ޢާންމުން ދިރިއުޅޭ ރަށްރަށަކީ ރިސޯޓު ނޫންކަން ދަންނަންވާނެ

އައްޝައިޚް މުޙައްމަދު އަފްޟަލް

ޓޫރިޒަމަކީ މި ރާއްޖޭގެ އިޤްތިޞާދީ މައިނާރު ކަމުގައި މި ވަނީ ވެފަ އެވެ.

މީހުން ނޫޅޭ ރަށްރަށުގައި ރިސޯޓުހަދައިގެން ކުރާން ފެށި މި ވިޔަފާރި، ލޯކަލް ޓޫރިޒަމުގެ ނަމުގައި މީހުން އުޅޭ ރަށްރަށާ ހަމައަށް ތަޢާރަފު ކޮށްދެވީ 2009ވަނަ އަހަރު ވެރިކަމުގައި ހުންނެވި ރައީސުލް ޖުމްހޫރިއްޔާ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ވަރަށް ގިނަ މީހުން ލޯކަލް ޓޫރިޒަމް ބަލައިގަތީ އާންމު ދިވެހި ރައްޔިތު މީހާއަށް ޓޫރިޒަމް ސެކްޓަރުން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ހުޅުއްވައިދެއްވި ތަނަވަސް ދޮރެއްގެ ގޮތުގަ އެވެ.

މާ ގިނަ ދުވަސްތަކެއް ނުވެ ހަމަހިމޭންކޮށް އޮތް  ކުދިކުދި ރަށްރަށުގައި ބޮޑެތި އުސް އިމާރާތްތައް އުފުލި ރަށު ޖީބުތަކަށް ޑޮލަރު ވަންނަން ފަށައިފިއެވެ. ކަޅާހުދުގެ އަގުމަތި ފައިސާއިން މުޅިރަށަށް ދިރުން ގެނެސްދިނެވެ. މަގުތަކާއި ބާޒާރުތަކުގައި ވިޔަފާރި ޖަގަހަތައް އުފެދި އެ ތަންތަނުގެ ޙަރަކާތްތައް އިތުރުވިއެވެ. ކެފޭ ރެސްޓޯރެންޓުތައް ގިނަވެ ދައުރުވާ ފައިސާގެ ބުރު އަވަސްވެ، އިޤްތިޞާދު ފުޅާވެއްޖެ އެވެ.

ހަލުވި ދުވެލީގައި ލިބުނު ކުރިއެރުންތައް ފެންނަމުން ދިޔައިރު، އޭގެ ހިޔަނީގައި ގެއްލެމުން ދިޔަ އެތައް އަގުމަގެއް އޮތީ ލޯތަކަށް ފޮރުވިފައެވެ. ދިވެހި ރާއްޖޭގައި ޒަމާނުއްސުރެ އޮތް އެތައް ރީތި އާދަކާދައެއް ނެތި ދިޔައީ، އެހެން އެކަން ވާކަން  މީހަކަށް ރޭކައި ވެސް ނުލަނީހެވެ.

އެންމެ ބޮޑަށް ގެއްލުންވީ އިސްލާމީ ޢަޤީދާއަށެވެ. އެއަށްފަހު ރިވެތި އަޚުލާޤަށެވެ. ފޮރުވިފައި ހުރި ނިވައިކަން ހާމަވެ، ލަދުހަޔާތް ހިތްތަކުން ފިލައި ދިޔައީ އެވެ.

ލޯކަލް ޓޫރިޒަމާ އެކު ނިވައިކަންކުޑަ މަންޒަރުތައް ރަށްރަށުގައި އާންމުވިއެވެ. ހަމަ އެއާ އެކު ބަނގުރަލުގެ މައްސަލަތައް ފެންމަތިވިއެވެ.

ރަލާ އެކު ހައްޔަރުކުރާ މީހުން ގިނަވިއެވެ. ބަދުއަޚުލާޤީ ޢަމަލުތަކުގައި ފުލުސް އޮފީހަށް ހާޒިރުކުރާ ދިވެހިންގެ އަދަދު ވެސް އިތުރުވިއެވެ. މިހެން މި ކަން ދިމާވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ރިސޯޓު ފެންވަރަށް ޚިދުމަތް ދޭން ވިސްނާތީކަމަށް ވެދާނެއެވެ. އެހެނަކުން ނޫނެވެ. އާންމުން ދިރިއުޅޭ ރަށްރަށަކީ ރިސޯޓު ނޫންކަން އެންމެން ވެސް ދަންނަންވާނެ އެވެ.

