
އާޔަތުގެ ހިޔަލުގައި (1)
ސޫރަތުލް ބަގަރާގެ 183 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾)
ވަކިވަކިކަލިމަ ތަކުގެ މާނަ:
| ކަލިމަ | މާނަ |
| يَا | ޙަރްފު ނިދާ، ގޮވާލުމަށް ބޭނުން ކުރެވޭ އަކުރެއް. މާނަ އަކީ ”އޭ“ |
| آمَنُوا | އީމާންކަމުގެ އަހްލުވެރިން |
| كُتِبَ | ފަރްޟު ކުރެވިއްޖެޔޭ، ޘާބިތު ކުރެވިއްޖެޔޭ |
| عَلَيْكُمُ | ތިޔަބައިމީހުންގެ މައްޗަށް |
| الصِّيَامُ | ރޯދަ، ފަޖްރުލީއްސުރެ އިރު އޮއްސުމާއި ދެމެދުގައި ރޯދަ ގެއްލިދާނެ އެންމެހައި ކަންތައްތަކުން ދުރުހެލިވެ، ރައްކާތެރިވެގެން ހުރުން. |
| الَّذِينَ مِن قَبْلِكُمْ | ކުރީގެ މީސްތަކުންގެ މައްޗަށްވެސް |
| لَعَلَّكُمْ تَتَّقُونَ | ތަގްވާވެރި ވުމަށް ޓަކައި. |
އާޔަތުގެ ޖުމްލަ މާނަ:
”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.“
އާޔަތުގެ ޝަރަޙަ:
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާ ދޫކުރައްވާ މަދީނާ އަށް ހިޖްރަ އަށް ވަޑައިގެންނެވުމާއި އެކު، މަދީނާގައި އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެން ދިޔައެވެ. އަދި އެހިސާބުން ދީނުގެ އެކިއެކި ޙުމްތައް ތަޝްރީޢު ކުރައްވަން ފެއްޓެވުނެވެ. މި އާޔަތުގެ ކުރީ އާޔަތްތަކުގައި ވަނީ ގިޞާޞް އާއި ވަޞީއްޔަތުގެ ޙުކުމް ބަޔާން ކުރައްވާފައެވެ. އަދި ﷲ ތަޢާލާ އެކަން ބައްލަވާ ވޮޑިގެންވާ ކަން ބަޔާން ކުރައްވާފައެވެ. މުސްލިމުން ތަގްވާވެރިވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ދޭ ކަމަކީ ރޯދަ ކަމަށްވާތީވެ، ހިޖްރައިން ދެވަނަ އަހަރުގައި ރޯދަ ފަރްޟު ކުރައްވާ މި އާޔަތް ބާވާލެއްވިއެވެ.
ރޯދަ އަކީ އަޅުކަންތަކުގެ ތެރެއިން އެންމެ މަތިވެރި އެއް އަޅުކަމެވެ. ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމކުގެ ގޮތުން ކުރެވޭނެ އެންމެ ބޮޑު އެއް ކަމެވެ. ރޯދައިގެ މާތް ކަމާއި ގުޅޭ ގޮތުން އެތައް ޙަދީޘެއް ވާރިދުވެފައިވެއެވެ.
