
ޝަހީދު ޢަލީ ސްކޫލް ހުޅުވުމަށް ވަމުންދާ ތައްޔާރީތައް މިނިސްޓަރ ބައްލަވައިލައްވައިފި
ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި ބިނާކުރާ ”ޝަހީދު ޢަލީ ސްކޫލް“ ގެ މަސައްކަތް ކުރިއަށްދާ ގޮތް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު މިއަދު ބައްލަވައިލައްވައިފިއެވެ.
މި ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް މިއަދު ހަވީރު މިނިސްޓަރ ކުރެއްވި ޒިޔާރަތުގައި، ސްކޫލްގެ އެންމެ ފަހުގެ އަދާހަމަ އޮޅުންފިލުއްވާ، ސްކޫލް ހުޅުވައި ކިޔަވައިދޭން ފަށާއިރު ދަރިވަރުންނާއި ބެލެނިވެރިންގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ފުލުހުންނާއި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުލީމީ ދާއިރާއަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން، މި ސަރުކާރުން ބިނާކުރާ ފުރަތަމަ ޢިމާރާތަކީ ތަޢުލީމަށް ބިނާކުރެވޭ ޢިމާރާތަކަށް ހެދުމުގެ މަޤްސަދުގައި 23 ޑިސެމްބަރު 2023 ގައި ބިންގާ އެޅި މި ސްކޫލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ދިރާސީ އައު އަހަރާ ދިމާކޮށް، 27 ޖެނުއަރީ 2026 ގައެވެ.
މި ސްކޫލް ހުޅުވުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދަރިވަރުންނަށް ދިރިއުޅޭ ސަރަހައްދުން ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިވެ، ދަރިވަރުންނާއި ބެލެނިވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މާލެ ސަރަޙައްދުގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރާ މި ސްކޫލަކީ އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަސީލަތްތަކުގެ އިތުރުން ޓާފް ދަނޑެއް އެކުލެވޭގޮތަށް ޢިމާރާތް ކުރެވޭ ސްކޫލެކެވެ.
1500 އެއްހާ ދަރިވަރުންގެ ޖާގައިގެ މި ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އާއެވެ.