ވިޔަފާރިކުރިޔަސް ލާރި ބޭނުންވިޔަސް އިސްލާމުން، އެ މީހުންގެ ޢިއްޒަތުއް ނަފުސު ވެއްޔައި މޮޑެލައިގެން ނުވާނެއެވެ. ކިޔަމަންތެރި މުސްލިމުންގެ ސިފަ ގެއްލުވައިލައިގެން ނުވާނެއެވެ. ރިސޯޓުތަކުގައި ވެސް އެ ނޫން ތަނެއްގައި ވެސް މުސްލިމުން، އިސްލާމްކަމުގެ އެއްވެސް މިނެއް ފަހަނަޅައި ގޮސްގެން ނުވާނެ އެވެ.

ބެލުން ތިރިކުރުމާއި ޙަރާމް ކަންކަމަށް އަރައިނުގަތުން އެއީ، އިސްލާމަކަށް ވީތީ ހުސިޔާރުވާން ޖެހޭނޭ ކަންކަމެވެ.

ބެލުން ތިރިކުރުމަށާއި ﷲ ޙަރާމުކުރެއްވި ތަންތަނަށާއި ތަކެއްޗަށް ނުބެލުމަށް މުއުމިނު ފިރިހެނުންނަށާއި މުއުމިނު އަންހެނުންނަށް ﷲ ވަނީ އަމުރުކުރައްވައިފަ އެވެ.

ނޫރު ސޫރަތުގެ 30ވަނަ އާޔަތުގައި އެ އަމުރު އޮތީ ފިރިހެނުންނަށެވެ. 31ވަނަ އާޔަތުގައި އަންހެނުންނަށެވެ. މި އަމުރަށް ކިޔަމަންތެރިވެގެން މުސްލިމުންނަށް ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުމަކީ މުސްލިމުންގެ މައްޗަށް ވެރިކުރެވޭ އެކިއެކި ގިންތިތަކުގެ ވެރިން ކޮންމެހެން ކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ.

މީހުން ދިރިއުޅޭ ރަށަކަށް ދަތުރުވަރެއްގައި އަންނަ ޣައިރު މުސްލިކު މީހާ، މުސްލިމުންތެރޭ އުޅެންވާނެ ގޮތާއި އުޅެގެން ނުވާނެ ގޮތް ކިޔައިދީ އެ ކަން އެ ގޮތަށް ތަންފީޒުކުރުމަކީ ވެރިންގެ ޒިންމާއެކެވެ. ގޯސް ކަންކަމުގެ މަގު ބަންދުކުރުމަކީ މިއީ އެވެ.

މުއުމިނުން ނިވައިވެ ތިބުމަށާއި ފަރުޖުތައް ރައްކާތެރިކުރުމަށާއި ބެލުންތައް ތިރިކުރުމަށް ޤުރުއާނުގައި އަންގަވައިފައި ވަނީ، އެ މީހުންގެ ހަށިގަނޑާއި ގުނަވަންތައް ތަފާތު ގޮތަކަށް އުފެދިފައި ހުންނާތީއެއް ނޫނެވެ.

އެހެނަސް އެކަކަށް އަނެކަކުގެ ހަށިގަނޑާއި ވަނާތައް ފެނުމުން، އިންސާނުންގެ ޠަބީޢަތުން ޝަހުވަތްތެރިކަން ހޭލާނެތީ އެ ކަމުން ރައްކާތެރިވުމަށް ﷲ އެނގެވީ އެވެ.

ރަށު ރައްޔިތުން އެ ރައްކާތެރިކަން ހިފައިފައި، ބޭރުން އަންނަ ބަޔަކު ނިވައިނުކޮށް ހާމަކޮށްގެން އުޅުމަކީ ކޮން ގޮތަކުން ބުއްދި ހަމަޖެހޭނެ ކަމެއްބާ އެވެ؟

ރިސޯޓެއްގައި ޣައިރު މުސްލިމުން އެ މީހުން، އެ މީހުންގެ ތެރޭ އުޅެވިދާނެ ގޮތެއް ކަމުގައި ބަލައިގެން އުޅުނަސް، މުސްލިމުން ދިރިއުޅޭ އާންމު ރަށެއްގައި ޣައިރު މުސްލިމަކު ވެސް އެފަދައިން އުޅެގެން ނުވާނެ އެވެ.

