ރަމަޟާން މަހަށް ތަކެތީގެ އަގު ހިފެހެއްޓުމަށާއި ސަޕްލައި ކަށަވަރުކުރުމަށް ވަމުންދާ ތައްޔާރީތައް

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަކީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކާއި ކާބޯތަކެތީގެ ބޭނުންތަކަށް ބޮޑު ބަދަލެއް އަންނަ މަހަކަށް ވުމާއެކު، އެ ދުވަސްވަރު އަސާސީ ތަކެތީގެ އަގުތައް އަތްފޯރާ ފަށުގައި ބެހެއްޓުމަށް ސަރުކާރުން އިސްކަންދީގެން ޚާއްޞަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިކޮނޮމިކް މިނިސްޓްރީން މިދަނީ ބާޒާރުގައި ލިބެންހުރި ތަކެއްޗާއި އެ ތަކެތީގެ އަގުތައް ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރަމަޟާން މަސް އަންނަންވާއިރަށް ތަކެތީގެ ސަޕްލައި މެދުނުކެނޑި ލިބޭނެކަން ޔަޤީންކޮށް، އަގުތައް އުފުލުނަނުދީ ހިފެހެއްޓުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އަމާޒަށް ވާސިލްވުމަށްޓަކައި، އަސާސީ ބާވަތްތަކުގެ ލިސްޓަށް އަލަށް އިތުރުކުރެވުނު 23 ބާވަތާއެކު، ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން ޖުމްލަ 26 ބާވަތެއްގެ މުދާ އެސްޓީއޯ މެދުވެރިކޮށް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން، އަތޮޅުތަކުގެ ރައްޔިތުންނަށްވެސް މި ތަކެތި ފަސޭހައިން ފޯރުކޮށްދިނުމަށް އެސްޓީއޯ އިން ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ.

އެގޮތުން ރާއްޖޭގެ އެކި ސިޓީތަކާއި ބޮޑު އާބާދީ ހުންނަ 11 ރީޖަނެއްގައި ހުރި އެސްޓީއޯގެ 11 ފިހާރައަކުން ސީދާ މި ތަކެތި ލިބެން ހުންނާނެއެވެ. އަދި 3,000 އަށް ވުރެ އާބާދީ މަތި ރަށްރަށުގައި އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް އެސްޓީއޯގެ ކޮންޓްރޯލް ރޭޓުގައި ތަކެތި ވިއްކުމަށް ވަނީ ނިންމާފައެވެ. އާބާދީ ކުޑަ ރަށްރަށުގެ ފިހާރަތަކަށްވެސް އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް މުދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ލޮޖިސްޓިކްސްގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، އެމްޕީއެލްއާ ގުޅިގެން ”ބޭސް ކާގޯ“ މެދުވެރިކޮށް ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީއަށް ސީދާ މުދާ އެތެރެކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން، ގަނޑުކޮށް މުދާ ބޭނުންވާ ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމަށް މާލޭގެ ނޯތު ހާބަރު ސަރަހައްދުގައާއި ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި ހޯލްސޭލް ސެންޓަރުތައް ވަނީ ޤާއިމްކޮށްފައެވެ.

ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، އެސްޓީއޯ އިން ވިއްކާ މުދަލުގެ އަގުތައް އެ ކުންފުނީގެ ވެބްސައިޓުގައި ޝާއިޢުކުރަމުންދާނެއެވެ. އަދި މިނިސްޓްރީގެ ”އަގުމަގު“ ޕޯޓަލް މެދުވެރިކޮށް 169 ބާވަތެއްގެ މުދާ އެންމެ ހެޔޮ އަގުގައި ލިބޭނެ ތަންތަން ބަލާލުމުގެ ފުރުސަތުވެސް ރައްޔިތުންނަށް އޮންނާނެއެވެ.

ސަރުކާރުގެ މައިގަނޑު މަޤްޞަދަކީ އެއްވެސް ތާށިކަމެއް ނެތި، ހުރިހާ ރައްޔިތުންނަށްވެސް ހެޔޮ އަގުގައި އަސާސީ ތަކެތި ލިބޭނެ އަމާން މާހައުލެއް މި ރަމަޟާން މަހު ފަހިކޮށްދިނުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.