ރޯދައިގެ މާތް ކަމުގެ ތެރޭގައި: އެއަޅުކަމަކީ ހުރިހާ އުއްމަތްތަކުގެ މީހުންގެ މައްޗަށް ފަރްޟު ކުރެއްވި އަޅުކަމެއް ކަމުގައި ވުން ހިމެނެއެވެ. ސޫރަތުލް ބަގަރާގެ 183 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ) މާނައަކީ: ”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.“
ރަމަޟާން މަހު ރޯދަ ހިފުމުގެ މާތް ކަމުގެ ތެރޭގައި: އެއީ ފާފަ ފުއްސެވުމަށް މެދުވެރިވާ ކަމެއްގެ ގޮތުގައި ލައްވާފައިވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ) މާނައަކީ: ”އީމާންކަމާއި އެކު، މާތް ﷲ ގެ ޙަޟްރަތުން ދަރުމަ އާއި ޘަވާބަށް އެދި ރަމަޟާން މަހު ރޯދަ ހިފައިފި މީހާގެ އިސްވެދިޔަ ހުރިހާ ފާފަ އެއް މާތް ﷲ ފުއްސަވައި ދެއްވާނެތެވެ.“
ރޯދައިގެ މާތް ކަމުގެ ތެރޭގައި: ރޯދަވެރިޔާގެ ދަރުމަ އާއި ޘަވާބަކީ އެއްވެސް ލިމިޓެއް ނެތި ﷲ ގެ ޙަޟްރަތުން ދެއްވާ އެއްޗެއް ކަމުގައި ވުން ހިމެނެއެވެ. ގުދްސިއްޔަ ޙަދީޘެއްގައި ވާރިދުވެފައިވެއެވެ.(قال الله تعالى:كُلُّ عَمَلِ ابْنِ آدَمَ لَهُ ، إِلَّا الصِّيَامَ فَإِنَّهُ لِي ، وَأَنَا أَجْزِي بِهِ ، وَالصِّيَامُ جُنَّةٌ ، وَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلَا يَرْفُثْ وَلَا يَصْخَبْ ، فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ ، فَلْيَقُلْ : إِنِّي امْرُؤٌ صَائِمٌ ، وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ ، لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ ، لِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا : إِذَا أَفْطَرَ فَرِحَ ، وَإِذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ) މާނައަކީ: ”މާތް ﷲ ވަޙީ ކުރައްވަތެވެ. އާދަމުގެ ދަރިޔާގެ އެންމެހާ ޢަމަލުތައްވަނީ އޭނާ އަށެވެ. ރޯދަ ފިޔަވައެވެ. އެރޯދަ ވަނީ ތިމަން ﷲ އަށެވެ. ރޯދަ އަށް ޖަޒާ ދެއްވާ ހުށީ ތިމަން ﷲ އެވެ. ރޯދަ އަކީ އައްޑަނަ އެކެވެ. ތިޔަބައިމީހުން ކުރެ މީހަކު ރޯދަ އަށް ހުރެއްޖެނަމަ، ޒުވާބުކޮށް، ހަޑިހުތު ކަންތައް ނުކުރާ ހުއްޓެވެ. އެހެން މީހަކު ތިބާ އާއި ދިމާލަށް ހަޑިހުތުރު އެއްޗެއް ބުނިނަމަވެސް، ނުވަތަ ތަޅާފޮޅައި ގަތަސްވެސް ބުނާށެވެ. ”އަހުރެން މިހުރީ ރޯދަ އަށެވެ.“ މުޙައްމަދުގެފާނުގެ ނަފްސު އެ ފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދީ ދަންނަވަމެވެ. ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ މާތް ﷲ ގެ ޙަޟްރަތުގައި ބޮމަކަސްތޫރި އަށް ވުރެ މީރުވަސް ދުވާ އެއްޗެކެވެ. ރޯދަވެރިޔާ އުފާކުރާނެ ދެކަމެއް ވެއެވެ. ރޯދަ ވީއްލުމުން އުފާ ކުރެއެވެ. އަދި އޭނާގެ ރައްބާއި ބައްދަލުވާ ހިނދުގައި އޭނާގެ ރޯދަ އަށް ޓަކައި އުފާކުރެއެވެ.“
އިމާމް މުސްލިމްގެ ރިވާޔަތެއްގައިވެއެވެ. (كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعمِائَة ضِعْفٍ ، قَالَ اللَّهُ عَزَّ وَجَلَّ : “ إِلَّا الصَّوْمَ فَإِنَّهُ لِي ، وَأَنَا أَجْزِي بِهِ ، يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي ) މާނައަކީ: ”އާދަމުގެ ދަރިޔާގެ ޢަމަލުތަކުގެ ދަރުމަ އިތުރު ކުރައްވަތެވެ. ކޮންމެ ހެޔޮ ކަމެއް ދިހަ ގުނައިން ފެށިގެން ހަތްދިހަ ގުނަ އާއި ދެމެދު އިތުރު ކުރައްވަތެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ”ރޯދަ ފިޔަވައެވެ. ރޯދަ ވަނީ ތިމަން ﷲ އަށެވެ. އެއަށް ޖަޒާ ދެއްވާ ހުށީ ތިމަން ﷲ އެވެ. ރޯދަވެރިޔާގެ ޝަހްވަތާއި ކާނާ ދޫކޮށްލާފައިވަނީ ތިމަން ﷲ އަށް ޓަކައެވެ.“
މި ޙަދީޘުން ރޯދައިގެ މަތިވެރިކަން އެތައް ގޮތަކުން ދޭހަވެއެވެ.
