ގަލްފު ސަރަހައްދުގައި އެމެރިކާގެ ސިފައިން ތިބުމަކީ ރައްކާތެރިކަމެއް ނޫން – ޤަޠަރުގެ ފޮރިން މިނިސްޓްރީ

ޚަލީޖު ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ ސިފައިން ތިބުމަކީ ސަލާމަތީ ގޮތުން ފުދޭވަރުގެ ކަމެއް ނޫން ކަމަށް ޤަޠަރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ދެއްކެވި ވާހަކަފުޅުތަކުން ދޭހަވަނީ، ސަލާމަތީ ކަންކަމުގައި ހަމައެކަނި ވޮޝިންޓަނަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ގޮތްގޮތް ހޯދަންޖެހޭ ކަމަށެވެ. ހޯމަ ދުވަހު އޭނާ އިޝާރާތް ކުރެއްވި ގޮތުގައި، ޚަލީޖުގައި އެމެރިކާގެ ސިފައިން ތިބުމަކީ ކުރިން ގަބޫލުކުރެވުނު ފަދަ ރައްކާތެރި އައްޑަނައެއް ނޫނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަރަބި ދުނިޔޭގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ހުންނަނީ ގަތަރުގައެވެ. މިއީ އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ސަރަހައްދީ މައި މަރުކަޒުވެސް މެއެވެ. ފެބްރުއަރީ 28 ގައި ފެށުނު އެމެރިކާ-އިސްރާއީލް ހަނގުރާމައާ ގުޅިގެން، އީރާނުން ދެމުންދާ ބަދަލުހިފުމުގެ ޙަމަލާތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ މި މަރުކަޒަށެވެ.

އަބޫދާބީގައި ބޭއްވި ހިލީ ފޯރަމްގައި ވާހަކަދައްކަވަމުން އަންސާރީ ވިދާޅުވީ، ޚަލީޖު ސަރަޙައްދުގައި ބައިނަލްއަޤްވާމީ ލަޝްކަރުތައް ތިބުމާއި އެމެރިކާއާއެކު އޮންނަ އިސްތިރާޖީ ގުޅުމަކީ މުހިންމު ކަމެއް ނަމަވެސް، އެއީ އެކަނި ފުދޭވަރުގެ ކަމެއް ނޫންކަން ޤަބޫލުކުރަންޖެހޭ ކަމަށެވެ. ”ސަލާމަތީ ކަންކަމުގައި އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ކުރިއަށް ދެވެން އޮތް ހަމައެކަނި މަގު. އަޅުގަނޑުމެންގެ ބައިވެރިންނާއި މަދަދުގާރުން ބޭނުންވޭ، އެކަމަކު ހަމައެކަނި އެމީހުންނަށް ބަރޯސާވެގެން ތިބެވޭކަށް ނެތް،“ އަންސާރީ

އަންސާރީ މިމޭރުމުން ވާހަކަދައްކަވާފައި މިވަނީ، އެމެރިކާގެ ކުރީގެ ނޭޝަނަލް އިންޓެލިޖެންސް ޑައިރެކްޓަރު އެވްރިލް ހެއިންސް، މި ސަރަހައްދުން އެމެރިކާގެ ނުފޫޒު ކުޑަކުރުމަކީ އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އިންޒާރު ދެއްވާފައިވަނިކޮށެވެ.

މި އަހަރުގެ ކުރީކޮޅު، އީރާނުން އެމެރިކާގެ މަރުކަޒުތަކަށާއި ޙަކަތައިގެ ވަޞީލަތްތަކަށް ޙަމަލާތައް ވަރުގަދަކުރުމާ ގުޅިގެން، އެމެރިކާގެ އެތައް ހާސް އަސްކަރީންނާއި އެމްބަސީ މުވައްޒަފުން ވަނީ ޚަލީޖުން ބާލާފަ އެވެ. އެ މީހުން އަނބުރާ އަންނާނެ ކަމެއް އަދި ސާފެއް ނުވެ އެވެ.

