
އޮސްޓްރޭލިޔާ ސަރުކާރުން ކަސްޓަމްސްއަށް ސަރވައިލަންސް ޑްރޯންތަކެއް ހަދިޔާކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ސަރވައިލަންސް ޑްރޯންތަކެއް ހަދިޔާކޮށްފި އެވެ.
ސަރވައިލަންސް ޑްރޯންތައް ހަދިޔާކުރުމަށް ކަސްޓަމްސްގެ މައި އިދާރާގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
އޮސްޓްރޭލިޔަން ބޯޑަރ ފޯސްއިން ރާއްޖޭގެ ކަސްޓަމްސް ސަރވިސްއަށް ހަދިޔާކުރެއްވި ޑްރޯންތައް ހަވާލުކޮށްދެއްވީ އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕްއެވެ. ކަސްޓަމްސްގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވަނީ ޑްރޯންތައް ހަދިޔާކުރެއްވިކަމަށްޓަކައި އޮސްޓްރޭލިޔާގެ ސަރުކާރާއި އެ ޤައުމުގެ ބޯޑަރ ފޯސްއަށް ޝުކުރު އަދާކުރައްވާފަ އެވެ.
އަދި މި ދިލާތި އެހީގެ ސަބަބުން ބޯޑަރ އެންފޯސްމަންޓްގެ މަސައްކަތާއި، ޕޯޓްތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެކަން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާހަގަކުރެއްވި އެވެ.



