
ކީރިތި ޤުރްއާން ބާވާލެއްވުމުގެ މައިގަނޑު މަޤުޞަދަކީ ހުރިހާ އިންސާނުންގެ މެދުގައި ހަމަހަމަކަން ގާއިމްކުރުން..
ކީރިތި ޤުރްއާން ބާވާލެއްވުމުގެ މައިގަނޑު މަޤުޞަދަކީ ހުރިހާ އިންސާނުންގެ މެދުގައި ހަމަހަމަކަން ގާއިމްކުރުން ކަމަށް ކުރީގެ ރައީސް އަދި ދީނީ ޢިލްމުވެރިޔާ އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ”އިޙްޔާ ފޯރަމް“ގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ މާތްﷲ އާއި ރަސޫލުންނަށް އީމާންވުމާއި ޣައިބަށް އީމާންވުމަށް ގޮވައިލުމާއި ހުރިހާ އިންސާނުންގެ މެދުގައި ހަމަޖެހުން ގާއިމްކޮށް، އެކަކު އަނެކަކަށް އިހްތިރާމް ކުރުމަށް ވެސް ގުރުއާނުން ބާރުއަޅާ ކަމަށެވެ.
”އިހުތިރާމް ކުރުމުގައި އެއްވެސް ދީނެއްގެ ބަޔަކު އިސްތިސްނާ ކޮށްގެން ނުވާނެ. އިހްތިރާމް ކުރުމޭ ބުނީމަ އޭގެ މާނައަކީ ހަމައެކަނި އަޅުގަނޑުމެން މުސްލިމުންނަށް އިހްތިރާމްކުރާ ވާހަކައެއް ނޫން.“ މައުމޫން ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ މުސްލިމުން އެހެން ދީންތަކުގެ މީހުންނަށްވެސް އިހްތިރާމް ކުރަން ޖެހޭނެ ކަމަށާއި މި ދެންނެވީ ދުނިޔޭގައި އުޅޭ މަސީހީންނާއި އަދި ޔަހޫދީންނާއި އަދި އެ ނޫން ދީންތަކުގެ މީހުންނަށް ވެސް އަޅުގަނޑުމެން އިހްތިރާމް ކުރަންޖެހޭ ވާހަކަ ކަމަށެވެ.
ސަރުކާރުން ބާއްވާ އިޙްޔާގެ ޖަލްސާއެއްގައި ފަސް އަހަރު ފަހުން ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އެއްވެސް ކުލައަކަށް، ދީނަކަށް ނުވަތަ ގައުމަކަށްވެސް ބެލުމެއް ނެތި އެންމެންނަކީ ހަމަހަމަ ބައެއް ކަމަށެވެ. އަދި ކީރިތި ރަސޫލާގެ ސުންނަތުންވެސް އެކަން އެނގެން އެބައޮތް ކަމަށެވެ.
އެގޮތުން ރަސޫލާއަށް ގޯނާކުރި ޔަހޫދީއަކު ބަލިވުމުންވެސް އޭނާއަށް ރަސޫލާ ޒިޔާރަތް ކުރައްވައި، އޭނާއާ މެދު ޢަމަލު ކުރެއްވީ ވަރަށް ރަނގަޅަށް ކަން އެނގެން އެބައޮތް ކަމަށް މައުމޫން ވިދާޅުވިއެވެ.



