ގެއްލުން ނުވާގޮތަށް ކުދިން އަދަބުވެރި ކުރުން

ދަރީންނަކީ މައިންބަފައިންނާ ހަވާލުކުރެވިފައިވާ ބޮޑު އަމާނާތެކެވެ. އަދި އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް އަހުލާގު ރަނގަޅު ޒިންމާދާރު ބަޔަކަށް ހެދުމަކީ ދަރިން ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ ފަރާތްތަކުން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މިކަން ކުރުމަށްޓަކައި ކުދިންގެ އަމަލުތަކާއި ގުޅުން އެންމެ އެކަށީގެންވާ ގޮތެއްގައި ބައްޓަންކުރުމުގައި ބެލެނިވެރިންގެ ޒިންމާ ނުހަނު ބޮޑުވެ. ކޮންމެ ބެލެނިވެރިއަކަށްވެސް ކުދިންގެ އުޅުމާއި ގުޅިގެން ކަންބޮޑުވާނެ ހާލަތްތަކެއް ކުރިމަތިނުވެ ނުދާނެކަން ކަށަވަރެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި ނުވަތަ ޖުމްލަކޮށް ދަރިން ތަރުބިއްޔަތުކޮށް އަދަބުވެރިކުރުމުގައި ވިސްނަންވީ ނުވަތަ ކަންކުރަންޖެހޭ ގޮތާއި ނުވަތަ ކޮށްގެން ނުވާނެ ކަންކަން އެނގިފައި އޮތުމަކީ ނުހަނު ބޭނުންތެރި ކަމަކެވެ.

ކުދިން އަދަބުވެރި ކުރުމުގައި ކޮންމެ ބެލެނިވެރިއަކަށްވެސް އުނދަގޫ ހާލަތްތައް ކުރިމަތިވެއެވެ. ބައެއް ފަހަރު ތުއްތު ދަރިފުޅު ހިތްހަމަނުޖެހިގެން ހުއްޓާނުލައި ރޮއިފާނެ އެވެ. ހިތްހަމަނުޖެހިގެން ރުޅިއައިސްފައި ހުންނަ ފުރާވަރު އުމުރުގެ ކުއްޖަކާއި ކުރިމަތިލާންޖެހިދާނެ އެވެ. އަމިއްލަ ނަފްސު ނުވަތަ ރުޅި ކޮންޓްރޯލްކުރަން ދަތިވާ ހާލަތްތައް ކުރިމަތިވެދާނެ އެވެ. މިފަދަ އެއްވެސް ހާލަތެއް ކުރިމަތިވުމުން ކުދިންނާ ދިމާލަށް ހަޅޭއްލަވާ ނުވަތަ ކުދިންނަށް ޖިސްމާނީ އަނިޔާ ކުރުމަކީ އޮތް ހައްލެއް ނޫނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކުދިން އަދަބުވެރިކުރުވުމަށްޓަކައި އެކުދިންނަށް އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން ދަސްކޮށްދިނުމާއި، އަދަބު ދިނުމުގެ ބަދަލުގައި ބެލެނިވެރިޔާގެ އިރުޝާދުގެ ދަށުން ޒިންމާތައް ނަގަން ކުދިންނަށް ދަސްކޮށްދިނުމާއި، ނަމޫނާ ދެއްކުމާއި، ކުދިން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް އެކަންކަމަށް ބެލެނިވެރިން ސަމާލުކަން ދޭކަން ދެއްކުން ފަދަ ކަންކަން ކުރެވިދާނެ އެވެ. މިކަންކަން ކުރުމަށްޓަކައި ކުރެވިދާނެ މައިގަނޑު ކަންކަމުގެ ތެރޭގައި ކުއްޖާގެ އުމުރާއި އަދި ޤާބިލުކަމަށް ބަލައިގެން ކަންކަން ކުރުވުމާއި، ކުއްޖާ ކުރާ ނުރަނގަޅު ކަންކަމުގެ އަސްލު ދަނެގަތުމުގެ އިތުރުން ބެލެނިވެރިޔާގެ ފަރާތުން ކުއްޖާޢަށް އަޅާލުމާއި ލޯބި ލިބޭ ރަނގަޅު ގުޅުމެއް ޤާއިމުކޮށް ކުއްޖާގެ އިހްސާސްތަކާއި، ޖަޒްބާތުތަކާއި އަދި އަމަލުތައް އެންމެ ރަނގަޅު ގޮތުގައި ބަހައްޓާނެގޮތް ބުނެދިނުން ހިމެނެއެވެ.

