
ސަޢޫދީ ގައި ބާއްވަން އުޅުން ރެޑް ސީ ފިލްމް ފެސްޓިވަލް ކެންސަލްކޮށްފި
އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އަސަރު ސަޢޫދީ ޢަރަބިއްޔާއަށް ކުރުމާ ގުޅިގެން ރެޑް ސީ ފިލްމް ފެސްޓިވަލް ކެންސަލްކޮށްފި އެވެ.
ޔަމަނު ހިމެނޭހެން ސަރަހައްދީ ފެންވަރުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން، ދުނިޔޭގެ މުނިފޫހިފިލުވުމާއި ފަތުރުވެރިކަމުގެ މަރުކަޒަކަށް ވުމަށް ރިޔާޟުން ކުރަމުންދާ މަސައްކަތްތައް ދަނީ ނާކާމިޔާބު ވަމުންނެވެ.
އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއި، ސަޢޫދީ ޢަރަބިއްޔާއާއި ހޫޘީންނާ ދެމެދު އޮތް ހަމަނުޖެހުންތައް އިތުރުވުމުގެ ސަބަބުން، އެ ޤައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ މުހިންމު ހަރަކާތްތަކަށް ބުރޫއަރަމުން ދާތީ، ހަވަނަ ރެޑް ސީ ފިލްމް ފެސްޓިވަލް ބޭއްވުން ވަނީ ހުއްޓާލާފަ އެވެ.
ޢަރަބި ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ މި ފިލްމް ފެސްޓިވަލް ޖިއްދާގައި ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ ޑިސެމްބަރު މަހުގެ 3 އިން 12 އަށެވެ.
ފެސްޓިވަލް އިންތިޒާމުކުރާ ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފެސްޓިވަލް ދެން ބާއްވާނީ އައު ތަސައްވުރަކާއެކު 2027 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ކަމަށެވެ. އަދި އެ ފެސްޓިވަލަކީ ސަޢޫދީ ޢަރަބިއްޔާއާއި، މި ސަރަހައްދުގެ އިތުރުން މުޅި ދުނިޔޭގެ ފިލްމު އުފައްދާ ފަރާތްތަކުގެ މަސައްކަތްތައް ފާހަގަކުރާނެ ހަރަކާތެއް ކަމަށްވެސް ބުނެފައިވެ އެވެ.
ފެސްޓިވަލް ކެންސަލްކުރިކަން އިޢުލާނުކުރިއިރު ހަނގުރާމައިގެ ވާހަކަ ސީދާ ގޮތެއްގައި ބުނެފައިނުވި ނަމަވެސް، އެ ނިންމުން ނިންމީ ލޮޖިސްޓިކްސްއާ ގުޅުންހުރި ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް ބުނެފައިވެ އެވެ.
”މި ނިންމުމަކީ ކުރިއަށް އޮތް ފެސްޓިވަލް ބާއްވާނެ ވަޤުތާއި، މިފަދަ ބޮޑު ބައިނަލްއަޤްވާމީ ހަރަކާތެއް އިންތިޒާމުކުރުމަށް ބޭނުންވާ ލޮޖިސްޓިކްސް ކަންކަމަށް ބަލައި، ފުރިހަމަ ދިރާސާއަކަށްފަހު ނިންމި ނިންމުމެއް،“ ބަޔާނުގައިވެ އެވެ. އަދި މި ފެސްޓިވަލް ދެން ބާއްވާނީ އެންމެ އެކަށީގެންވާ ވަޤުތާއި ހާލަތު އައުމުން ކަމަށްވެސް އިތުރުކޮށްފައިވެ އެވެ.
މިއީ ސަރަހައްދީ ހަނގުރާމަތަކުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާއިން މިއަހަރު ކެންސަލްކުރި ބައިނަލްއަޤްވާމީ ދެވަނަ ބޮޑު ހަރަކާތެވެ.
މީގެ ސަބަބުން ދުނިޔޭގެ މުނިފޫހިފިލުވުމާއި ފަތުރުވެރިކަމުގެ ހަބަކަށް ވުމަށް އެ ޤައުމުން ކުރާ މަސައްކަތްތައް ދަނީ ނާކާމިިޔާބު ވަމުންނެވެ.
އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ނޭދެވޭ އަސަރުތަކާ ގުޅިގެން، އޭޕްރިލް 17 އިން 19 އަށް ޖިއްދާ ކޯނިޝް ސާކިޓްގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ސަޢޫދީ ޢަރަބިއަން ގްރޭންޑް ޕްރީ ވެސް ވަނީ މީގެ ކުރިން ކެންސަލްކޮށްފަ އެވެ.
މީގެ އިތުރުން، އަވަށްޓެރި ޔަމަނުގެ ހޫޘީންނާއެކު އޮތް ހަމަނުޖެހުންތައް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ހޫޘީން ދަނީ ސަޢޫދީގެ ސިޓީތަކަށާއި، ތެލުގެ ވަސީލަތްތަކުގެ އިތުރުން ރެޑް ސީގައި ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.
ސަޢޫދީ ޢަރަބިއްޔާގައި ސިނަމާތައް ބަންދުކޮށްފައި އޮތް 35 އަހަރަށްފަހު، އެ ހުއްދަ އަލުން ދިނުމާއެކު ރެޑް ސީ ފިލްމް ފެސްޓިވަލް ފުރަތަމަ ބޭއްވީ 2019 ވަނަ އަހަރު އެވެ.
އޭގެ ފަހުން މި ފެސްޓިވަލާއި އޭގެ ދަށުން ހިންގާ ”ރެޑް ސީ ސޫކް“ މާކެޓަކީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ބައިނަލްއަޤްވާމީ ފެންވަރުގެ ފިލްމާއި ޓީވީ އިންޑަސްޓްރީއެއް ބިނާކުރުމަށް ރިޔާޟުން ކުރާ މަސައްކަތުގެ މުހިންމު ބަޔަކަށް ވަނީ ވެފައެވެ.
ޖިއްދާގައި ބޭއްވި މި ހަރަކާތްތަކުގައި ނެޓްފްލިކްސް، އެމެޒޯން، ޑިޒްނީ އަދި ސަރަހައްދީ ބްރޯޑްކާސްޓަރު އެމް.ބީ.ސީ ފަދަ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެފައިވެ އެވެ.
2027 ވަނަ އަހަރު މި ފެސްޓިވަލް އަލުން ފަށާއިރު، ޑިސެމްބަރު 8 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުބާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލާ އެކު، ސަރަހައްދީ ފެންވަރުގައި ބޮޑު ވާދަވެރިކަމަކާ ކުރިމަތިލާން ޖެހޭނެ އެވެ.