- އެހެން ހުރިހާ ޢަމަލުތަކާއި ޚިލާފަށް ރޯދަ ވަނީ ﷲ އަށް ޚާއްޞަ ކުރައްވާފައިކަން. އެއީ، ރޯދައިގެ ޝަރަފާއި، ﷲ ތަޢާލާ ރޯދަ ދެކެ ލޯބިވެ ވޮޑިގަތުމާއި، އެކަލާންގެ އަށް އިޚްލާޞްތެރި ވުމުގެ ގޮތުންނެވެ. އެހެނީ ރޯދަ އަކީ އަޅާ އާއި ރައްބާއި ދެމެދުގައިވާ ސިއްރެކެވެ. ﷲ މެނުވީ އެހެން އެއްވެސް ފަރާތަކަށް އެކަމެއް ނޭނގެ އެވެ. މީސްތަކުން ނެތް ތަނެއްގައިވެސް ރޯދަވެރިޔާ ކެއުން ބުއިމުން މަނާވެގަނެގެން ހުންނަނީ ﷲ އަށް ޓަކައެވެ. ﷲ އަށް ބިރުވެތި ވުމުގެ ގޮތުންނެވެ. އެހެނީ، އޭނާގެ ޢަމަލުތައް ބައްލަވާ ވޮޑިގެންވާ ރައްބަކު ވާކަން އޭނާ އަށް އެނގެއެވެ. އެހެންކަމުން، މީހަކަށް ނޭނގުނު ނަމަވެސް، ކެއުން ބުއިމުން ދުރުހެލިވެގެން ހުންނަނީ ﷲ ގެ ޢިގާބަށް ބިރުވެތިވެ، އެކަލާންގެ ޙަޟްރަތުން ދަރުމަ އާއި ޘަވާބަށް އެދިގެންނެވެ. މިކަމަށް ޓަކައި ﷲ އޭނާ އަށް ޝުކުރުވެރިކަން އަދާ ކުރައްވައެވެ. އަދި އެހެނިހެން ޢަމަލު ތަކާއި ޚިލާފަށް ރޯދަ ވަނީ އެކަލާންގެ އަށް ޚާއްޞަ ކުރައްވާފައެވެ. އެހެންކަމުން ގުދްސިއްޔަ ޙަދީޘްގައި އައިސްފައިވެއެވެ. (يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي ) މާނައަކީ: “ ރޯދަވެރިޔާގެ ޝަހްވަތާއި ކާނާ ދޫކޮށްލާފައިވަނީ ތިމަން ﷲ އަށް ޓަކައެވެ.“
ރޯދަވެރިޔާ އަށް ދަރުމަ ދެއްވުމުގައި ޚާއްޞަ ގޮތެއްވާކަން ގިޔާމަތް ދުވަހުން ދޭހަވެއެވެ. ސުފްޔާން ބިން ޢުޔައިނާ ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. ”ގިޔާމަތް ދުވަހުގައި ﷲ ތަޢާލާ އެކަލާންގެ އަޅުތަކުންގެ ޙިސާބު ބައްލަވަތެވެ. އަދި ރޯދަ ފިޔަވައި އެހެން ޢަމަލުތަކުގައި އޭނާ އަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ދެއްވަތެވެ. ރޯދަ ފިޔަވައި އެހެން ޢަމަލުތަކަށް ބަދަލު ދެއްވަމުން ގޮސް، ހަމަ އެކަނި ރޯދަ އަށް ވުމުން، ރޯދައިގެ ސަބަބުން އެމީހަކު ސުވަރުގެ ވައްދަވަތެވެ.“
- ރޯދަ އާއި ބެހޭ ގޮތުން ގުދްސިއްޔަ ޙަދީޘްގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. (وَأَنَا أَجْزِي بِهِ) މާނައަކީ: ”އެރޯދަ އަށް ޖަޒާ ދެއްވާ ހުށީ ތިމަން ﷲ އެވެ.“ މިތަނުގައި ޖަޒާ ދެއްވުން މިވަނީ އެކަލާންގެ ޙަޟްރަތަށް އިޟާފާ ކުރައްވާފައެވެ. އެހެނީ، ހެޔޮ ޢަމަލުތަކުގެ ދަރުމަ ގިނަ ކުރައްވަނީ ޢަދަދުގެ ގޮތުންނެވެ. ކޮންމެ ހެޔޮ ކަމެއް ދިހަ ގުނައިން ފެށިގެން ގޮސް ހަތްދިހަ ގުނަ އާއި ހަމައަށެވެ. ނަމަވެސް، ރޯދަ އަށް ޖަޒާ ދެއްވުން މިވަނީ ﷲ އަށެވެ. ވަކި ޢަދަދެއް ނެތެވެ. ﷲ އީ ދީލަތިވަންތަ، އިލާހެވެ.
