
ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމުގެ އުންމީދުތަކަށް ހުރަސްއެޅި، ތެލުގެ އަގު އުފުލިއްޖެ
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ ބާޒާރު ހަމައަކަށް އެޅޭނެކަމުގެ އުންމީދު ކުޑަވެ، ބްރެންޓް ކުރޫޑްގެ އަގު ވަނީ މައްޗަށް ގޮސްފައެވެ.
މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދުގައި ދެވޭ ހަމަލާތަކުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ކުރެވޭ މަޝްވަރާތަކަށް ހުރަސް އެޅި، ތެލުގެ އަގުތައް ވަނީ ކުއްލިއަކަށް އުފުލިފައެވެ.
ބުދަ ދުވަހުގެ ފަތިހު ބްރެންޓް ކުރޫޑްގެ އަގު ވަނީ 2 އިންސައްތައަށްވުރެ މައްޗަށް ގޮސްފައެވެ. މިއާއެކު ބައިނަލްއަގުވާމީ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ ގާތްގަނޑަކަށް 90 ޑޮލަރަށް އަރާފައެވެ. އޮކްޓޯބަރު މަހަށް ލަފާކުރާ ބްރެންޓް ފިއުޗާސްގެ އަގު ޖީ.އެމް.ޓީ ގަޑިން 03:00 ގައި ހުރީ 89.61 ޑޮލަރުގައެވެ. މިއީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރިއާ އަޅާބަލާއިރު 24 އިންސައްތައިގެ އިތުރުވުމެކެވެ.
އޮސްޓްރޭލިއާގެ ކޭ.ސީ.އެމް ޓްރޭޑްގެ ޗީފް މާކެޓް އެނަލިސްޓް ޓިމް ވޯޓަރާ އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު ބާޒާރުން މުޅިން ދޫކޮށްނުލި ނަމަވެސް، އެ އިތުބާރު މިހާރު ވަރަށް ބޮޑަށް ކުޑަވަމުންދާ ކަމަށެވެ. އަދި ފެންނަ ފަދަ ކުރިއެރުމެއް ނުލިބި މަޝްވަރާތައް ދިގުލައިގެންދާ ވަރަކަށް، އަވަސް ހައްލެއް އަތުވެދާނެ ކަމާމެދު އުފެދޭ ޝައްކުތައް ބޮޑުވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރުން އަންގާރަ ދުވަހު ތުހުމަތުކުރި ގޮތުގައި، އީރާނަށް ތާއީދުކުރާ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި ދަތުރުކުރި ވިޔަފާރި އުޅަނދަކަށް ދިން މިސައިލް ހަމަލާތަކެއްގައި ހަ މީހަކު ވަނީ މަރުވެފައެވެ. ޔަމަނުގެ ކޯސްޓްގާޑުން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ފުރަތަމަ ހަމަލާއަށްފަހު ސަލާމަތްކުރުމުގެ މަސައްކަތަށް ފޮނުވި ސަލާމަތީ ބާރުތަކުގެ ދެ މީހަކުވެސް ހިމެނެއެވެ.
ހަމައެއާއެކު، އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވާން އުޅުނު ޕެނަމާގެ ދިދަ ޖެހި މުދާ އުފުލާ ބޯޓަކަށް ހަމަލާދީ އެ ބޯޓު ހުއްޓުވާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ފަހުން ވަނީ ހާމަކޮށްފައެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމާ ބެހޭގޮތުން އިދިކޮޅު މައުލޫމާތުތައް ލިބެމުންދާތީ، ވޭތުވެދިޔަ ހަފުތާގައި ތެލުގެ އަގު ދިޔައީ މައްޗަށެވެ. ގަތަރުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އޮމާނާއި އީރާނާ ދެމެދު ކުރެވޭ މަޝްވަރާތައް މިހާރު ހުރީ ވަރަށް ކުރިއަރާފައިވާ މަރުހަލާއެއްގައެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެ މަޝްވަރާތަކަކީ ކަނޑުއޮޅި ހުޅުވުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، ހަނގުރާމައިގެ ބަދަލު ދިނުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ފަދަ ޝަރުތުތަކަށް އެމެރިކާ އެއްބަސްނުވާހާ ހިނދަކު ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވީ އެ ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާއަށް އެބައޮތް ކަމަށެވެ. އެހެންނަމަވެސް، ކަނޑުދަތުރުފަތުރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހަނގުރާމައިގެ ކުރިން ދުވާލަކު 130 އުޅަނދު ދަތުރުކުރި އެ ސަރަހައްދުން މިހާރު ދަތުރުކުރަނީ ދުވާލަކު އެންމެ 10 އުޅަނދެވެ.
އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަނުން ލަފާކުރާ ގޮތުގައި މެދުއިރުމަތީގެ ތެޔޮ އުފެއްދުން ހަނގުރާމައިގެ ކުރީގެ މިންވަރަށް އިއާދަވާނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އަދި 2026 ވަނަ އަހަރު ބްރެންޓް ކުރޫޑްގެ އެވްރެޖް އަގު ހުންނާނީ ފީފާއެއް 87 ޑޮލަރުގައެވެ. ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް އާންމު ހާލަތަކަށް ނައިސް އޯޕެކްގެ ތެޔޮ އުފެއްދުން އިތުރުވުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން، ސިޔާސީ މަޝްވަރާތަކުން ބޮޑު ކުރިއެރުމެއް ނުލިބޭނަމަ ތެލުގެ އަގު 85 އާއި 90 ޑޮލަރާ ދެމެދުގައި ދެމިއޮންނާނެ ކަމަށް ބެލެވެއެވެ.



