
އަދަބީ ހުނަރުތައް ޤައުމާ އެއްކޮޅަށް ބޭނުންކުރުމަށް އިލްތިމާސްކުރައްވައިފި
ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ކޮންމެ ކުއްޖަކު ވެސް އެކުދިންނަށް ލިބިފައިވާ އަދަބީ ހުނަރުތައް ދިވެހި ޤައުމާ އެއްކޮޅަށް، ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.
މި ޖަލްސާ ބާއްވާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ ޞަލާޙުއްދީނު އިސްކޫލުގަ އެވެ.
ޖަލްސާގައި ބައިވެރިވި ދަރިވަރުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަރިވަރުންގެ މަޒުމޫނު ލިޔުމާއި، ވާހަކަ ދެއްކުމާއި، ޅެންވެރިކަމުގެ ހުނަރަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށެވެ. އެމަނިކުފާނު ވަނީ ދީނީ އަދި ޤައުމީ މަސްލަޙަތު ހިމެނޭ ލިޔުންތައް ލިޔުމަށާއި، ފަސާދައަށް ނޫނެކޭ ބުނުމަށާއި، އުފެއްދުންތެރި ޚިޔާލުތައް އާއްމުކުރުމަށް ގޮވާލައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގެ ނިންމާލައްވަމުން އެދިވަޑައިގަތީ، ދިވެހި ޤައުމަށް އެންމެ ފައިދާހުރި ގޮތަށް ކޮންމެ ފޮޅުވަތެއް ވެސް ލިޔެ، ކޮންމެ ވާހަކައެއް ވެސް ޙަޤީގަތާއި މަސްލަޙަތާއި އެއްގޮތަށް ބުނުމަށެވެ. އަދި، ދަރިވަރުންގެ މި ލޮބުވެތި ވަޠަން ދެކެ އަބަދުވެސް ހިތުގެ އެންމެ ފުންމިނުން ލޯބިވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.



