އިސްރާއީލުގެ އޮފީހެއް ބޮސްނިޔާގައި ހުޅުވައިފި

އިސްރާއީލުގެ އޮފިޝަލުން ބުރާސްފަތި ދުވަހު ރިޕަބްލިކާ ސާޕްސްކާގެ މަރުކަޒީރަށް ބަންޖާ ލޫކާގައި އިސްރާއީލް ޗެމްބަރ އޮފް ކޮމާސްގެ އޮފީހެއް ހުޅުވައިފި އެވެ.

ސާބް ނަސްލުގެ މީހުންގެ ބާރު އޮންނަ މި ސަރަހައްދުގެ ނޭޝަނަލިސްޓް ލީޑަރޝިޕުން ދަނީ ބޮސްނިއާ އެންޑް ހެރްޒިގޮވީނާގެ އެއްބައިވަންތަކަމަށް ނުރައްކާވާ ފަދަ ވަކިވެގަތުމުގެ ސިޔާސަތުތަކެއް ކުރިއަށް ނެރެ، އިސްރާއީލާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޗެމްބަރ އޮފް ކޮމާސް ހުޅުވުމަކީ، ބައިނަލްއަޤްވާމީ ދުނިޔޭގައި އިސްރާއީލް އެކަހެރިވަމުންދާ ދަނޑިވަޅެއްގައި، ބޯލްކަން ސަރަހައްދުގައި އެ ޤައުމުގެ ނުފޫޒު ގަދަކުރުމަށް އަޅާފައިވާ އިތުރު ފިޔަވަޅެކެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ ދައުލަތްތަކުގެ ކިބައިން މިނިވަންވުމަށް ނުވަތަ އަމިއްލަ އިޚްތިޔާރު ހޯދުމަށް މަސައްކަތްކުރާ، ހަމަނުޖެހުން އުފައްދާ ސިޔާސީ ޙަރަކާތްތަކާއި ޖަމާޢަތްތަކަށް އެހީތެރިވުމަށް އިސްރާއީލުން ތައްޔާރަށް އޮތްކަން މީގެން ހާމަވެ އެވެ.

މި ރަސްމިއްޔާތުގައި އިސްރާއީލުގެ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ޑަޔަސްޕޯރާ މިނިސްޓަރު އަމިޗައި ޗިކްލީ ބައިވެރިވި އެވެ. ޗިކްލީ އަކީ ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ނަސްލީ ގޮތުން ސާފުކުރުމަށް ތާޢީދުކުރާ ފަރާތެކެވެ.

އަލްބޭނިއާ އަދި ބޮސްނިއާ އެންޑް ހެރްޒިގޮވީނާއަށް ކަނޑައަޅާފައި ހުންނަވާ އިސްރާއީލުގެ ސަފީރު ގަލިޓް ޕެލެގް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ، ރިޕަބްލިކާ ސާޕްސްކާގެ ރައީސް ސިނީސާ ކަރަންގެ އަތުން މެޑަލްއެއް ޙާޞިކުރި އެވެ.

މީގެ އިތުރުން ރިޕަބްލިކާ ސާޕްސްކާގެ ކުރީގެ ރައީސް އަދި ވަކިވެގަތުމުގެ ޙަރަކާތުގެ އެންމެ އިސް އެކަކު ކަމުގައިވާ މިލޮރާޑް ޑޮޑިކް ވެސް މި ބައިވެރިންނާ ގުޅުނެވެ.

