
އަލިފާންގަނޑު މިހާރުވަނީ ކޮންޓްރޯލް ކުރެވިފަ: އެމްއެންޑީއެފް
މއ. ކަފިދޫގޭގެ ހަތަރުވަނަ ފަންގިފިލާގައި ގުދަނެއްގެ ގޮތުގައި ބޭނުން ކުރާ ތަނެއްގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ދިލްބަހާރު މަގުގައި ހުންނަ މިތަނުގައި އަލިފާން ރޯވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ އިރު، އަލިފާން ނިންވުމުގެ މަސައްކަތުގައު އުޅުނު ސިފައިންގެ މީހެއްގެ ގަޔަށް ވެއްޓުނު ބިއްލޫރި ގަނޑަކުން ޖެހި އަނިޔާވެގެން އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ބްރަދަރހުޑްގެ ފަރާތުން ޓިނުން ހަދާފައިވާ 4 ބުރީގެ މި ޢިމާރާތުގައި ހުރީ ކޮސްމެޓިކްސް އާއި އިލެކްޓްރޯނިކް ސާމާނު ކަމަށާއި ގުދަނުގައި ގާތްގަނޑަކަށް 40 މިލިއަން ރުފިޔާގެ މުދާ ހުންނާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
އަދި އަލިފާން ރޯވި އިރު އެ ޢިމާރާތުގައި މީހުން ތިބިކަމެއް ނުވަތަ ނޫންކަމެއް ސާފުވާގޮތްވަނީ ނުވެފައެވެ.
މީގެ އިތުރުން އެ ޢިމާރާތުގެ 4 ފަންގިފިލާގައިވެސް މުދާ ހުންނާނެ ކަމަށާއި ގުދަން ހުރީ އިންޝުއަރެންސް ކޮށްފައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މި ހާދިޘާގައި 17 މީހަކު ހާލުގައި ޖެހިގެން ގެއްލުންވެފައިވާތީ ޑިޒާސްޓަރ މެނޭޖްމެންޓުން އެ މީހުންނަށް އެހީތެރިވަމުން އަންނަ އިރު، އެގެއާ އިންވެގެން ހުރި ލަކުޑި ގުދަނަކަށްވެސް ހުޅުގަނޑުގެ އަސަރު ވަނީކޮށްފައެވެ. އަދި ނޮވެލްޓީގެ ކަރުދާހާއި ދެލި އަދި އެހެންވެސް ކެމިކަލް ބަހައްޓާފައި ހުރި ގުދަނަކަށްވެސް ވަނީ އަސަރު ކޮށްފައެވެ.
އަލިފާން ރޯވެފައިވާ ސަރަހައްދަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވަޑައިގެން އަލިފާން ނިންވުމުގެ ކަންކަން ހިނގަމުން ދާގޮތް ބައްލަވާލައްވައި އެ އަލިފާން ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ވަނީ ސާފު ކުރައްވާފައެވެ.




