
ކެންޑިޑޭޓުންގެ އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހެޅުމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކަށް މަޢުލޫމާތު ދިނުމަށް ބައްދަލުކޮށްފި
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުން އޮންލައިން ނިޒާމަކަށް ބަދަލުކޮށް، އޭގެ މައުލޫމާތު ދިނުމަށް ސިޔާސީ ޕާޓީތަކާއެކު ބައްދަލުވުމެއް ބާއްވައިފި އެވެ.
މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (MDP) ، ޢަދާލަތު ޕާޓީ (AP) ، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (MDA) ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން ބައިވެރިވެފައިވެ އެވެ.
މި ބައްދަލުވުމުގައި، my.elections.gov.mv މެދުވެރިކޮށް ކެންޑިޑޭޓުން އެޕްލިކޭޝަން ފޯމު ހުށަހަޅާނެ ގޮތާއި، ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ކެންޑިޑޭޓުން އެންޑޯޒްކުރުމަށް ޕާޓިތަކުން އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ވަނީ ޙިއްސާކޮށްފައެވެ.
އަދި އިންތިޚާބާށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދުރާލައި ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްދިނުމަށް އެދި ސިޔާސީ ޕާޓީތަކުން ބާރުއަޅައިދިނުމަށާއި، އިންތިޚާބަށް ކުރިމަތިލުމަށް އެދި އޮންލައިންކޮށް ފޯމު ހުށަހެޅުމާ ގުޅޭގޮތުން ޢާންމުން ޙޭލުންތެރިކުރުވުމަށް ސިޔާސީ ޕާޓީތަކާއި، މި ކޮމިޝަން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހެޅުން އޮންލައިން ނިޒާމަކަށް ބަދަލުކުރުމަކީ، މި ކޮމިޝަނުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ޢާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ކޮމިޝަނުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
އަދި އާންމުންނާއި ސިޔާސީ ޕާޓީތަކަށް މިކަމާގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން، އިތުރު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފަ އެވެ.



