
ލަލީގާގެ ރައީސް އިސްތިއުފާ ދިނުމަށް ރިއާލް މެޑްރިޑުން އެދެފި
ރެއާލް މެޑްރިޑުން ރެފްރީންގެ އަގުވައްޓާލުމަށް ކުރާ މަސައްކަތްތަކަކީ ޖަރުމަނުގެ ނާޒީން ބޭނުންކުރި ފަދަ ޕްރޮޕެގެންޑާ އުކުޅުތަކެއް ކަމަށް ލަލީގާގެ ރައީސް ސިފަކުރެއްވުމާ ގުޅިގެން އޭނާ މަގާމުން އިސްތިއުފާ ދިނުމަށް އެ ކްލަބުން އަނެއްކާވެސް ގޮވާލައިފި އެވެ.
ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ޝާއިޢުކުރި ދިގު ބަޔާނެއްގައި ރެއާލް މެޑްރިޑުގެ ޓީވީ ޗެނަލުން ރެފްރީންނަށް އަމާޒުކޮށް ފާޑުކިޔާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އެ ޗެނަލުން އާންމުކޮށް ދައްކަނީ ކުރިއަށް ހުރި މެޗުތަކުގައި އިންސާފުކުރާ ރެފްރީން މީގެ ކުރިން ހަދާފައިވާ ކަމަށް އެ ކްލަބުން ގަބޫލުކުރާ ބޮޑެތި ގޯސްތަކެވެ.
ޓެބާސް މި އުކުޅުތައް ސިފަކުރެއްވީ ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަނުގެ ޕްރޮޕެގެންޑާ މިނިސްޓަރު ޖޯސެފް ގޮބެލްސް ބޭނުންކުރި އުކުޅުތަކާ އެއްފަދަ ކަމެއްގެ ގޮތުގަ އެވެ.
ޓެބާސް ލިޔުއްވާފައިވާ ގޮތުގައި ރެއާލް މެޑްރިޑުގެ އިސްވެރިންގެ ބާރުގެ ދަށުގައި ވަކި މަގްސަދެއްގައި މަސައްކަތްކުރާ ބަޔަކު ތިބި އިރު އެ ކްލަބުން އަމަލުކުރަމުންދަނީ އެއް އުސޫލަކުންނެވެ.
އެއީ އެ ކްލަބަށް ފައިދާވާނެ ފަދަ މަންޒަރުތައް ހޮވައި ތަކުރާރުކޮށް ޝަކުވާ އުފައްދައި ރެފްރީންނާމެދު ޝައްކު އުފެއްދުމެވެ.
މިއީ ގޮބެލްސް ބޭނުންކުރި ޕްރޮޕެގެންޑާ އުކުޅުތަކާ ދާދި އެއްގޮތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޓެބާސް އިތުރަށް ވިދާޅުވީ އޭނާ މި ސިފަކުރެއްވީ ހަމައެކަނި ބޭނުންކުރާ އުކުޅުތައް ކަމަށާއި އެއީ ނާޒީ ފިކުރާ ނުވަތަ ރެއާލް މެޑްރިޑުގެ ސަޕޯޓަރުންނާ ގުޅުވައިގެން ވިދާޅުވި ވާހަކައެއް ނޫން ކަމަށެވެ.
މިކަމާ ގުޅިގެން ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެބާސް އަކީ ސްޕެއިންގެ އެންމެ މަތީ ފަންތީގެ ކްލަބުތައް ތަމްސީލުކުރުމުގެ ގާބިލުކަން ނެތް ބޭފުޅެއް ކަމަށެވެ.
ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި ޓެބާސްއާ ދެމެދު މީގެ ކުރިންވެސް އެތައް ފަހަރަކު ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.
ރެއާލް މެޑްރިޑުން ވަނީ ޓެބާސް ވަގުތުން މަގާމުން އިސްތިއުފާ ދިނުމަށް ވެސް ގޮވާލާފަ އެވެ.
އެ ކްލަބުގެ ބަޔާނުގައި ބުނެފައިވަނީ ހަވިއޭ ޓެބާސްގެ އަމަލުތަކުން ފެންނަނީ ވަކި އަތަކަށް ޖެހުމާއި އިހުތިރާމް ކުޑަކުރުމާއި އިންސާފުވެރިކަމެއް ނެތުން ކަމަށެވެ. އަދި މިއީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާ މުޅިން ހިލާފު ކަންތައްތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން ރެއާލް މެޑްރިޑަށާއި ފުޓްބޯޅައިގެ އިސްލާހަށް މަސައްކަތްކުރާ ފަރާތްތަކަށް އޭނާ ދެމުންދާ ހަމަލާތަކަކީ ސްޕެއިންގެ ފުޓްބޯޅައަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވެސް އެ ކްލަބުން ސިފަކުރި އެވެ.
ރެއާލް މެޑްރިޑުގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ވަނީ ރެފްރީންގެ ސަބަބުން އެ ކްލަބަށް ގަވާއިދުން ގެއްލުންވަމުންދާ ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ.
މީގެ ކުރިން ސެޕްޓެމްބަރު މަހު ވެސް އެތުލެޓިކޯ މެޑްރިޑް އަތުން 2-1 އިން ރެއާލް ބަލިވި މެޗުގެ ރެފްރީންނަށް އެ ކްލަބުން ފާޑުކިޔުމުން ޓެބާސް އެކަން ކުށްވެރިކުރެއްވުމާ ގުޅިގެން އޭނާ އިސްތިއުފާ ދިނުމަށް ރެއާލުން ގޮވާލާފައިވެ އެވެ.
ހުކުރު ދުވަހުގެ ބަޔާނުގައި ރެއާލް މެޑްރިޑުން ވަނީ ބާސެލޯނާ އިން ރެފްރީންގެ ކޮމިޓީގެ އިސްވެރިއަކަށް ފައިސާ ދިން ކަމަށް ބުނާ މައްސަލައިގައި ޓެބާސް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާ ކަމަށް ބުނެ އަނެއްކާވެސް ޝަކުވާ އުފުލާފަ އެވެ.



