ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް އެންޑް އެކުއާކަލްޗަރ ކޯހުގެ މަންހަޖު އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް އެންޑް އެކުއާކަލްޗަރ ކޯހުގެ މަންހަޖު އެކުލަވާލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރ ފައިނޭންސް އީނާސް ނަސީރުއެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އެއްބަސްވުމަކީ ވޯލްޑް ބޭންކުގެ ލޯނު އަދި ހިލޭއެހީގެ ދަށުން ހިންގާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ދަ ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އަދި މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯރމް ޕްރޮޖެކްޓް)ގެ ދަށުން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.

މި މަޝްރޫޢުގެ ދަށުން މީގެ ކުރިންވެސްވަނީ މަސްވެރިކަމާއި، މެރިކަލްޗަރ، އަކުއަކަލްޗަރ އަދި ދަނޑުވެރިކަމާ ގުޅޭ އެކި ދާއިރާތަކުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް 17 ދިވެހި ދަރިވަރުންނަށް ވަނީ ސްކޮލަރޝިޕް ދީފައެވެ.

މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ފިޝަރީޒް އެންޑް އެކުއާކަލްޗަރގެ ދާއިރާއިން އެއް އަހަރު ދުވަހުގެ ފައުންޑޭޝަން ޕްރޮގްރާމަކުންނެވެ. އޭގެ ފަހުން، ޑިޕްލޮމާ އަދި ބެޗްލާސް ޑިގްރީ ފުރިހަމަކުރެވޭނެ އެވެ.

މި ކޯހަކީ ކްލާސްރޫމް ތަޢުލީމާއި ޢަމަލީ ތަޖުރިބާ އެކުލެވޭ ފުލްޓައިމް ކޯހެކެވެ. ފައުންޑޭޝަން އަދި ޑިޕްލޮމާ ފެންވަރުގައި، ދަރިވަރުން ކިޔަވާނީ މައިގަނޑު ’ކޯރ‘ މޮޑިއުލްތަކެވެ. އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުން ފެށިގެން މަތިން، ދަރިވަރުންނަށް އިޚްތިޔާރީ މާއްދާތައް ޚިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ޕްރޮގްރާމްގައި ފިޝަރީޒް ސައިންސް އަދި އެކުއާކަލްޗަރ ދާއިރާއިން ޚާއްސަ ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކޮންމެ ޕްރޮގްރާމެއް ނިމުމުން ދަރިވަރުންނަށް ޕްރޮގްރާމުން ވަކިވެ، ފުރިހަމަކޮށްފައިވާ ލެވެލްއަށް ސެޓްފިކެޓް ލިބުމުގެ އިޙްތިޔާރުވެސް އޮންނާނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މި ޕްރޮގްރާމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ މަންހަޖާއި ކޯސް މެޓީރިއަލްތައް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ފިޝަރީޒް ސައިންސް، އެކުއާކަލްޗާ، ރިސޯސް މެނޭޖްމަންޓް، ކްލައިމެޓް ރެޒިލިއަންސް އަދި ސަސްޓެއިނަބިލިޓީ ފަދަ މޮޑިއުލްތައް ހިމެނެ އެވެ.

މި މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 43 މަހެވެ.

މި ކޯހުގެ މަންހަޖު ތައްޔާރުކޮށް ނިމުމުން، ކޯސް ހިންގާނީ ގައުމީ ޔުނިވާސިޓީއިންނެވެ. މި ކޯހުގައި ޓްރާންސްފޯމް މަޝްރޫޢުގެ ސްޕޮންސަރޝިޕް ގެ ދަށުން ދިވެހިރާއްޖެއާއި ސައުތުވެސްޓް އިންޑިއަން އޯޝަން ރީޖަންގެ ގައުމުތަކުގެ ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ.

މަސްވެރިކަމުގެ ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްއިން އަންނަނީ ގިނަ ކޯސްތަކެއް ހިންގަމުންނެވެ.

މަސްވެރިކަމާއި ބެހޭ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއް ޤާއިމުކުރުމަކީ ޤާނޫނީގޮތުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާގެ މައްޗަށް ލާޒިމްކޮށްފައި ވީނަމަވެސް އެމަސައްކަތް މިހާތަނަށް ކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައިވަނީ މިމަސައްކަތް ފައްޓަވާފަ އެވެ.

މި ކޮލެޖަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަން ޒަމާނީ ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އުފައްދާފައިވާ ކޮލެޖެކެވެ. މި ކޮލެޖުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ޢިލްމީ، ފަންނީ އަދި ހުނަރުވެރި ޒުވާނުން އުފެއްދުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.