
ބަޖެޓް ބަހުޘް މިރޭ ހަތެއްޖަހަންދެން ކުރިއަށް ގެންދަނީ..
އަންނަ އަހަރަށް ދައުލަތުން ލަފާކޮށްފައިވާ ބަޖެޓުގެ ބަހުޘް މިރޭ 7 ޖަހަންދެން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށައަޅާފައިވާ 26.7 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާ ކުރުމަށްފަހު، ބަޖެޓާ ބެހޭ ކޮމެޓީން މިއަދު ހުށައަޅާފައިވާ ރިޕޯޓާ ބެހޭގޮތުން މިރޭ 7ޖަހަންދެން ބަހުސްކުރުމަށް ފާސްކޮށްފައިވަނީ މަޖިލީހަށް އޭރު ޙާޟިރުވެ ތިއްބެވި 28 މެންބަރުންގެ އިއްތިފާޤުންނެވެ.
ސަރުކާރުން މަޖިލިހަށް ހުށައަޅާފައިވާ ބަޖެޓުގެ ޖުމްލަ ޢަދަދަށް އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓު ދިރާސާކުރާ ކޮމެޓީން މިދިޔަ ހަފްތާގައި ފާސްކޮށްފައިވާ އިރު، އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ މި ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހުއެވެ.
ސަރުކާރުން ހުށައަޅާފައިވާ ބަޖެޓުގެ 51 އިންސައްތަ ރިކަރަންޓު ޚަރަދުތަކަށް ހޭދަކުރުމަށް ނިންމާފައިވާ އިރު، 49 އިންސައްތަ ހޭދަކުރަން ހަމަޖައްސާފައިވަނީ ކެޕިޓަލް ޚަރަދުތަކަށެވެ.