މީގެ އިތުރުން ކުދިން އަދަބުވެރިކުރުވުމުގެ ތެރޭގައި ކުދިންގެ އަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން ބައެއް ފަހަރު ނުތަނަވަސްކަން ކުރިމަތިވެދާނެ ކަންކަމާ ކުދިންނަށް ކުރިމަތިލާންޖެހިދާނެކަން ވިސްނައިދިނުމާއި އަދި އަމިއްލަ ނަފްސު ކޮންޓުރޯލް ކުރުމުގެ ހުނަރު ތަރައްޤީކުރުމާއި، ދިރިއުޅުމުގެ ހުނަރު ދަސްކޮށްދެވިދާނެ އެވެ. އަދި މިކަންކަން ތަންފީޒުކުރުމަށް ކުދިންނާވެސް ވާހަކަދައްކައިގެން އަމަލުކުރާނެ އުސޫލުތަކެއް ހަދައި އެއާ އެއްގޮތަށް އަމަލުކުރަމުން ގެންދަންވާނެ އެވެ.

ރަނގަޅު ގޮތުގައި ކުދިން ތަރުބިއްޔަތުކޮށް ބޮޑުކުރުމާއި ގުޅޭގޮތުން އެމެރިކަން އެކަޑަމީ އޮފް ޕީޑިއާޓްރިކްސް (އޭ.އޭ.ޕީ)ގެ ޕޮލިސީ ސްޓޭޓްމަންޓްގައި ބުނާގޮތުން ކުއްޖާގެ އުޅުމާއި، އަހުލާގަށް މުހިންމުވާނީ އަދަބު ދިނުމަށްވުރެ ރަނގަޅު ގޮތްތައް އުނގަންނައިދީގެންނެވެ. ދިރާސާތަކުން ދައްކާގޮތުން ކުދިން ގައިގަ ތެޅުން، ޖެހުން އަދި އެހެނިހެން ގޮތްގޮތުން ކުދިންނަށް ދޭ ޖިސްމާނީ އަނިޔާތަކުގެ ސަބަބުން ކުދިންގެ އުޅުމަށް ހެޔޮ ބަދަލެއް ނާދެ އެވެ. އަދަބުވެރިކުރުމުގެ ގޮތުން ކުދިންނާ ދިމާއަށް ހަޅޭއްލަވާ ނުވަތަ ޖިސްމާނީ އަނިޔާކޮށްގެން ކުދިންގެ އަހުލާޤަށް ނުވަތަ އުޅުމަށް ހެޔޮ ބަދަލެއް އައުމުގެ ބަދަލުގައި އެކަމުގެ ސަބަބުން ދިގު މުއްދަތުގައި ކުދިންނަށް ކުރާ ނޭދެވޭ އަސަރު ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ.

އާދަކޮށް ކުދިންނަށް ހަޅޭއްލަވާ ނުވަތަ ޖިސްމާނީ ގޮތުން އަނިޔާވާ ފަދަ އަދަބު ދޭކަމުގައިވާނަމަ އެކުދިން އަދަބުވެރިވުމުގެ ބަދަލުގައި ނުރަނގަޅު ނަތީޖާތަކަކާ ހަމައަށް ވާސިލްވުމުގެ ފުރުސަތު ބޮޑުވެ އެވެ. އެގޮތުން ސްކޫލަށް ދިއުން ހުއްޓާލުން، ފިކުރުބޮޑުވުމުގެ ބައްޔަށް ހުށަހެޅުން، މަސްތުވާތަކެތި ބޭނުން ކުރަން ފެށުން، އަމިއްލަ ނަފްސަށް ގެއްލުން ދިނުން އަދި ހިތުގެ ބަލިތައް ޖެހުން ފަދަ ކަންކަން ކުރިމަތިވުން ގާތެވެ. ކުދިން އަދަބުވެރިކުރުމުގެ ގޮތުން ބެލެނިވެރިން ނުވަތަ ކުދިން ބަލަހައްޓާ ފަރާތްތަކުން އެއްވެސް ހާލަތެއްގައި ކުދިން ގައިގަ ތެޅުން ނުވަތަ ޖެހުމަކީ ކޮށްގެންނުވާނެ ކަމެއްގެ ގޮތުގައި އެމެރިކަން އެކަޑަމީ އޮފް ޕީޑިއާޓްރިކްސްއިން އިރުޝާދު ދެ އެވެ. އޭގެ ބަދަލުގައި ކުދިންނަށް ޒިންމާ ނަގަން ދަސްކޮށްދިނުމާއި، އަމިއްލަ ނަފްސު ކޮންޓުރޯލްކުރަން ދަސްކޮށްދިނުން މުހިންމެވެ. ކުދިން ގައިގައި ތަޅާ ހަދާކަމުގައިވާނަމަ ކުދިންގެ ގައިގަ އަވަހަށް ރުޅިއައުމާއި ހަލަބޮލި ގޮތްތައް އަށަގަންނަގޮތްވެ އެވެ.

ކުދިންނާ ދިމާއަށް ހަޅޭއްލަވައި ނުވަތަ ލަދުގަންނުވައިގެންވެސް ހެޔޮ ނަތީޖާއެއް ނުނިކުމެއެވެ. އޭގެ ބަދަލުގައި ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް އޭގޭ ނޭދެވޭ އަސުރު ފޯރައި އެކަން ކުދިންގެ މުޅި އުމުރަށް ދެމިގެންދާގޮތް ދިމާވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.