
މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. އަތޮޅުން ދެމީހަކު ހައްޔަރުކޮށްފި
މަސްތުވާ ތަކެތީގެ މައްސަލައެއްގައި ލ އަތޮޅުން ދެމީހަކު ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލ. ދަނބިދުއާއި ގަމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި ދެމީހުންގެ ތެރެއިން ލ. ގަން / ތުނޑި. ހުދުފަސް، ޔޫސުފް ނަސީމް (60އ) ހައްޔަރުކޮށްފައި ވަނީ އޮކްޓޫބަރު 30 ވަނަ ދުވަހު ގަމުގައި ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، ގަން ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އޭނާ ހާއްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި (ވަގުތީ ބަރުދަން 5.39 ގުރާމް) އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޔޫސުފް ނަސީމް (60އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުންވަނީ ބުނެފަ އެވެ.
މީގެއިތުރުން އޮކްޓޫބަރު 30 ވަނަ ދުވަހު ދަނބިދޫގައި ހިންގި އޮޕަރޭޝަންގައި ލ. މުންޑޫ / ހީނާވިލާ، އަޙްމަދު ޝަފީޤް (55އ) ހައްޔަރުކޮށްފައިވާ ކަމަށާއި، މީނާ ހައްޔަރުކޮށްފައިވަނީ ދަނބިދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ދަނބިދޫ ބަނދަރު މަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ވަގުތީ ބަރުދަނަކީ 46.32 ގުރާމް ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން އަޙްމަދު ޝަފީޤް (55އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