ޤަޠަރާއި އީރާނުގެ ގުޅުން

އެމިރޭޓްސްގެ ނޫހެއް ކަމަށްވާ ”ދަ ނޭޝަނަލް“ އަށް ދެއްވި އިންޓަވިއުއެއްގައި އަންސާރީ ވިދާޅުވީ، އީރާނާއެކު އޮތް އިތުބާރު އާލާކުރުމަށް ވަޤުތު ނަގާނެ ނަމަވެސް، އީރާނަކީ އަބަދުވެސް އަވަށްޓެރި ޤައުމަކަށްވާތީ އެކަން ކުރަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، އެހެން ޤައުމުތަކުގެ މީހުންނާއެކު އަމާންކަމާއެކު ދިރިއުޅޭ ފަދައިން އީރާނާއެކުވެސް އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.

”މީގެ ބޮޑު ޒިންމާއެއް އޮތީ އީރާނުގެ އަތްމަތީގައި. އެއީ އަވަށްޓެރި ޤައުމުތަކަކީ ދުޝްމަނުން ނޫންކަން ޤަބޫލުކޮށް، އަސްކަރީ ބާރު ނުވަތަ އެނޫންވެސް ފިއްތުންތައް ކުރިމަތިކޮށްގެން އެދޭ ނަތީޖާ ޙާޞިލު ނުވާނެކަން ދެނެގަތުން،“ އަންސާރީ

ޤަޠަރުގެ އަމާޒަކީ އެކަށީގެންވާ ވަޤުތު ޖެހުމުން އެހީތެރިކަމުގެ އަތެއް ދިއްކުރުން ކަމަށާއި، ހަމައެއާއެކު އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ޤަބިލުކަންވެސް ދެއްކުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މި ހަނގުރާމަ ”މާލަސްތަކެއް ނުވެ“ ނިމޭނެ ކަމަށް ވިދާޅުވަމުން ގެންދެވި ނަމަވެސް، އަންސާރީ ވަނީ މި ހަމަނުޖެހުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް އިންޒާރު ދެއްވާފަ އެވެ. ”ހޯމުޒް ކަނޑުއޮޅި ބަންދުވެފައި އޮތުމަކީ ދުނިޔެއަށް ކެތްކުރެވޭނެ ކަމެއް ނޫން. އަދި ޚަލީޖުގެ ތެރޭގައި މިސައިލް ޙަމަލާތައް ބަދަލުކުރުމަކީ މި ސަރަހައްދަށް އުފުލޭނެ ބުރައެއް ނޫން،“ އޭނާ ވިދާޅުވި އެވެ.

ހޯމުޒް ކަނޑުއޮޅި ބޭނުންކުރުން ހުއްޓާލައި، ތެޔޮ ހޮޅިތަކުގެ ޒަރީއާއިން ތެޔޮ އުފުލަން ފެށުމުން އެތަނުގެ އަގު ދެ އަހަރު ތެރޭގައި ވެއްޓޭނެ ކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ނަމަވެސް، އަންސާރީ ވިދާޅުވީ އެއީ އަބަދުވެސް ބައިނަލްއަޤްވާމީ ވިޔަފާރީގެ މުހިންމު މަގަކަށް ވާނެ ކަމަށެވެ.

މީގެ އިތުރުން، އީރާނުގެ އިޤްތިސާދު އިނދަޖައްސާލުމަށް އެމެރިކާއިން ގެންގުޅޭ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސިޔާސަތާވެސް އަންސާރީ ދެކޮޅުހެއްދެވި އެވެ. އޭނާ ވިދާޅުވީ، އިރާޤާއި ލީބިޔާ ފަދަ ޤައުމުތަކުން ފެނުނު ގޮތުގައި، އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުން ދުވަހަކުވެސް އެދެވޭ ނަތީޖާއެއް ނުނިކުންނަ ކަމަށާއި، ޙައްލެއް ލިބޭނީ މަޝްވަރާގެ މޭޒުން ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.