ފާއިތުވި އަހަރުތަކުގައި ޑޮޑިކް ވަނީ އެ ސަރަހައްދާއި އިސްރާއީލާ ދެމެދު އޮތް ގުޅުން ބަދަހިކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޗިކްލީ ފާހަގަކުރީ، މި ޗެމްބަރަކީ ރިޕަބްލިކާ ސާޕްސްކާ އާއި މުޅި ސަރަހައްދުގައި ފުރުޞަޠުތައް ހޯދާ އިސްރާއީލުގެ ކުންފުނިތަކަށް ދާއިމީ ގުޅުމެއް ޤާއިމުކޮށްދޭ ތަނަކަށް ވާންޖެހޭނެ ކަމަށެވެ. ”ރައީސް ޑޮޑިކް، ކަލާފާނާއި ރިޕަބްލިކާ ސާޕްސްކާގެ މުޅި ލީޑަރޝިޕަކީ އިސްރާއީލާއި ޔަހޫދީންގެ ޙަޤީޤީ ރަހުމަތްތެރިން. މި ގުޅުން މަތީ ދަރަޖައަކަށް ގެންގޮސް، އަހަރުމެންގެ އެކުވެރިކަން ޢަމަލީ މަސައްކަތަށް ބަދަލުކުރުމުގެ ފުރުޞަޠުު މިއަދު މިވަނީ ލިބިފައި،“ ރިޕަބްލިކާ ސާޕްސްކާގެ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗިކްލީ ވިދާޅުވި އެވެ.

އިސްރާއީލާއެކު އޮތް ގާތް ގުޅުން ދެމެހެއްޓުން
ކިންގްސް ކޮލެޖް ލަންޑަންގެ ވޯރ ސްޓަޑީޒް ޑިޕާޓްމަންޓުގެ ފޮރިން ޕޮލިސީ ލެކްޗަރާ ވުކް ވުކްސަނޮވިޗް ފާހަގަކުރީ، މި ފިޔަވަޅުގެ ސަބަބުން އިޤްތިޞާދީ ގޮތުން ލިބޭނެ ފައިދާއެއް ސާފުނުވާ ކަމަށެވެ. އެހެންނަމަވެސް، މީގެން ދޭހަވަނީ އިސްރާއީލާއި ރިޕަބްލިކާ ސާޕްސްކާއާ ދެމެދު ފާއިތުވި 15 އަހަރު އޮތް އަދި ފާއިތުވި 3 އަހަރު ތެރޭގައި ވަރުގަދަވެފައިވާ ގާތް ގުޅުން ދެމިއޮތްކަން ކަމަށެވެ.

ޑޮޑިކް ވަނީ ތަކުރާރުކޮށް އިސްރާއީލުގެ ތާޢީދު ހޯދުމަށް މަސައްކަތްކޮށްފަ އެވެ. އޭނާ ވަނީ ފަލަސްޠީނުގެ ދިދައަކީ ”ޓެރަރިސްޓް ދިދައެއް“ ކަމަށް ސިފަކޮށް، ޣައްޒާއިން ފަލަސްޠީނު މީހުން ބޭރުކުރުމަށް ތާޢީދުކޮށްފަ އެވެ. މިދިޔަ އަހަރު އިސްރާއީލް ހަޔޯމް އަށް ދިން އިންޓަވިއުއެއްގައި ޑޮޑިކް ބުނެފައިވަނީ، ”ޣައްޒާގެ ދެކޮޅުވެރި އާބާދީ ދާންޖެހެނީ އެހެން ތަނަކަށް. އިސްރާއީލުން އަބަދުވެސް ސުލްހައަށް އަތްދިއްކުރި ނަމަވެސް، އެމީހުންގެ އަސްލު ސޫރަ އާއި އެމީހުން ކުރަން ބޭނުންވާ ކަންތައްތައް އަހަރެމެންނަށް ފެނިއްޖެ،“ ކަމަށެވެ.

ފެބްރުއަރީ މަހު ދަ ޖެރޫސަލަމް ޕޯސްޓަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ރިޕަބްލިކާ ސާޕްސްކާ އަކީ ”ބޯލްކަންގެ އިސްރާއީލް“ ކަމަށެވެ.

މިއީ އެ ސަރަހައްދުގެ ވަކިވެގަތުމުގެ އުންމީދުތަކާއި އިސްރާއީލާ ދެމެދު ސިޔާސީ ގޮތުން އެއްގޮތްކަމެއް އޮތްކަން ހާމަކުރުމަށް ބުނި ބުނުމެކެވެ. 2011 ވަނަ އަހަރު އދ. އިން ފަލަސްޠީނު ބަލައިގަތުމަށް ބޮސްނިއާ އެންޑް ހެރްޒިގޮވީނާއިން ތާޢީދުކުރުން ހުއްޓުވުމުގައި ރިޕަބްލިކާ ސާޕްސްކާއިން އަދާކުރި ދައުރުގެ ސަބަބުން ވެސް ޑޮޑިކް ވަނީ އިސްރާއީލުގެ ސިޔާސީ އިތުބާރު ހޯދާފަ އެވެ.

