
9/11 އަށްފަހު ކުރި ހަނގުރާމަތަކަކީ ބޭނުންތެރި ހަނގުރާމަތަކއް – ޔޫގަވް ޕޯލް
ޔޫގަވްގެ ޚިޔާލު ހޯދުމުގެ ސާވޭއަކުން ދައްކާގޮތުގައި އެމެރިކާގެ ދެބައިކުޅަ އެއްބައި މީހުން ޤަބޫލުކުރާ ގޮތުގައި 9/11 އަށްފަހު ކުރި ހަނގުރާމަތަކަކީ ބޭނުންތެރި ހަނގުރާމަތަކެވެ.
ބުދަ ދުވަހު ޢާންމުކުރި ޔޫގަވްގެ ިޔާލު ހޯދުމުގެ ސާވޭއަކުން ދައްކާގޮތުގައި، 11 ސެޕްޓެމްބަރު 2001 ގައި އެމެރިކާއަށް ދިން ޙަމަލާތަކާ ގުޅިގެން އެ ޤައުމުން ކުރިއަށްގެންދިޔަ އަސްކަރީ އޮޕަރޭޝަންތަކާއި ޖާސޫސީ ނިޒާމު ވަރުގަދަކުރުމަށް ކުރި މަސައްކަތްތަކަކީ ”ބޭނުންތެރި“ ކަންކަން ކަމަށް އެމެރިކާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ޤަބޫލުކުރެ އެވެ.
މި ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، މި ޙަމަލާތަކަށްފަހު އެންމެ ބޮޑަށް އަނިޔާވެރިކަމާއި ތަފާތުކުރުންތަކާ ކުރިމަތިލާންޖެހުނު ބަޔަކީ މުސްލިމުން ކަމަށްވެސް ގާތްގަނޑަކަށް އެ އަދަދަށް މީހުން ޤަބޫލުކުރެ އެވެ.
މި ސާވޭ ކުރިއަށް ގެންގޮސްފައިވަނީ ނިއު ޔޯކް ސިޓީގެ ވޯލްޑް ޓްރޭޑް ސެންޓަރުގެ އިމާރާތްތަކަށް ދިން 9/11 ގެ ޙަމަލާތަކަށް 25 އަހަރު ފުރެން ކައިރިވެފައިވަނިކޮށެވެ.
އެ ޙަމަލާތަކަކީ ހަތަރު މަތިންދާބޯޓެއް ހައިޖެކްކޮށް، އޭގެ ތެރެއިން ދެ ބޯޓު އެ ދެ ޓަވަރަށް ވައްދާލައިގެން ދިން ޙަމަލާތަކެކެވެ. ތިންވަނަ ބޯޓު ވޮޝިންޓަން ޑީސީގެ ޕެންޓަގަންއަށް ވައްދާލާފައިވާއިރު، ހަތަރުވަނަ ބޯޓު ވެއްޓުނީ ޕެންސިލްވޭނިއާގެ ހުސް ބިމަކަށެވެ.
”ބޭރު ޤައުމުތަކުގައި އަސްކަރީ އޮޕަރޭޝަންތައް ހިންގައިގެން ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ހަނގުރާމަކުރުމާއި“ އަދި ”އެމެރިކާގެ އެތެރޭގެ ސަލާމަތީ ކަންކަމާއި ފާރަވެރިވުން ވަރުގަދަކުރުމަކީ އެކަމަށް ހޭދަވި ހަރަދާ ބަލާއިރު ބޭނުންތެރި ކަމެއްތޯ“ ސުވާލުކުރުމުން، ސާވޭގައި ބައިވެރިވި މީހުންގެ 48 އިންސައްތަ ބުނީ އެއީ ބޭނުންތެރި ކަމެއް ކަމަށެވެ. އަދި 27 އިންސައްތަ މީހުން ވަކި ގޮތެއް ނިންމަން ނޭނގޭ ކަމަށް ބުނިއިރު، ބާކީ 25 އިންސައްތަ މީހުން ބުނީ އެއީ ބޭނުންތެރި ކަމެއް ނޫން ކަމަށެވެ.
9/11 ގެ ޙަމަލާތަކަށްފަހު އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވަނީ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އުފައްދަވައި، ޓްރާންސްޕޯޓޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޓީ.އެސް.އޭ) ތައާރަފުކުރައްވާފަ އެވެ. މިއީ ދަތުރުވެރިން ބޯޓަށް އެރުމުގެ ކުރިން ބޫޓު ބޭލުމާއި، ލެޕްޓޮޕް ދަބަހުން ވަކިކުރުމާއި، އަތުގައި ހުންނަ ދިޔާ ތަކެތި ހުސްކުރަން މަޖުބޫރުކުރާ އިދާރާ އެވެ.
މީގެ އިތުރުން، ބުޝް ވަނީ ”ޕޭޓްރިއޮޓް އެކްޓް“ ތަސްދީގުކުރައްވާފަ އެވެ.
މި ޤާނޫނުގެ ދަށުން އެމެރިކާގެ ރައްޔިތުން ކުރާ ފޯން ކޯލްތަކާއި އެމީހުންގެ ޙަރަކާތްތައް ބެލުމުގެ ފުޅާ ދާއިރާއެއްގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންދިޔަ އެވެ.
ކޮންގްރެސްއިން 2001 ވަނަ އަހަރު ފާސްކުރި ”އޮތޮރައިޒޭޝަން ފޯ ދަ ޔޫޒް އޮފް މިލިޓަރީ ފޯސް“ އަދިވެސް އޮތީ ޢަމަލީ ގޮތުން ދެމިގެންނެވެ. މީގެ ދަށުން އަފްޣާނިސްތާން، ސޯމާލިއާ، ސޫރިޔާ އަދި ޕާކިސްތާނު ފަދަ މިނިވަން ޤައުމުތަކަށް އެމެރިކާއިން ވަނީ ހައްދެއް ނެތް މިންވަރަށް އަސްކަރީ ހަމަލާތައް ދީފަ އެވެ.
ޔޫގަވްގެ މި ސާވޭ ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓް 20 އާއި 23 އާ ދެމެދު ޢުމުރުން 18 އަހަރުން މަތީގެ 1,098 އެމެރިކާ ރައްޔިތުންގެ މެދުގައި އިންޓަރނެޓް މެދުވެރިކޮށެވެ. މި ސާވޭގެ ނަތީޖާގައި ކުށެއް ހުރުމުގެ ފުރުސަތު އުޅެނީ ޕްލަސް ނުވަތަ މައިނަސް 4.1 ޕޮއިންޓުގަ އެވެ.



