
”ފްރީޑަމް ފްލޮޓިލާ“ އަލުން ދަތުރު ފަށައިފި
”ސަރުކާރުތައް ދަނީ ފެއިލްވަމުން“: އިސްރާއީލުން ޣައްޒާއަށް އަޅާފައިވާ ބަންދު އުވާލުމަށް ގޮވާލައި ”ފްރީޑަމް ފްލޮޓިލާ“ އަލުން ދަތުރު ފަށައިފި އެވެ.
ޣައްޒާއަށް ކަނޑުމަގުން ދިއުމަށް ކުރާ މަސައްކަތްތަކުގައި މީގެކުރިން އެކްޓިވިސްޓުން ހައްޔަރުކޮށް، އަނިޔާކޮށް، ބަދުއަޚުލާގީ ޢަމަލުތައް ހިންގާފައިވީ ނަމަވެސް، އެކަންކަމުގެ ސަބަބުން އެ ކޯލިޝަނުގެ އަޒުމަށް ބަދަލެއް ނާންނަކަމަށް ފްރީޑަމް ފްލޮޓިލާ ކޯލިޝަނުން ބުނެފި އެވެ.
ފްރީޑަމް ފްލޮޓިލާ ކޯލިޝަން (އެފް.އެފް.ސީ) އިން ވަނީ އިސްރާއީލުން ޣައްޒާއަށް އަޅާފައިވާ ބަންދު އުވާލުމަށް ބައިނަލްއަޤްވާމީ އާ މަސައްކަތެއް ފަށާފައިވާކަން އިއުލާނުކޮށްފަ އެވެ.
މި މަސައްކަތުގެ ދަށުން ޔޫރަޕްގެ އެކި ބަނދަރުތަކަށް ދަތުރުކުރުމަށްފަހު، އަންނަ އޮކްޓޯބަރު މަހު ޣައްޒާއަށް ވަނުމަށް ވަނީ ރާވާފަ އެވެ.
އެ ކޯލިޝަނުން ބުނި ގޮތުގައި، މީގެކުރިން ކުރި މަސައްކަތްތަކުގައި ވޮލަންޓިއަރުންނަށް ބޮޑެތި އަނިޔާތަކާއި، ކަރަންޓު ޝޮކު ދިނުމާއި، ޖިންސީ ގޯނާ ފަދަ ލާއިންސާނީ ޢަމަލުތައް ކުރިމަތިވި ނަމަވެސް، މިފަހަރުގެ މިޝަންވެސް ކުރިއަށްދާނެ އެވެ.
މީގެއިތުރުން، ޣައްޒާއަށް ކާބޯތަކެއްޗާއި، ބޭހާއި، ތެޔޮ އެތެރެކުރުމަށް އިސްރާއީލުން ހުރަސްއަޅަމުންދާ ކަމަށް ބުނެ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ ދުނިޔެއިން އާ ހިތްވަރަކާއެކު މަސައްކަތްކުރަން ޖެހޭ ކަމަށް އެ ކޯލިޝަނުން ފާހަގަކުރި އެވެ.
އެފް.އެފް.ސީގެ ސްޓިއަރިންގ ކޮމިޓީގެ މެންބަރެއް ކަމަށްވާ ޒޯހަރް ޗެމްބަރލެއިން ރެގެވް ވިދާޅުވި ގޮތުގައި، ފްރީޑަމް ފްލޮޓިލާ އަލުން ދަތުރު ފަށަނީ ސަރުކާރުތަކުން އެމީހުންގެ ޒިންމާތައް އަދާކުރުމުގައި އިހުމާލުވަމުންދާތީ އެވެ. އަދި ކޮންމެ ބަނދަރެއްގައިވެސް ފަލަސްތީނުގެ ރައްޔިތުންނަށް އިއްޒަތާއި އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުޞޠު ދިނުމަށް ގޮވާލާނެ ކަމަށާއި، އޮކްޓޯބަރު މަހު މުޅި ދުނިޔޭގެ ތާޢީދާއެކު ޣައްޒާގެ އައްސޭރިފަށަށް ދިއުމަށް ގަސްދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާތަނަށް ދެ އުޅަނދެއް ބަނދަރުތަކަށް ދަތުރުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ”ހަންޑަލާ 2“ ޖޫން އަދި ޖުލައި މަހު ނޯވޭ، ސްވިޑަން އަދި ޑެންމާކަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެފް.އެފް.ސީން ބުންޏެވެ. އަދި އިނގިރޭސިވިލާތުގެ ބްރިސްޓަލްއިން ފުރި ”ކޭޓް“ ނަމަކަށް ކިޔާ އުޅަނދު މިހާރު ވަނީ އަޔަލޭންޑް، ޖަރުމަނުވިލާތް އަދި ފަރަންސޭސިވިލާތަށް ގޮސްފަ އެވެ.