ރޯދަ އަކީ ﷲ އަށް ކިޔަމަންތެރި ވުމާއި، އެކަލާންގެ ނަހީތަކުން ދުރުހެލިވެ ހުރުމަށް ކެތްތެރިކަން އިސްކުރެވޭ ކަމެކެވެ. އަދި އަނގަ ހިތްކުމާއި، ވަރުބަލިވުމާއި، ނަފްސާނީ ގޮތުންނާއި ހަށިގަނޑުގެ ގޮތުން ލިބޭ ބަލިކަށި ކަމަށް ކެތްތެރި ވުމެވެ. އެހެންކަމުން، ރޯދައިގާ އެވަނީ ކެތްތެރި ކަމުގެ ތިން ބާވަތް ފުރިހަމަ އަށް ހިމެނިފައެވެ. އަދި ރޯދަވެރިޔަކީ ކެތްތެރިންގެ ތެރެއިން އެވަނީ ވެފައެވެ. ސޫރަތުއް ޒުމަރުގެ 10 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ ) މާނައަކީ: “ ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ.“
- ރޯދަ އަކީ އައްޑަނަ އެކެވެ. އެހެނީ، ނުބައިކަންތަކުންނާއި ނުބައި ވާހަކަ ދެއްކުމުން ރޯދަވެރިޔާ ދުރުހެލި ކުރުވާ ސަލާމަތް ކޮށްދޭ ކަމެކެވެ. އެހެންވެ ޙަދީޘް ކުރައްވާފައިވަނީ (وَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلَا يَرْفُثْ وَلَا يَصْخَبْ ) މާނައަކީ: “ ތިޔަބައިމީހުން ކުރެ މީހަކު ރޯދަ އަށް ހުރެއްޖެނަމަ، ޒުވާބުކޮށް، ހަޑިހުތު ކަންތައް ނުކުރާ ހުއްޓެވެ.“
މާތް ﷲ ރުއްސުންލެއްވި ޖާބިރުގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (الصِّيَامُ جُنَّةٌ يَسْتَجِنُّ بِهَا الْعَبْدُ مِنَ النَّارِ ) މާނައަކީ: ”ރޯދަ އަކީ އައްޑައެކެވެ. ރޯދަވެރިޔާ ނަރަކައިން ސަލާމަތް ކޮށްދޭ އައްޑަނަ އަކަށް ރޯދަވެގެން ދެއެވެ.“
- ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ ﷲ ގެ ޙަޟްރަތުގައި ގޮމަކަސްތޫރި އަށް ވުރެ ވަސްމީރު އެއްޗެކެވެ. ސަބަބަކީ އެވަހެއް ދުވަން މެދުވެރިވީ ސަބަބަކީ ﷲ އަށް ޓަކައި ރޯދަ ހިފުމެވެ. އެހެންކަމުން، އެއީ ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު، އެއްޗެކެވެ. މީސްތަކުންގެ ތެރޭގައި ކިތަންމެ ނުރުހުންތެރި އެއްޗެއް ނަމަވެސް، އެކަމެއް ދިމާވެފައިވަނީ ﷲ އަށް ޓަކައި ކުރެވުނު ކަމެއްގެ ސަބަބުން ކަމަށްވާތީ، އެކަމަކީ އެކަލާންގެ ޙަޟްރަތުގައި ގެއްލެނިވެގެންވާ ކަމެއް ނޫނެވެ. މިކަމުންވެސް ދޭހަވެގެން ދަނީ ރޯދައިގެ މަތިވެރި ކަމެވެ.
