
މުޙައްމަދު ލަތީފް: ކުދިންނަށް އުނގަންނައިދިނުމަށް ޚާއްސަ ލޯތްބަކާއި ޝައުޤުވެރިކަމެއް ހުންނަ މުދައްރިސެއް
ތަޢުލީމީ ދާއިރާގައި 19 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާ، އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުރި މުޙައްމަދު ލަތީފަކީ، މުލަކު އަތޮޅު މުލަކު ސްކޫލުގައި މަސައްކަތްކުރަމުން އަންނަ، މި ދާއިރާއަށް ޚާއްސަ ލޯތްބަކާއި ޝައުޤުވެރިކަމެއް ހުންނަ މުދައްރިސެކެވެ.
މިހާރު ލީޑިންގ ޓީޗަރެއްގެ މަޤާމުގައި މަސައްކަތް ކުރަމުން އަންނަ މުޙައްމަދު ލަތީފް މި ދާއިރާއަށް ޝައުޤުވެރިކަން އުފެދުނީ ކުޑައިރުއްސުރެންވެސް ކިޔަވައިދިނުމުގެ ކަންކަމުގައި އުޅޭ ހިތްވާލެއް ބޮޑުކަމުންކަމުގައި އޭނާ ފާހަގަކުރިއެވެ. ހަޔާތުގެ ބޮޑުބައެއް ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރުމުގައި ހޭދަކޮށްފައިވާއިރު، މި ދާއިރާގައި މުޙައްމަދު ލަތީފްވަނީ ވަރަށް ތަފާތު ގިނަ ތަޖުރިބާތަކެއް ކޮށްފައެވެ.
އެގޮތުން، ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނާއެކު މަސައްކަތްކުރުމުގައި، ދަރިވަރުންގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމުގައި އޭނާ ފާހަގަކުރިއެވެ. އަދި މި ގޮންޖެހުންތަކާއި ކުރިމަތިލުމުގައި ލަތީފް ގެންގުޅޭ އުސޫލަކީ ކުދިންގެ ކަންކަން ނިންމުމުގައި ކުދިންގެ ވާހަކަތައް ގާތުން އަޑުއަހައި، އެކުދިންނަށް ދިމާވާ މައްސަލަތަކަށް އެދެވޭ ޙައްލެއް ހޯދައިދިނުމަށް އޯގާތެރިކަމާއި އެކު މަސައްކަތްކުރުންކަމުގައި ވެސް އޭނާ ބުންޏެވެ.
ހަމައެހެންމެ، ކުއްޖަކާ މެދު ގޮތެއް ނިންމުމުގައި އެކަމުގައި ހިއްސާވާ އެންމެންނަށް ކަންކަން ސާފުކޮށް ކިޔައިދިނުމުގެ އިތުރުން، ޚާއްޞަކޮށް ސްކޫލުގެ ޕްރިންސިޕަލަށް ކަންކަން މަޝްވަރާކޮށް، ޕްރިންސިޕަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ނިންމުންތައް ނިންމުމަކީ އޭނާ ގެންގުޅޭ އުސޫލުކަމުގައި ވެސް ލަތީފް ފާހަގަކުރިއެވެ.
މި ހުރިހާ މަސައްކަތްތަކުގެ ތެރެއިން ލަތީފަށް ފާހަގަކުރެއްވުނު އެންމެ މުހިންމު ކަމަކީ، މި އުމުރުފުރައިގެ ކުދިންނާ މުޢާމަލާތްކުރުމުގައި ކެތްތެރިކަން އިސްކުރުމުގެ މުހިންމުކަމެވެ. މި ކުދިންނަށް ބޭނުންވަނީ ސްކޫލާއި، ޢާއިލާ އަދި މުޖުތަމަޢުގެ ތެރެއިންވެސް ކެތްތެރިކަމާއެކު އެކުދިންގެ ޝުޢޫރުތައް އަޑުއަހާނެ ފަރާތްތަކެކެވެ. ސަބަބަކީ ކޮންމެ ކަމެއްގައިވެސް ކާމިޔާބީގެ އަސްލަކީ ކެތްތެރިކަން ކަމުގައިވާތީއެވެ.



