
އިސްލާމީ ރިސާލަތަކީ މުޅި އިންސާނިއްޔަތަށް ބާއްޖަވެރިކަން ގެނެސްދޭ، ރަޙުމާއި ހަމްދަރުދީގެ ރިސާލަތެއް – ހުކުރު ޚުތުބާ
މި ހަފްތާގެ ހުކުރު ޚުތުބާގެ މަޢުޟޫއަކީ ”އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަޙުމަތުގެ ރިސާލަތެއް“ މިއެވެ. މި މަޢުޟޫއަށް އަލިއަޅުވާލާ ޚުތުބާގައި ބުނެފައިވަނީ، އިސްލާމީ ރިސާލަތަކީ އެއްކައުވަންތަ ކަލާނގެއަށް އީމާންވުމާއި، އެކަލާނގެއަށް ކިޔަމަންތެރިވުމަށް ގޮވައިލާ ރިސާލަތެއް ކަމަށާއި، މިއީ މުޅި އިންސާނިއްޔަތަށް ބާއްޖަވެރިކަން ގެނެސްދޭ، ރަޙުމާއި ހަމްދަރުދީގެ ރިސާލަތް ކަމަށެވެ. އަދި އިސްލާމްދީނުގެ ދުސްތޫރުކަމުގައިވާ ކީރިތި ޤުރްއާން ފެށިފައިވަނީ އޯގާވެރި އޯގާވަންތަ މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން ކަމަށެވެ.
“ ބައެއް މީހުން އިސްލާމްދީނާ މެދު ދެކެނީ އެއްވެސް ރަޙުމެއްނެތް ހަރުކަށި ދީނެއްގެ ގޮތުގައެވެ. އެ ދީނަށް ތަބަޢަވާ މީހުންނަކީ އެއްވެސް އޯގާތެރިކަމެއްނެތް ހަރުކަށި ބަޔެއްގެ ގޮތުގައެވެ. އެހެނަސް ޙަޤީޤަތުގައި އިސްލާމްދީނަކީ ރަޙުމަތުގެ ދީނެވެ. އެ ދީނުގެ ނަބިއްޔާ މުޙައްމަދު zއަކީ ރަޙުމަތުގެ ނަބިއްޔާއެވެ.“ ޚުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން އިސްލާމްދީނަކީ، ކުފުރުގެ އަނދިރިކަމުން އީމާންކަމުގެ އަލިކަމަށް، މީސްތަކުން ނެރުއްވި ދީން ކަމުގައިވެސް ޚުތުބާގައި ބުނެފައިވެއެވެ. އަދި އިސްލާމް ދީނުގައި ރިވެތި އަޚުލާޤަށް ވަރަށް މަތިވެރި ދަރަޖައެއް ދީފައިވާ ކަމަށާއި، ކީރިތި މާތް ނަބިއްޔާ z އެ ކަމުގެ ނަމޫނާ ދެއްކެވި ކަމަށް ވެސް ޚުތުބާގައި ވެއެވެ. އެކަލޭގެފާނުގެ ޚުލްޤުފުޅާ ބެހޭ ގޮތުން މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. “ އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلقފުޅެއްގެ މަތީގައިކަން ކަށަވަރެވެ.“
ހުރިހައި ގުޅުންތަކެއް ބިނާކުރުމުގެ މައިގަނޑު އަސާސަކީ ރިވެތި އަޚުލާޤާއި، ރަޙުމަތާއި، އޯގާތެރިކަމެވެ. ރިވެތި އަޚުލާޤަށް ބާރުއަޅުއްވައި ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. “ ހަމަކަށަވަރުން، މުއުމިނު އަޅާ އޭނާގެ ރިވެތި އަޚުލާޤުގެ ސަބަބުން ސުންނަތް ރޯދަހިފައި ރޭއަޅުކަންކުރުންމަތީ ޤާއިމުވެ ހުންނަ މީހާގެ ދަރަޖައަށް ވާޞިލުވާނޭކަން ކަށަވަރެވެ.“ މި ޙަދީޘުގައި ނަބިއްޔާ z އަހަރެމެންނަށް އަންގަވަނީ ރިވެތި އަޚުލާޤުގެ ވެރިޔަކަށް ވުމަށެވެ. އެއީ، ޤިޔާމަތްދުވަހުގައި އެ މީހާގެ ދަރަޖަ އުފުލޭނޭ ކަމެކެވެ.
”އިސްލާމްދީނަކީ ލޯތްބާއި، ހަމްދަރުދީއާއި، އޯގާވެރިކަމާއި، އަޅައިލުމާއި، ހެޔޮފޯރުވުމުގެ ދީނެވެ. މުޖުތަމަޢުގެ ހުރިހައި އަފުރާދުންގެ މެދުގައި ހެޔޮ ގޮތުގައި ގުޅުންތައް ބިނާކޮށް، ދެމެހެއްޓުމުގެ މައްޗަށް ބާރުއަޅާ ދީނެކެވެ. އެހެންކަމުން، އިސްލާމްދީނާ މެދު، މި ދީނުގެ ޢަދުއްވުން ކުރަހައިފައިވާ ބިރުވެރި، އަނދިރި މަންޒަރަކީ ޙަޤީޤަތާ ޚިލާފަށް ކުރަހައިފައިވާ މަންޒަރެކެވެ. ޙަޤީޤަތުގައި އިސްލާމްދީނަކީ އިންސާނިއްޔަތުގެ ދީނެވެ. ހެޔޮކަމާއި އޯގާތެރިކަން ފެތުރުމަށް ގޮވައިލާ ދީނެވެ. އަދި އެއީ ފަރުދުންނާއި މުޖުތަމަޢުތަކުގެ މެދުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް މަސައްކަތްކުރާ ދީނެވެ.“ ޚުތުބާގައި ބުނެފައިވެ އެވެ.