- ރޯދަވެރިޔާ އަށް ދެއުފަލެއްވާކަން. ރޯދަ ވިއްލާ ވަގުތުގައި އެލިބޭ އުފަލާއި، ﷲ ގެ ޙަޟްރަތާއި ބައްދަލުވާ ހިނދުގައި ލިބޭ އުފަލެވެ. ރޯދަ ވިއްލާ ހިނދުގައި ލިބޭ އުފަލަކީ ހެޔޮކަމުގެ ތެރެއިން އެންމެ މަތިވެރި އެއް އަޅުކަން ކަމުގައިވާ ރޯދައިގެ މަތިވެރި އަޅުކަން ފުރިހަމަ ކުރުމުގެ އުފާވެރިކަމެވެ. ﷲ ގެ ޙަޟްރަތާއި ބައްދަލުވާ ހިނދު ލިބޭ އުފަލަކީ ރޯދަވެރިޔާ އަށް މާތް ﷲ ތައްޔާރު ކޮށް ދެއްވާފައިވާ މަތިވެރި ދަރުމަ އާއި ޘަވާބު ލިބުމެވެ. ގިޔާމަތް ދުވަހުގައި ހެޔޮކަންތަކަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ވަގުތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާނެއެވެ. ”ރޯދަވެރިން ކޮބައި ހެއްޔެވެ؟ ރައްޔާނޭ ކިޔުނު ދޮރުކޮޅުން ރޯދަވެރިން ސުވަރުގެ ވަންނަ ހުއްޓެވެ. އެދޮރުކޮޅުން ރޯދަވެރިން ފިޔަވާ އެހެން ބަޔަކު ސުވަރުގެ ނުވަންނަ ހުއްޓެވެ.
އަދިވެސް މި ޙަދީޘް ގައި އިރްޝާދު ދެއްވާފައިވަނީ ރޯދަޔަށް ހުއްޓާ މީހަކު ހަޑިހުތުރު އެއްޗެއްކީނަމަވެސް، ނުވަތަ ތަޅާ ފޮޅާ ހެދިނަމަވެސް، އެމީހަކަށް ރައްދު ނުދިނުމަށެވެ. އަދި އެމީހެއްގެ ކުރިމަތީގައި ހަނުހުރެ ބަލިކަށިވުމެއްވެސް ނޫނެވެ. އެހެންނަމަވެސް، އެމީހެއްގެ ގާތުގައި ”ތިމަންނާ މިހުރީ ރޯދަ އަށޭ“ ބުނެމެވެ. އެހެންކަމުން، ރޯދަ އަށް އިޙްތިރާމް ކުރުމުގެ ގޮތުން އެމީހަކަށް ރައްދުދެވެން ނެތް ވާހަކަ ބުނުމެވެ. ފަހަރުގައިވެސް ބަދަލުގައި ރައްދު ދިނުމުގެ އާރާއި ބާރު ނެތިގެންނެއް ނޫނެވެ. މިގޮތަށް ކަންތައް ކުރުމުން އަރާރުން ކެނޑިގެން ދެއެވެ. ސޫރަތު ފުއްޞިލަތްގެ 34-35 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ۚ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ ﴿٣٤﴾ وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظٍّ عَظِيمٍ ﴿٣٥﴾ ) މާނައަކީ: ”ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި عداوة ތެރިކަމެއްވާ މީހާ، ގާތް رحمة ތެރިޔަކު ފަދައިން ވެދާނެތެވެ. އަދި ކެތްތެރިވި މީހުންނަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ. އަދި ބޮޑުވެގެންވާ ނަސީބުވެރިޔަކަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ.“