ޑޮޑިކް ދަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ސިޔާސީ ފަރާތްތަކާ ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާއިރު، ޓްރަމްޕަށް ތާޢީދުކުރާ ގިނަ އަދަދެއްގެ މީހުން ދަނީ ރިޕަބްލިކާ ސާޕްސްކާއަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

”ބައިނަލްއަޤްވާމީ މައިދާނުގައި ރިޕަބްލިކާ ސާޕްސްކާއަށް އެންމެ ބޮޑަށް ތާޢީދުކުރާ އެއް ޤައުމަކަށް އިސްރާއީލް ވެއްޖެ،“ ވުކްސަނޮވިޗް ވިދާޅުވި އެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޓްރަމްޕްގެ ދައުރުގައި މި ގުޅުން މާ ވަރުގަދަވެގެންދެ އެވެ. ސަބަބަކީ އެމެރިކާއަށް ވަދެވެން އޮތް ދޮރަކީ އިސްރާއީލް ކަމަށް ޑޮޑިކް ޤަބޫލުކުރާތީ އެވެ. މިކަން ބައެއް ގޮތްގޮތުން ކާމިޔާބުވެފައިވާކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

ވުކްސަނޮވިޗް ބުނި ގޮތުގައި، އިސްރާއީލް ބައިނަލްއަޤްވާމީ ގޮތުން އެކަހެރިވަމުން ދިއުމުގެ ސަބަބުން، މެދުއިރުމަތީގެ ބޭރުން އެހެން ޤައުމުތަކާއި ސަރަހައްދުތަކާއެކު ސިޔާސީ އަދި ސަލާމަތީ ގުޅުންތައް ބޭއްވުމަށް އެ ޤައުމަށް ވަނީ މަޖުބޫރުވެފަ އެވެ. ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލޭއޮހޮރުވުމުގެ ތެރޭގައި، ރިޕަބްލިކާ ސާޕްސްކާ ފަދަ ސިޔާސީ ފަރާތްތަކާއެކު އޮންނަ ގުޅުން އިސްރާއީލަށް ވަނީ ވަރަށް މުހިންމުވެފަ އެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ކުށްތައް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުގެ އަމުރު ނެރެފަ އެވެ. މީގެ ސަބަބުން އެމެރިކާ ފިޔަވައި އެހެން މަދު ތަނެއްގައި ނޫނީ އިސްރާއީލުގެ ސިޔާސީ ލީޑަރުންނަށް މަރުހަބާއެއް ނުކިޔަ އެވެ.

”ބޯލްކަން ސަރަހައްދަކީ މެދުއިރުމައްޗާއި އުތުރު އެފްރިކާއާ އެންމެ ކައިރީގައި އޮތް ޔޫރަޕްގެ ސަރަހައްދު. ތުރުކީ އާއި އީރާނުގެ ނުފޫޒާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޯލްކަން ސަރަހައްދުގައި އިސްރާއީލުގެ އެހީތެރިއަކު ހުރުމަކީ އެ ޤައުމަށް ފައިދާހުރި ކަމެއް،“ ވުކްސަނޮވިޗް ފާހަގަކުރި އެވެ. އަދި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ނުފޫޒު ދެމެހެއްޓުމަށް އިސްރާއީލުން ބޭނުންވަނީ، ފަލަސްޠީނުގެ މައްސަލައިގައި ޔޫރަޕްގެ އިއްތިހާދުން ނިންމާ ނިންމުންތަކަށް ހުރަސް އެޅުމަށް އެންމެ ބޮޑު ފުރުޞަޠެއް އޮތީ އެ ސަރަހައްދުގައި ކަމަށް އެ ޤައުމުން ޤަބޫލުކުރާތީ ކަމަށް އޭނާ އިތުރަށް ފާހަގަކުރި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.