިން ޖަބަލް رضي الله عنه ރަސޫލާ ﷺ ހޯއްދަވަން އުޅުއްވަނިކޮށް ފެނިވަޑައިގަތީ ސަލްޢު ފަރުބަދައިގެ ހޮހަޅައެއްގައި އެކަލޭގެފާނު ސަޖިދާގައި އޮންނަވަނިކޮށެވެ. އެކަލޭގެފާނު އަވަހާރަވީ ކަމަށް މުޢާޛްގެފާނަށް ހީފުޅުވާ ވަރަށް ސަޖިދަ ދިގުވެގެންދިޔައެވެ. ނަމަވެސް ރަސޫލާ ﷺ އިސްނަންގަވައި، މުޢާޛްގެފާނަށް ވިދާޅުވިއެވެ: ”އޭ މުޢާޛްއެވެ! ތިމަންކަލޭގެފާނުގެ އަރިއަހަށް ޖިބްރީލްގެފާނު ވަޑައިގެން ވިދާޅުވިއެވެ: ﷲ ތަޢާލާ ވަޙީކުރައްވައެވެ. ކަލޭގެފާނުގެ އުންމަތާމެދު ތިމަންއިލާހު ކަންތައް ކުރައްވަން އެދިވަޑައިގަންނަވަނީ ކިހިނެއް ކަމަށް އެނގި ވަޑައިގަންނަވާތޯއެވެ؟“ ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ: ”އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.“ މިއާއެކު ޖިބްރީލްގެފާނު ﷲ ތަޢާލާގެ ޙަޟުރަތަށް އަނބުރާ ވަޑައިގަތުމަށްފަހު، އެނބުރި ވަޑައިގެން ތިމަންކަލޭގެފާނަށް ވިދާޅުވިއެވެ: ”ﷲ ތަޢާލާ ވަޙީކުރައްވައެވެ: ތިމަންއިލާހު ކަލޭގެފާނުގެ އުންމަތާމެދު ކަލޭގެފާނު ދެރަފުޅުވާފަދަ ގޮތެއް މެދުވެެރި ނުކުރައްވާހުށީމެވެ.“
އެހެންކަމުން މިއީ މި އުންމަތާ ބެހޭގޮތުން ލިބިވަޑައިގެންނެވި އުފާވެރި ޚަބަރަކާ ގުޅިގެން، ﷲ ތަޢާލާއަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ރަސޫލާ ﷺ ސަޖިދަކުރެއްވި ތަނެވެ.
​މިއިން ހާމަވެގެންދަނީ މިއުންމަތަށްޓަކައި ރަސޫލާ ﷺ ގެ ހިތްޕުޅުގައި އޮތް ބޮޑު ލޯތްބާއި، އުންމަތަށްޓަކައި ދުޢާކުރެއްވުމުގައި އެކަލޭގެފާނު ދެއްވިސަމާލުކަމެވެ.
އަޅުގަނޑުމެން އެންމެންނަކީ ﷲ ތަޢާލާއަށް ގިނަގިނައިން ކުއްތަންވެ އެއިލާހަށް ޝުކުރުވެރިވާ ބަޔަކަށް ވަމާހިންގަވާ!
https://www.facebook.com/share/p/1J2zDS835h/

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.