ރޯދައިގެ މާތް ކަމުގެ ތެރޭގައި: ގިޔާމަތް ދުވަހުގައި އޭގެ އަހްލުވެރިންނަށް ޝަފާޢަތްތެރި ވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ ، يَقُولُ : الصِّيَامُ أَيْ رَبِّ ، مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ ، فَشَفِّعْنِي فِيهِ ، وَيَقُولُ الْقُرْآنُ : مَنَعْتُهُ النَّوْمَ بِاللَّيْلِ ، فَشَفِّعْنِي فِيهِ ، قَالَ فَيُشَفَّعَانِ) މާނައަކީ: ”ގިޔާމަތް ދުވަހުގައި މާތް ﷲ ގެ އަޅުތަކުންނަށް ރޯދަ އާއި ގުރްއާން ޝަފާޢަތްތެރި ވާނެއެވެ. ރޯދަ ބުނާނެތެވެ. ހައްދަވައި ގެންގުޅުއްވާ އިލާހެވެ. ދުވާލުގަޑީގައި އޭނާ ކެއުމުންނާއި ޝަހްވަތުން މަޙްރޫމް ކުރީ ތިމަންނާއެވެ. އެހެންކަމުން އޭނާ އަށް ތިމަންނާގެ ޝަފާޢަތް ދެއްވާށެވެ. އަދި ގުރްއާން ބުނާނެތެވެ. ރޭގަނޑު އޭނާގެ ނިދި ނަގާލީ ތިމަންނާއެވެ. އެހެންކަމުން ތިމަންނާގެ ޝަފާޢަތް އޭނާ އަށް ދެއްވާށެވެ. ޙަދީޘް ކުރެއްވިއެވެ. އެދޭތީގެ ޝަފާޢަތް އޭގެ އަހްލުވެރިންނަށް ލިބޭނެތެވެ.“
އަޚުންނޭވެ. ރޯދައިގެ މަތިވެރިކަން ޙާޞިލް ކުރެވޭނީ އޭގެ އަދަބު ތަކާއި އެއްގޮތަށް ރޯދަ ހިފިގެންނެވެ. އެހެންކަމުން، އަންގަވާފައިވާ ގޮތަށް ރޯދަ ހިފޭތޯ ގަދައަޅާ މަސައްކަތް ކުރާށެވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. އަޅަމެންނަށް ޝަފާޢަތްތެރިޔަކު ކަމުގައި ރޯދަ ލައްވާފާންދޭވެ. އަދި އަޅަމެންގެ ފާފަ ފުއްސަވައި ރަޙްމަތް ލައްވާފާންދޭވެ. އަޅަމެންގެ މައިންބަފައިންނާއި އެންމެހައި މުސްލިމުންގެ ފާފަ ފުއްސަވައި ދެއްވާފާންދޭވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (بُنِيَ الْإِسْلَامُ عَلَى خَمْسٍ : شَهَادَةُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ ، وَإِقَامُ الصَّلَاةِ ، وَإِيتَاءُ الزَّكَاةِ ، وَصَوْمُ رَمَضَانَ ، وَحَجُّ الْبَيْتِ )މާނައަކީ: ”އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. ﷲ މެނުވީ ޙައްގުވެގެން އަޅުކަން ވެވޭ އިލާހަކު ނުވާ ކަމަށާއި، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލު ކަމަށް ހެކި ވުމާއި، ނަމާދު ގާއިމު ކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާން މަހު ރޯދަ ހިފުމާއި، ކުޅަދާނަކަން ލިބިގެންވާ މީހާ ކަޢްބަތުﷲ ގެފުޅަށް ގޮސް ޙައްޖު ވުމެވެ.“
ރަމަޟާން މަހު ރޯދަ ހިފުމަކީ ފަރްޟެއް ކަމަށް މުޅި އުއްމަތްވަނީ އިޖްމާޢުވެފައެވެ. އެކަން އިންކާރުކޮށްފި މީހަކީ ދީނުން ބޭރުވެފައިވާ މީހެކެވެ. އެފަދަ މީހަކަށް ތައުބާ ލައިދޭން ޖެހޭނެއެވެ. ތައުބާ ނުވެއްޖެނަމަ މުރްތައްދުވީ މޙެއްގެ ގޮތުން މަރުގެ އަދަބު އެމީހަކަށް ކުރިމަތިވާނެއެވެ. އަދި އެމީހަކު ހިނެވުމެއް، ކަފުން ކުރުމެއް، ކަށުނަމާދު ކުރުމެއް ނޯންނާނެއެވެ.
