
އެހީގެގޮތުގައި ވައްޓާލި ތަކެތީގެ ދަށުވެ ފަލަސްޠީނުގެ ކުޑަކުއްޖަކު ޝަހީދުވެއްޖެ
ބަނޑުހައިހޫނުކަމުން ޝަހީދުވި މީހުންގެ އަދަދު 212 އަށް އަރާފައިވާއިރު އޭގެތެރޭގައި 98 ކުޑަކުދިން ހިމެނެ އެވެ.
ފަލަސްތީނުގެ ޣައްޒާއަށް ވައިގެމަގުން ވައްޓާލި އިންސާނީ އެހީގެ ޕެލެޓެއް ދަށުވެ 15 އަހަރުގެ ކުޑަކުއްޖަކު ޝަހީދުވެއްޖެ އެވެ.
ޣައްޒާ މެދުތެރޭގައި މިލިއަނެއްހާ ފަލަސްތީނު މީހުން މިވަގުތު ހިޔާވަހިކަން ހޯދާފައިވާ ސަރަހައްދެއް ކަމަށްވާ ނެޒަރިމް ކޮރިޑޯއަށް ވައިގެމަގުން ވައްޓާލި އެހީގެ ތަކެތީގެ ޕެލެޓެއް ގައިމައްޗަށް ވެއްޓި ޝަހީދުވެފައިވަނީ، އެހީގެ ތަކެތި ހޯދުމަށް އެސަރަހައްދަށްދިޔަ މުޙައްނާދު ޒަކަރިއްޔާ ޢީދު ކިޔާ 15 އަހަރުގެ ކުއްޖެކެވެ.
ޕެލެޓް ޢީދުގެ ގައިމައްޗަށް ވެއްޓުމުން އެވަގުތު އެހީގެ ތަކެތި ނެގުމަށް ގޮސްތިބި މީހުން އެކުއްޖާއަށް އެހީތެރިވެ، އޭނާގެ ގައިމައްޗަށް ވެއްޓިފައިވާ ޕެލެޓް ނަގައި، އޭނާއަށް ފަރުވާދިނުމަށް މަސައްކަތްކުރާ މަންޒަރު ދައްކުވައިދޭ ވީޑީއޯތައް ވަނީ އާންމުވެފައެވެ. އެގޮތުން ލެއިން ފޯވެފައިވާ ޢީދުއަށް ފުރަތަމަ އެހީދޭ މަންޒަރާއި، ޢީދުގެ ބޭބެ އޭނާގެ ހަށިގަނޑު އުރާލައިގެން އެހިސާބުން ދުރައްދާ މަންޒަރު، އަދި ނުސޭރަތުގައި ހުންނަ އަލްއަވްދާ ހޮސްޕިޓަލުގައި އޭނާގެ ބައްޕަ އޭނާގެ ހަށިގަނޑުގައި ބައްދާލައިގެން ހުންނަ މަންޒަރު ދައްކުވައިދޭ ވީޑިއޯތައްވެސް ވަނީ އާންމުވެފަ އެވެ.
ރޮއިޓާރސްއަށް މަޢުލޫމާތު ދެމުން ޢީދުގެ ބޭބެ ބުނެފައިވަނީ ”ދިމާވެފައިވާ ބަނޑުހައިހޫނުކަމާއި ދިރިއުޅުމުގެ ދަތި ހާލަތުގެ ސަބަބުން އެހީގެ ތަކެތި ހޯދުމަށް ޢީދު ދިޔައީ ކަމަށާއި، އެގޮތުން ވައިގެމަގުން ދޫކޮށްލި އެހީގެ ތަކެތީގެ ޕެލެޓެއް އޭނާގެ ގައިމައްޗަށް ވެއްޓުނީ ކަމަށެވެ“
މިގޮތަށް އެހީގެ ތަކެތި ވެއްޓުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، ނަމަވެސް ބޯޑަރު ހުރަސްކޮށް އެހީ ފޯރުނުކޮށްދެވޭ ކަމަށް ވެސް އޭނާ ބުންޏެވެ. މީގެކުރިން އައްޒަވައިދާގައި ވެސް މިގޮތަށް މަތިން ތަކެތި ވެއްޓުމުން ކުއްޖަކު ޝަހީދު ވެފައިވާ ކަމަށާއި، މިފަދަ ހާދިސާ ދިމާވުން އާންމުވާ ކަމަށްވެސް ބުންޏެވެ.
މިހާދިސާ ދިމާވެފައިމިވަނީ މިގޮތަށް އެހީގެތަކެތި ވެއްޓުމަކީ ނުރައްކާތެރިކަމެއް ކަމަށާއި، ބޯޑަރު ހުރަސްކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުއްދަދިނުމަށް ޔުނައިޓެޑް ނޭޝަންއިން އިޒްރާއީލަށް ގޮވާލާފައިވަނިކޮށެވެ. މިފަދަ ހާދިސާތަކުގައި މިހާތަނަށް 23 މީހުން ޝަހީދުވެ 124 މީހުން ޒަޚަމްވެފައިވާ ކަމަށް ޣާއްޒާގެ މީޑިއާ އޮފީހުން ވަނީ ހާމަކޮށްފަ އެވެ.