މުއުމިނުންގެ މެދުގައި އޮންނަ މި ގުޅުމަށް ނަބިއްޔާ z ބާރުއަޅުއްވައިފައިވަނީ އެއީ މުސްލިމު ޖަމާޢަތަށް ބާރާއި ވަރުގަދަކަން ލިއްބައިދޭ ކަމަކަށް ވާތީ ކަމަށް ވެސް ޚުތުބާގައި ބަޔާންކޮށްފައި ވެއެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. ”އެކަކު އަނެކަކަށް ލޯބިވުމާއި، އޯގާތެރިވުމާއި، ރަޙުމްކުރުމުގައި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އޭގެ ގުނަވަނަކަށް އުނދަގުލެއް ތުރާލެއް ކުރިމަތިވެއްޖެ ނަމަ، ހަށިގަނޑުގެ އެހެން ގުނަވަންތައް ހުންއައުމުންނާއި ނިދިނަގައިލުމުން، އެ ގުނަވަނަކަށް އިޖާބަދީ ބައިވެރިއެވެ.“
އީމާންކަމުގެ އަހުލުވެރީންނަކީ، ދޯހަޅިކަމެއް ނެތް ބަދަހި ޢިމާރާތެއް ފަދަ ބަޔެކެވެ. އޭގެ އެއް ބައި އަނެއް ބަޔަށް ގަދަކަން ދެއެވެ. އެ ކަން ބަޔާންކުރައްވައި ކީރިތި މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. ”އެއް މުއުމިނަކު އަނެއް މުއުމިނަކާ ދެމެދުވާ ގުޅުމުގެ މިސާލަކީ ބިނާއެއްގެ މިސާލެވެ. އެ ބިނާގެ އެއް ގައުގަނޑު އަނެއް ގައުގަނޑަށް ގަދަކަން ދެއެވެ.“ އަދި މިހެން ޙަދީޘްކުރެއްވުމަށް ފަހު އެ ގަދަކަމުގެ މިސާލު ދައްކަވައިދެއްވުމުގެ ގޮތުން އެކަލޭގެފާނު އެއް އަތްޕުޅުގެ އިނގިލިފުޅުތައް އަނެއް އަތްޕުޅުގެ އިނގިލިފުޅުތަކުގެ ތެރެއަށް މައްސަވައިލެއްވިއެވެ.
“ އިސްލާމްދީނުގެ ނަބިއްޔާ مُحَمَّدٌ z ފޮނުއްވުނީ މި ރަޙުމަތާއި އޯގާތެރިކަން ފެތުރުއްވުމަށެވެ. އެކަލޭގެފާނަކީ މަތިވެރި އަޚުލާޤާއި ތަނަވަސް ހިތްޕުޅެއްގެ ވެރި ބޭކަލެކެވެ. މައްކާގެ މުޝްރިކުން އެކަލޭގެފާނު އަވަހާރަކޮށްލުމަށް މަސައްކަތްކުރަމުން ދިޔަ އިރު، އެކަލޭގެފާނު އެމީހުންނާ މެދު އޯގާތެރިވެވަޑައިގަތެވެ. އެކަލޭގެފާނު މައްކާއިން ނެރެލައި އަނިޔާދިން މީހުންނާ މެދު ޢަމަލުކުރެއްވީ ނުހަނު އޯގާތެރިކަމާއި ރަޙުމާއި ކުލުނާ އެކުގައެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުމުގެ ކޮންމެ ކަމަކުން ވެސް ފެނިފައިވަނީ ރަޙުމަތާއި އޯގާވެރިކަމެވެ. އެކަލޭގެފާނު ކުޑަކުދީންނަށް ލޯބިދެއްވައި، މުސްކުޅީންނަށް އިޙުތިރާމުކުރައްވައި، ބަލިމީހުންނަށް ޒިޔާރަތްކުރައްވައި، އަޅުންނަށް ހެޔޮކޮށް ހިއްތެވިއެވެ.“
އިސްލާމްދީނަކީ ހިތްތިރިކަމާއި މަޑުމައިތިރިކަމަށް ގޮވައިލާ ދީން ކަމަށާއި، އިސްލާމީ އުންމަތުގެ އަފުރާދުންނަކީ، އެއް ބަޔަކު އަނެއް ބަޔަކަށް ރަޙުމްކުރާ، އޯގާތެރި، ބަޔަކަށްވުމަށް އިސްލާމްދީން ބާރުއަޅާ ކަމަށް ވެސް ޚުތުބާގައި ނިންމާލަމުން ބަޔާންކޮށްފައި ވެއެވެ. މި މަތިވެރި ސިފަތަކުގެ ސަބަބުން ދުންޔަވީ އަމާންކަމާއި ހަމަޖެހުން ލިބި، އުޚުރަވީ ބާއްޖަވެރިކަން ލިބެއެވެ.
 

 
 
 
						