ރޯދަ ފަރްޟު ކުރެއްވުނީ ހިޖްރައިން ދެވަނަ އަހަރު އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުވަ އަހަރުވަންދެން ރޯދަ ހިއްޕެވިއެވެ. ރޯދަ ފަރްޟު ކުރެއްވުނީ ދެމަރްޙަލާ އެއްގައެވެ.
ފުރަތަމަ މަރްޙަލާ: ރޯދަ ހިފުމާއި ކާން ދިނުމާއި ދެކަމުން ކުރެ ކަމެއް ކުރުމުގެ އިޚްތިޔާރު ދެއްވުން، އަދި ރޯދަ ހިފުން އެއީ އައުލާކަން ބޮޑު ގޮތް ކަމުގައި ލެއްވުން.
ދެވަނަ މަރްޙަލާ: އިޚްތިޔާރަކާއި ނުލައި ރޯދަ ހިފުން ފަރްޟު ކުރެއްވުން. މާތް ﷲ ރުއްސުންލެއްވި ސަލަމާ ބިން އަލްއަކްވަޢުގެ ކިބައިން ރިވާވެގެން ވެއެވެ. (لَمَّا نَزَلَتْ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ سورة البقرة آية 184 ، كان من أراد منا أن يفطر ويفتدي حتى نزلت الآية التي بعدها فنسختها ) މާނައަކީ: ”ސޫރަތުލް ބަގަރާގެ 184 ވަނަ އާޔަތް (وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ) މާނައަކީ: ”އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ.“ ބާވާލެއްވުމުން ރޯދަ ހިފަން ބޭނުން ނުވާ މީހުން ރޯދަ ދޫކޮށްލުމަށް ފަހުގައި ފިދްޔަ ދެމުން ގެންދިޔައެވެ. ނަމަވެސް އޭގެ ފަހުން އޮތް އާޔަތް ބާވާލެއްވުމުން އެކަން މަންސޫޚު ވެއްޖެއެވެ.“ އިޝާރާތް ކުރައްވަނީ (فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ ) މާނައަކީ: ”ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ.“ މި އާޔަތް ބާވާލެއްވުމާއި އެކު އިޚްތިޔާރު ކެނޑި ރޯދަ ހިފުން ވާޖިބު ވެއްޖެއެވެ.
ރޯދަ ހިފުން ވާޖިބުވާނީ ރަމަޟާން މަސް ވަނުމުންނެވެ. ރަމަޟާން މަސް ވަންކަން ޝައްކުވާނަމަ ރޯދަ ހިފައިގެން ނުވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (لَا تَقَدَّمُوا قَبْلَ رَمَضَانَ بِصَوْمِ يَوْمٍ أَوْ يَوْمَيْنِ , إِلَّا رَجُلًا كَانَ يَصُومُ صِيَامًا فَيَصِلُهُ بِهِ ) މާނައަކީ: ”ރަމަޟާން މަހުގެ އެއް ދުވަސް ނުވަތަ ދެދުވަސް ކުރިން ރޯދަ ނުހިފާށެވެ. ނަމަވެސް ކުރިން ރޯދަތަކެއް ހިފާ އުޅޭ މީހެއްނަމަ ރަމަޟާން މަހާއި ގުޅުވާލައިގެން ރޯދަ ހިފާށެވެ.“
ރަމަޟާން މަސް ވަދެއްޖެކަން ޘާބިތުވާނީ ދެގޮތުން ކުރެ އެއް ގޮތަކުންނެވެ. އެއީ:
- ރަމަޟާން މަހުގެ ހަނދު ފެނުން. ސޫރަތުލް ބަގަރާގެ 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ) މާނައަކީ: ”ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!“ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إِذَا رَأَيْتُمُ الْهِلَالَ فَصُومُوا ) މާނައަކީ: ”ތިޔަބައިމީހުންނަށް ހަނދު ފެނިއްޖެނަމަ ރޯދަ ހިފާށެވެ.“
ކޮންމެ މީހަކަށް ވަކި ވަކިން ހަނދު ފެނުން ލާޒިމެއް ނޫނެވެ. ނަމަވެސް، ހެކިބަސް ގަބޫލު ކުރެވޭ ފެންވަރުގެ ބަޔަކަށް ހަނދުފެނިއްޖެނަމަ ކަމަށް ހެކިބަސް ދީފިނަމަ ރޯދަ ހިފުން އެންމެންގެ މައްޗަށް ވާޖިބު ވެގެން ދެއެވެ.
