
މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ހެދުން އަޅަންޖެހޭ މިންގަނޑު އިސްލާހުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މީހުން ދިރިއުޅޭ ރައްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން ހެދުން އަޅަން ޖެހޭ މިންގަނޑު އިސްލާޙު ކުރާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީ އޮފިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ލޯކަލް ޓޫރިޒަމާ ބެހޭ ޤާނޫނަށް ގެނައުމަށް ނިންމާފައިވާ އިސްލާހުތައް ހިއްސާކުރައްވާ ރައީސް ވިދާޅުވެފައި ވަނީ، ފަތުރުވެރިން ރަށްރަށުގައި އުޅޭއިރު ހެދުން އެޅުމާއި އުޅުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކާ ގުޅޭ ގަވާއިދުތައް އިސްލާހުކުރަމުންދާ ކަމަށެވެ. އަދި ދީނީ ގޮތުންނާއި، އަޙްލާގީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރަށްރަށުގައި ހިނގަން ނުޖެހޭ ކަންކަން ހިނގާކަމުގެ ޝަކުވާ، ޒިޔާރަތް ކުރި ބައެއް ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށާއި މިކަންކަން ރަނގަޅު ކުރުމަށް، ކަމާ ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ގަވާއިދުތައް އިސްލާހު ކުރަމުންދާ ކަމަށެވެ.
ލޯކަލް ޓޫރިޒަމާބެހޭ ގާނޫނަށް ހަރުކަށި އިސްލާހުތައް ގެނައުމަށް ނިންމާފައިވާއިރު، ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މީހުން ދިރިއުޅޭ 75 ރަށެއްގައި ޑޮލަރު އޭޓީއެމްތައް ބެހެއްޓުމުގެ މަސައްކަތް އަންނަ މާރިޗުމަހުގެ ކުރިން ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މުސްލިމުންނަށް ޚާއްސަކޮށް އިސްލާމް ދީނާއި ފުށުނާރާނެހެން ފަތުރުވެރިކަމުގެ ޚިދުމަތްތައް ދިނުމަށް ’ޙަލާލް ޓޫރިޒަމް’ގެ ނަމުގައި ފަތުރުވެރިކަމުގެ މޮޑެލްއެއް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
މި މަސައްކަތުގެ ދަށުން، ރާއްޖޭގެ 5 ސަރަހައްދު ކަމަށްވާ ހއ.އަތޮޅު، ހދ.އަތޮޅު، ށ.އަތޮޅު، ތ .އަތޮޅު، އަދި ލ.އަތޮޅުން 6 ރަށެއްގައި ހަލާލު ޓޫރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅައި، މި ސަރަހައްދުތަކުގައި ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށް ބައެއް ރަށްތަކުގައި ޓޫރިސްޓް ރިސޯޓުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.



