
އަލް އަޞްރުގެ ”އޮޑެސީ އޮފް ދައުވާ“ މިފަހަރު އއ.އުކުޅަހުގައި
”އޮޑެސީ އޮފް ދައުވާ“ އަކީ އަލް އަޞްރުގެ ފަރާތުން ދީނީ އަދި އިޖުތިމާއީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތަކާއި އެކު ރަށްރަށަށް ކުރަމުން ގެންދާ ދަތުރުތަކެކެވެ.
އަލް އަޞްރުގެ ފަރާތުން މަޢުލޫމާތު ދެއްވާ ގޮތުގައި މިފަހަރުގެ ދަތުރު ރޭވިފައިވަނީ ނޮވެންބަރ މަހުގެ 24 ވަނަ ދުވަހުން 26 ވަނަ ދުވަހާއި ހަމައަށެވެ.މި ދަތުރުގައި އަލް އަޞްރާއި އއ.އުކުޅަސް ކައުންސިލާއި ގުޅިގެން ރަށުގެ ރައްޔިތުންނަށް ފައިދާ ކުރާނެ ފަދަ ތަފާތު ހަރަކާތް ތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. އެ ގޮތުން ޝެއިހް ޝާފިއު، ޝެއިހް އަބްދުއް ރަހީމް އަދި ޝެއިހް މުހައްމަދު ޝާހިދު ރަށުގެ އެކި މިސްކިތްތަކުގައި އެކި ނަމާދުތަކަށްފަހު ކުރު ނަސޭހަތް ދިނުމަށް ހަމަޖެހިފައިވެއެވެ.
އަލް އަޞްރުގެ ފަރާތުން ތަޢާރަފް ކޮށްފައިވާ ”ކޮފީ ވިތް ޝެއިހް“ ގެ އިވެންޓެއްވެސް މި ދަތުރުގައި ކުރިއަށް ގެންދާނެއެވެ. އަދި ނޮވެންބަރ 25 ވާ ހުކުރު ދުވަހު ނަސޭހަތުގެ ސެޝަނަކާއި އެކު ފުޓްބޯޅަ މެޗެއް ވަނީ ރޭވިފައެވެ.
ރަށުގެ ކުޑަކުދިންނާއި ބެލެނިވެރިންނަށް ޙާއްސަކޮށްގެން އިވެންޓްތަކެއް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން އއ.އުކުޅަސް ސްކޫލް މެނޭޖްމަންޓާއި ގުޅިގެން ސްކޫލްގެ ޕްރައިމަރީ ދަރިވަރުންނަށް އިބުރަތްތެރި ވާހަކަ ކިޔާ ދިނުމުގެ ސެޝަނަކާއި ސެކަންޑްރީ ދަރިވަރުންނަށް ”ހޫ އިޒް ޔޯ ރޯލް މޮޑެލް“ ގެ ނަމުގައި ކުރު ވޯރކްޝޮޕެއް ހިންގުމަށްވަނީ ރޭވިފައެވެ. އަދި ބެލެނިވެރިންނަށް ޙާއްސަކޮށްގެން ޕޭރަންޓަލް ވޯރކްޝޮޕް އެއްކުރިއަށް ގެންދާނެއެވެ.
މި ފަދަ ޕްރޮގްރާމްތަކަށް ޝައުޤުވެރިވެލައްވާ ނަމަ އަލް އަޞްރުގެ ނަންބަރ 7925277 އާއި ގުޅުއްވައިގެން ހަމަޖެއްސުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.