ޣައްޒާއަށް ދިއުމުގެ ކުރިން މި އުޅަނދުތައް ސްޕެއިން، ޕޯޗުގަލް އަދި އިޓަލީއަށް މަޑުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި، ޓްރޭޑް ޔޫނިއަން އެކްޓިވިސްޓުންނާއި، އިންތިޚާބީ މަންދޫބުންނާއި، ނޫސްވެރިންނާއި، ސިއްހީ މާހިރުންގެ އިތުރުން ފަލަސްތީނުގެ ޤުއްގުގައި މަސައްކަތްކުރާ ގިނަ ބަޔަކު ބައިވެރިވެ އެވެ. އަދި ކޮންމެ ބަނދަރެއްގައިވެސް ޢާންމުންނާ ބައްދަލުކޮށް ހޭލުންތެރިކުރުވުމުގެ ޙަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް ބަޔާނުގައިވެ އެވެ.
ނުރައްކާތެރި ޙާލަތްތައް
އިސްރާއީލަށް ހަތިޔާރާއި ހަކަތަ ފޯރުކޮށްދިނުން ހުއްޓާލުމަށާއި، ޚާރިޖީ އަދި އަސްކަރީ ގުޅުންތައް ކަނޑާލައި، ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެ ކޯލިޝަނުން ސަރުކާރުތަކަށް ގޮވާލާފައިވެ އެވެ. ހަމައެއާއެކު، އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ރައްކާތެރި މަގެއް ދެއްކުމަށްވެސް ވަނީ އެދިފަ އެވެ.
އެފް.އެފް.ސީން ބުނީ، މި ދަތުރަށް އެއްވެސް ހުރަހެއް ނެތި ކުރިއަށް ދިއުމުގެ ފުރުޞަޠު ދިނުމަށް ސަރުކާރުތަކުން ބާރުއަޅަންޖެހޭނެ ކަމަށާއި، އުޅަނދުތަކަށް ދޭ އެއްވެސް ހަމަލާއެއް ނުވަތަ ހައްޔަރުކުރުމަކީ ބައިނަލްއަޤްވާމީ ގޮތުން ނަތީޖާތަކެއް ކުރިމަތިވާނެ ކަމެއްކަން ސާފުކޮށްދޭންޖެހޭނެ ކަމަށެވެ.
މި ދަތުރުގައި ބައިވެރިވާ އެމެރިކާގެ އިންޖީނޭރެއް ކަމަށްވާ އެޑްވަަޑް ޑިގީލިއޯ ވިދާޅުވި ގޮތުގައި، ޣައްޒާއާ ދިމާލަށް ދަތުރުކުރުމަކީ ނުރައްކާތެރި ކަމެއްކަން އެނގޭ ކަމަށާއި، ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅާ ހަނު ހުރުމަކީ ފަލަސްޠީނާއި މުޅި ދުނިޔެއަށް ލިބޭނެ މާ ބޮޑު ގެއްލުމެކެވެ. މިއީ އިންސާނިއްޔަތުކަން ދެއްކުމަށާއި، މުޅި ނަސްލެއް ނައްތާލުމަށް ކުރާ މަސައްކަތްތަކާ ދެކޮޅަށް ކުރާ ދަތުރެއް ކަމަށް އޭނާ ފާހަގަކުރި އެވެ.
