
ސިއްޙީ ޚިދުމަތްދޭ ތަންތަން އެއް ވިއުގައަކުން ފެންނާނެ ސޮފްޓްވެއާރ އިފްތިތާޙް ކޮށްފި
ރާއްޖޭގައި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި އެތަންތަނުގައި ދިނުމަށް ހުއްދަ ދީފައިވާ ސިއްޙީ ޚިދުމަތްތަކުގެ މަޢުލޫމާތު އެއްވިއުގައަކުން ބެލޭގޮތަށް، ޚާއްސަ ސޮފްޓްވެއަރ އިފްތިތާޙުކޮށްފި އެވެ.
ހެލްތު އެސްޓެބްލިޝް މެނޭޖްމަންޓް ސިސްޓަމް (ހެމްސް) ގެ ނަމުން ނަންދެވިފައިވާ މިސޮފްޓްވެއާރ އިފްތިތާޙް ކޮށްދެއްވީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. މިއަދު ހެނދުނު މީރުމާގައި ބޭއްވި މިރަސްމިއްޔާރު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ވެސް އެކަމަނާ އެވެ.
މި ސޮފްޓްވެއާއަކީ ސިއްޙީ ޚިދުމަތްތަކާ ގުޅޭ ސައްޙަ މަޢުލޫމާތު ބަލިމީހުންނާއި ރައްޔިތުންނަށް ލިބޭނެ ނިޒާމެކެވެ. މި ސިސްޓަމްގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިއްޙީ ޚިދުމަތްދޭ ތަންތަނާއި، އެތަންތަނުގައި މަސައްކަތްކުރާ ފަންނުވެރިންނަކީ ކޮބައިކަމާއި އެތަންތަނުގައި ދިނުމަށް ހުއްދަ ދީފައިވާ ސިއްޙީ ޚިދުމަތްތަކުގެ މަޢުލޫމާތު ބަލާލެވޭނެ އެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ޖޭ.ސީ.އައި. ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް ތަމްރީންކުރުމުގެ ޕްރޮގްރާމްވެސް އެކަމަނާ ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. މިއީ، ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ތެރެއިން ބަލިމީހުންނަށް ބޭނުންވާ އަޅާލުމާއި، އޯގާތެރިކަމާއި ރައްކާތެރިކަންދެވޭކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ޝިއާރާއިގުޅޭ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށް ދިޔަ އެވެ.



