
ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީން – ހުކުރު ޚުތުބާ
ބާއްޖަވެރިކަން ވަނީ މީސްތަކުންގެ ރުހުން ލިބުމުގައެއްނޫނެވެ. ބާއްޖަވެރިކަން ވަނީ الله سُبْحَانَهُ وَتَعَالَىގެ ރުހިވޮޑިގަތުން ލިބުމުގަ އެވެ.
މި މަޢުޟޫޢުގެ މައްޗަށް ބިނާކޮށް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ. “ ގިނަ ބަޔަކު، ޤަބޫލުކުރާ ގޮތުގައި އުފާވެރިކަމާއި ބާއްޖަވެރިކަން އޮތީ މުދަލާއި ފައިސާއާއި، ޖާހާއި މަންސަބާއި، މަޝްހޫރުކަމުގައެވެ. އެހެންނަމަވެސް ކަން އޮތީ އެހެންނަކުންނޫނެވެ. އެއްވެސް ޝައްކެތްނެތް ގޮތުގައި ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުމެވެ.
މި ކަންކަން ދެއްވުމުގެ ބާރު ލިބިވޮޑިގެންވަނީ الله سُبْحَانَهُ وَتَعَالَىއަށެވެ.“ ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީން ކަމަށާއި، އެހެނީ އިސްލާމް ދީނަކީ الله سُبْحَانَهُ وَتَعَالَى އިންސާނުން މި ދުނިޔޭގައި ދިރިއުޅުމަށް ޓަކައި އިޚްތިޔާރުކުރައްވައިފައިވާ މަގު ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
އެއީ ނަފުސުގެ ހަމަޖެހުމާއި ހިތްތައް އިޞްލާޙުގެ މަގަށް ގެންދާ ފުރިހަމަ ނިޒާމު ކަމަށާއި، މި ނިޒާމުން ހެޔޮކަމާއި ބަރަކާތުގެ މަގުތައް ހުޅުވޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އަދި ޞާލިޙު ޢަމަލުކުރާ މުއުމިނުންނަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ދެއްވާނެކަމަށް، الله سُبْحَانَهُ وَتَعَالَى ވަޢުދުވެވޮޑިގެންފައިވާ ކަމަށާއި، އިސްލާމްދީނާއި ދުރުވެ، މާތް ﷲގެ މަގުން އެއްކިބާވާ މީހުންނަށް އޮތީ އޭގެ އިދިކޮޅު ކަމަށް ޚުތުބާގައި ހަނދުމަ ކޮށްދީފައި ވެއެވެ. “ ބާއްޖަވެރިކަމުގެ އެއް ސަބަބަކީ، އިސްލާމީ ޝަރީޢަތަކީ ފުރިހަމަ އަދި ޝާމިލު ޝަރީޢަތެއްކަން އެނގުމެވެ.
ބައެއް މީހުންނަށް ހީވެފައި އޮންނަނީ، އިސްލާމީ ޝަރީޢަތަކީ ހަމައެކަނި އަޅުކަމާއި ޙައްދުތައް ޤާއިމުކުރުން ކަމަށެވެ. ދަންނާށެވެ! އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ގޮތަށް އޮތް ފުރިހަމަ ނިޒާމެކެވެ.
އިސްލާމީ ޝަރީޢަތުގައި ޢަޤީދާއާއި އަޅުކަމާއި އަޚްލާޤާއި ޢާއިލީ ގުޅުންތަކާއި ތަރިކައާއި އިޤްތިޞާދާއި ސިޔާސީ އަދި ބައިނަލްއަޤުވާމީ ގުޅުންތަކާއި ހަމަހަމަކަމާއި ޢަދުލު އިންޞާފާއި މި ފަދަ އެންމެހައި ދާއިރާތަކާއި ކަންކަން ހިމެނެ އެވެ.“ މީގެ އިތުރުން ﷲ سُبْحَانَهُ وَتَعَالَى ފުރިހަމަކުރައްވައިފައިވާ ދީނެއްގައި އުނިކަމެއް ނުވާނެ ކަމަށާއި، އެއީ އިންސާނާ ދުނިޔޭގައި ބާއްޖަވެރި ޙަޔާތެއް އުޅުމަށް ބޭނުންވާ ހުރިހައި ކަމެއް ފުރިހަމަވެފައިވާ ހަމައެކަނި ދީނަކީ އިސްލާމް ދީން ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ.
އަދި އެ ކަމެއް ހޯދާން މީސްތަކުން މަސައްކަތްކުރަމުން މިދާ ދުނިޔެވީ ބާއްޖަވެރިކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި އިސްލާމީ ޝަރީޢަތް ވަނީ، ހޯދައިދީފައި ކަމަށް ވެސް ބުނެފައިވެ އެވެ. ”އިސްލާމީ ޝަރީޢަތުގައި ވަނީ ޢަދުލުވެރިކަމާއި އިޙްސާންތެރިކަމާއި، މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކޮށްދީފަ އެވެ.
މި ޝަރީޢަތުގައި ފަޤީރުންނާއި ޔަތީމުންނާއި، އަންހެނުންނާއި ކުޑަކުދީންނާއި ޣައިރުމުސްލިމުންނަށް ވެސް ދުނިޔޭގެ އެއްވެސް ނިޒާމެއްގައި ނުދޭހާ ފުރިހަމައަށް، އެ ޙައްޤުތައް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ހަމަ އެހެންމެ އިސްލާމީ ޝަރީޢަތްވަނީ މީސްތަކުންގެ ކިބައިގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ރަޙުމަތާއި، ޢިއްފަތްތެރިކަމާއި، އިޙުސާންތެރިކަން އަށަގެންނެވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައިފަ އެވެ. މީގެ އިތުރަށް ވެސް އެތައް ދާއިރާއަކުން ވަނީ މި ބާއްޖަވެރިކަން ގެނެސްދިނުމަށް، ގިނަގުނަ ކަންކަން ޝަރުޢުކުރައްވައިފަ އެވެ.
މި ފަދަ ފުރިހަމަ ނިޒާމެއް، ފަލްސަފާއެއް ނުވަތަ އުޞޫލެއް އިސްލާމްދީން ފިޔަވައި މި ދުނިޔެއަކު، ނުވެއެވެ. މިއީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމާއި ނިޢުމަތަށް އިންސާނާ ގެންދާ ދީނެވެ.“ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އެދޭ ނަމަ، މާތް اللهއަށް ތަޤުވާވެރި ވުމަށް ޚުތުބާގައި ނަޞޭޙަތްތެރި ވެފައިވެ އެވެ. އަދި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވެތިބެ ބާއްޖަވެރިކަން ލިބިގަތުމަށް ގޮވާލާފައިވެ އެވެ.
އަދި ބާއްޖަވެރިކަންވަނީ ހަމައެކަނި ދުނިޔެ ޙާޞިލުކުރުމަކުން ނޫން ކަމަށާއި، އެ ކަން ވަނީ الله سُبْحَانَهُ وَتَعَالَىއަށް ބޯލަނބައި ކިޔަމަންތެރިވެ، އަޅުވެތިވުމުގައި ކަމަށް ވެސް ހަނދުމަކޮށްދީފައި ވެއެވެ. “ ބާއްޖަވެރިކަން ވަނީ މީސްތަކުންގެ ރުހުން ލިބުމުގައެއްނޫނެވެ. އެހެނެއްކަމަކު ބާއްޖަވެރިކަން ވަނީ الله سُبْحَانَهُ وَتَعَالَىގެ ރުހިވޮޑިގަތުން ލިބުމުގަ އެވެ. ”



