
ފަލަސްތީނު މުސްލިމުންގެ ވަޒީފާތައް އަތުލުމަށް އިންޑިޔާއިން 20،000 އަށް ވުރެ ގިނަ މީހުން އިޒްރާއީލަށް
ޣައްޒާއާއި ދެކޮޅަށް ކުރާ ހަނގުރާމަ ފެށުނުފަހުން އިޒްރާއީލްގެ އިކޮނޮމީ ކުރިއެރުވުމަށް އެހީތެރިވުމަށް އަދި ފަލަސްތީން މުސްލިމުންގެ ވަޒީފާތައް އަތުލައި، އެމީހުންގެ ބަދަލުގައި މަސައްކަތް ކުރުމަށް 20،000 އަށްވުރެ ގިނަ އިންޑިޔާމީހުން އިޒްރާއީލަށް ބަދަލުވެފައިވާކަމަށް އިންޑިޔާ ސަރުކާރުން ހާމަކޮށްފި އެވެ.
އިންޑިޔާގެ މަޖިލީހުގައި ޤާނޫންހަދާ މެމްބަރެއް ކުރިމަތިކުރި ސުވާލަކަށް ޖަވާބުދެމުން އެޤައުމުގެ ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ކީރްތީ ވަރްދާން ސިންގް ބުނެފައި ވަނީ، ނޮވެމްބަރ 2023 އިން ޖުލައި 2025 އާއި ހަމައަށް 20،000 އަށްވުރެ ގިނަ މީހުން ވަޒީފާތަކަށް އިޒްރާއީލަށް ބަދަލުވެފައިވާ ކަމަށެވެ. މީގެތެރޭގައި 6730 ކޮންސްޓްރަކްޝަން ވޯކަރުންނާއި 44 (ބޮޑެތިމީހުންގެ) ނަރުހުން (ކެއާގިވާރސް) އިޒްރާއީލަށް ގޮސްފައިވަނީ އެދެގައުމުގެ މެދުގައި ސޮއިކޮށްފައިވާ ބައިލެޓަރަލް ފްރޭމްވޯކް އެގްރީމެންޓްގެ ދަށުން ކަމަށް ސިންގް ބުނެފައިވެ އެވެ.
މީގެއިތުރުން އަމިއްލަ ގޮތުން ވެސް އިތުރު 7000 މީހުންނާއި 6400 ކޮންސްޓްރަކްޝަން މަސައްކަތްތެރިން އިޒްރާއީލަށް ގޮސްފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އިޒްރާއީލުން ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތަކުގައި އިންޑިޔާ އަބަދުވެސް ވެފައިވަނި އިޒްރާއީލަށް ކެނޑިނޭޅި ސަޕޯޓުކުރާ އަދި އެހީތެރިވާ ޤައުމެއްގެ ގޮތުގަ އެވެ. އަދި ފާއިތުވި ބުރާސްފަތި ދުވަހު އިންޑިޔާގެ މިޖިލީހުގައި ހާމަކޮށްފައިމިވާ ހިސާބުތަކަކީ، އެގައުމުން އިޒްރާއީލަށް އެހީތެރިވެދޭ މިންގަނޑުތަކާއި ދާއިރާތައް އިތުރަށް ހާމަކޮށްދޭ ކަމެކެވެ.
އިޒްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 61،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ. އޭގެތެރޭގައި 18،430 ކުޑަކުދިން ހިމެނޭއިރު އެކަން ދުނިޔޭގެ ކުދި ބޮޑު އެތައް ޤައުމަކުން ދަނީ ކުށްވެރިކޮށް، އިޒްރާއީލާއިމެދު ފިޔަވަޅުއެޅުމަށް ގޮވާލަމުންނެވެ. އެތައް ޤައުމަކުން އިޒްރާއީލްގެ މިއަމަލު ކުއްވެރިކޮށް، މިއީ އިންސާނީ ނަސްލެއް ނައްތާލުން ކަމުގައި ސިފަކޮށްފައިވާއިރު، އިންޑިޔާއިން ދަނީ އެގައުމަށް ފުރިހަމައަށް ސަޕޯޓުކޮށް ހިއްވަރުދެމުންނެވެ.
މިހާރު ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ފަލަސްތީނުގެ 70،000 އަށްވުރެ ގިނަ މީހުން ވަނީ ވަޒީފާތަކުން ވަކިކޮށްފަ އެވެ. މިކަމުގެ ސަބަބުން ހާއްސަކޮށް ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާނެ މީހުން މަދުވެ، އިޒްރާއީލްގެ އިކޮނޮމީއަށް ވެސް ދަތިވެފައިވެއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިޒްރާއީލްގެ ބިލްޑާރސް އެސޯސިއޭޝަންއިން ބާރުއަޅާފައި ވަނީ ފަލަސްތީން ރައްޔިތުންގެ ބަދަލުގައި އިންޑިޔާއިން މަސައްކަތްތެރިން ގެނައުމަށެވެ. އަދި މިކަމަށް އިންޑިޔާއިން އެއްބަސްވެ، އެގްރިމެންޓެއްގައި ސޮއިކޮށް، އެޤައުމުން މަސައްކަތްތެރިން ވަނީ ފޮނުވާފަ އެވެ.