އިސްރާއީލުގެ ސިފައިން މީގެކުރިންވެސް ވަނީ ޣައްޒާއަށް ދިއުމަށް މަސައްކަތްކުރި ބައިނަލްއަޤްވާމީ އެކްޓިވިސްޓުންގެ އުޅަނދުތަކަށް ހުރަސްއަޅާފަ އެވެ.
ފްރީޑަމް ފްލޮޓިލާ ކޯލިޝަނަކީ 2008 ވަނަ އަހަރު އުފެދުނު ”ފްރީ ޣައްޒާ މޫވްމަންޓް“ ގެ ތެރެއިން އުފެދުނު އިއްތިހާދެކެވެ. 2010 ވަނަ އަހަރު އިސްރާއީލް ސިފައިން ”މާވީ މާމަރާ“ އަށް އަރައި، އެ އުޅަނދުގައި ތިބި 10 އެކްޓިވިސްޓުން ޝަހީދުކޮށްލާފައިވެ އެވެ.
އިހާނެތިކަމާއި އަނިޔާވެރިކަން
ފަހަކަށް އައިސް ހިންގި މިފަދަ ހަރަކާތްތަކުގައިވެސް އިސްރާއީލުން މީހުން ވަގަށް ނެގުމާއި، އަނިޔާކުރުމާއި، ޖިންސީ ގޯނާކުރި ކަމަށް އެކްޓިވިސްޓުން ވަނީ ތުހުމަތުކޮށްފަ އެވެ.
މިއަހަރުގެ އޭޕްރީލް މަހުވެސް، ޣައްޒާއަށް އެހީ ހިފައިގެން ދިޔަ އުޅަނދުތަކަށް، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ އަރައިގަނެފަ އެވެ.
”ގްލޯބަލް ސުމޫދު ފްލޮޓިލާ“ އިން ބުނި ގޮތުގައި، އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތަކާ ދެކޮޅަށް 2025 ވަނަ އަހަރު ފެށި މިޝަންގައި، މަދުވެގެން 15 އުޅަނދަކަށް އިސްރާއީލް ސިފައިން އަރައި، އޭގައި ތިބި މީހުން ”ވަގަށް ނަގާފައިވާ“ ކަމަށެވެ. އަދި ބައެއް އުޅަނދުތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލުމަށްފަހު، އެކްޓިވިސްޓުން ކަނޑުމައްޗަށް ދޫކޮށްލާފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުންޏެވެ.
ޖޫން މަހު މި ދަތުރުގައި ބައިވެރިވި އިނގިރޭސިވިލާތުގެ ބައެއް މީހުން ބުނި ގޮތުގައި، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން އެމީހުން ހައްޔަރުކޮށް، އަނިޔާކޮށް، ޖިންސީ ގޮތުން ނިކަމެތިކޮށް، ކަރަންޓު ޝޮކު ދީފައިވެ އެވެ. އަދި ”ޖަލު ބޯޓުތަކެއްގައި“ އެމީހުން އިސްރާއީލަށް ގެންދިޔައިރު، އިނގިރޭސި ސަރުކާރުން އެކަށީގެންވާ އެހީތެރިކަމެއް ދީފައިނުވާ ކަމަށްވެސް އެމީހުން ތުހުމަތުކުރި އެވެ.
މި އައު މިޝަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމަށް އިޢޤުލާނުކުރި ނަމަވެސް، ޣައްޒާގެ އިންސާނީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެފް.އެފް.ސީން ބުނާ ގޮތުގައި، މި ދަތުރުގެ މަޤްޞަދަކީ ޣައްޒާއަށް އެއްވެސް ހުރަހެއް ނެތި ވަދެވޭނެ މަގު ފަހިކުރުމަށާއި، އިސްރާއީލުގެ ބަންދު އުވާލުމަށް ބައިނަލްއަޤްވާމީ ފިއްތުންތައް ކުރިމަތިކުރުވުމެވެ. މުޅި ދަތުރުގެ ތެރޭގައިވެސް، ކަނޑުދަތުރުފަތުރުގެ މިނިވަންކަން ދެމެހެއްޓުމަށާއި، އުޅަނދުތަކަށް ހުރަސްއަޅާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުތަކަށް ގޮވާލަމުންދާނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ބުނެ އެވެ.