މިއީ އާންމުން ދިރިއުޅޭ ރަށްރަށަކީ ރިސޯޓު ނޫންކަން ދަންނަންވާ އެއް ސަބަބެވެ.

ޣައިރުމުސްލިމުންގެ މެދުގައި ފަރުވާލެއް ނުބަހައްޓާ އަނެއް މައްސަލައަކީ ރާ ބުއިމާއި ޖުވާކުޅުމުގެ މައްސަލަ އެވެ.

ރާއަކީ ޤުރުއާނުގެ ނައްސުން ﷲ ޙަރާމުކުރައްވައިފައި އޮތް އެއްޗެކެވެ.

މުސްލިމުން ރާއާ ދުރުގައި ތިބުމަށާއި މަސްތުވާ އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށް ﷲ ވަނީ އަންގަވައިފައެވެ. ޖުވާކުޅެ މީހުންގެ މުދާ ނުޙައްޤުން ފޭރިގަތުން ވެސް ވަނީ ނަޙީކުރައްވައިފަ އެވެ.

ރާބުއިމާ ޖުވާކުޅުމަކީ މިސްތަކުންގެ މެދުގައި ޢަދާވާތްތެރިކަން އުފައްދާ ކަމެއްގެ ގޮތުގައި ﷲ ސިފަކުރައްވައިފައި ވެއެވެ. ވަޙީކުރެއްވި

އެވެ. ﴿إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّهِ وَعَنِ الصَّلَاةِ فَهَلْ أَنتُم مُّنتَهُونَ﴾‏ ‎(المائدة: ٩١)‏ މާނައީ:

”ޝައިޠާނާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ.

ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)“

ރާއާ ބެހޭގޮތުން އަންގަވައިފައި އޮތް ކޮންމެ ވާހަކައެއްގައި އޮތީ އިންސާނީ މަސްލަޙަތު ގެއްލޭ ކަމުގެ އިންޒާރެއް ދެއްވައިފަ އެވެ.

މީހާގެ ބުއްދި ފަސްވެ ގޮސް، ނުބައި ކަމަކަށްފަހު ނުބައި ކަމަކަށް އަރައިގަތުމަށް މަގުފަހިކުރުވާތީއެވެ. މިފަދަ ނުރައްކާތެރި އެއްޗެއް މުސްލިމުން ނޫން ބަޔަކު ބޭނުންކުރުން ނުހުއްޓުވުނަސް، މުސްލިމުންގެ ތެރޭ އެފަދަ އެއްޗެއް ފެތުރުމަށް މަގުފަހިކޮށްފާނެ ހުރިހާ ދޮރެއް ބަންދުކުރުމަކީ ކުރިން ވެސް ދެންނެވި ފަދައިން ވެރިން ނަންގަވަންޖެހިވަޑައިގަންނަވާނޭ ޒިންމާއެކެވެ. މުސްލިމުންގެ ބައިވެރިވުންނެތި ޣައިރު މުސްލިމުންނަށް ރާބުއިމުގެ ފުރުސަތު ރިސޯޓުތަކުގައި އޮތަސް، އާންމު ރަށްރަށުގައި އެ ފުރުސަތު އެއްގޮތަކަށް ވެސް ފަހިވެގެން ނުވާނެ އެވެ.

އާންމުން ދިރިއުޅޭ ރަށްރަށަކީ ރިސޯޓު ނޫންކަން ދަންނަންވާނެ އެވެ.

އެންމެން ވެސް ހިތްވަރުދޭން ވާނީ ލޯކަލް ޓޫރިޒަމް ލޯކަލް ޓޫރިޒަމުގެ ގޮތުގައި ބާއްވާށެވެ!

ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ޞިނާޢަތް މާތް ﷲ ރުހިވޮޑިގެންވާ މަގުން ޙަލާލު ގޮތުގައި ހިންގުމުގެ ހެޔޮ ތައުފީޤު ދިވެހީންނަށް ފަހިކޮށްދެއްވާނދޭވެ! آمين.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.