ހަނދު ފެނިއްޖެކަމަށް ހެކިބަސް ދޭމީހާ އަކީ ބާލިޣްވެފައިވާ، ބުއްދި ސަލާމަތުން ހުރި، މުސްލިމެއް، އަދި އެމީހެއްގެ އަމާނާތް ތެރި ކަމާއި ލޮލުގެ ފެނުމާއި މެދު އިތުބާރުހިފޭވަރުގެ މީހަކަށް ވާންވާނެއެވެ. ކުޑަ ކުއްޖަކަށް ހަނދު ފެނިއްޖެ ކަމަށް ހެކިބަސް ދިންނަމަވެސް އެކަން ގަބޫލެއް ނުކުރެވޭނެއެވެ. ހަމައެފަދައިން ބުއްދި ހަމަ ނުޖެހޭ މީހުންވެސް މެއެވެ. އަދި ކާފިރުންގެ ހެކިބަސްވެސް މިކަމުގައި ގަބޫލު ނުކުރެވޭނެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. (جَاءَ أَعْرَابِيٌّ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : أَبْصَرْتُ الْهِلَالَ اللَّيْلَةَ ، قَالَ : “ أَتَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ “ , قَالَ : نَعَمْ ، قَالَ : “ يَا بِلَالُ , أَذِّنْ فِي النَّاسِ ، فَلْيَصُومُوا غَدًا ) މާނައަކީ: ”އަޢްރާބީންގެ މީހަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ބުންޏެވެ. ”މިރޭ އަހަންނަށް ހަނދު ފެނިއްޖެ އެވެ.“ ޙަދީޘް ކުރެއްވިއެވެ. ”ﷲ މެނުވީ ޙައްގުވެގެން އަޅުކަން ވެވޭ އިލާހަކު ނުވާ ކަމަށާއި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ އެކަލާންގެ އަޅާ ކަމަށާއި ރަސޫލާ ކަމަށް ތިބާ ހެކިވަން ހެއްޔެވެ؟“ އެމީހާ ދެންނެވިއެވެ. ”އާދޭހެވެ.“ ޙަދީޘް ކުރެއްވިއެވެ. ”ބިލާލެވެ. މާދަމާ ރޯދަ ހިފުމަށް މީސްތަކުންނަށް ގޮވާލާށެވެ.“
އެމީހެއްގެ ޚަބަރު ގަބޫލު ނުކުރެވޭ، ނުވަތަ ލޮލުގެ ފެނުން ކޮށި މީހަކު ހަނދު ފެނިއްޖެ ކަމަށް ހެކިބަސް ދިންނަމަވެސް އެކަން ގަބޫލެއް ނުކުރެވޭނެއެވެ.
އެކެއްގެ ހެކިބަހުންވެސް ރަމަޟާން މަހުގެ ހަނދު ޘާބިތުވާނެއެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. (تَرَاءَى النَّاسُ الْهِلالَ ، فَأَخْبَرْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنِّي رَأَيْتُهُ ، فَصَامَ وَأَمَرَ النَّاسَ بِصِيَامِهِ ) މާނައަކީ: ”މީސްތަކުން ހަނދު ހޯދަން އުޅެނިކޮށް، ތިމަންކަލޭގެފާނަށް ހަނދު ފެނިއްޖެ ކަމުގެ ޚަބަރު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދިނީމެވެ. އެހިނދު އެކަލޭގެފާނު ރޯދަ ހިއްޕަވާ އަދި މީސްތަކުންނަށް ރޯދަ ހިފުމަށް އަމުރު ކުރެއްވިއެވެ.“
ޔަގީން ކަމާއި އެކު ހަނދު ފެނިއްޖެނަމަ، އެކަމުގެ ޚަބަރު ކަމާއި ބެހޭ ފަރާތް ތަކަށް ދޭންވާނެއެވެ. ހަމައެފަދައިން ޝައްވާލް އާއި ޛުލްޙިއްޖާގެ ހަނދުވެސް މެއެވެ. ސަބަބަކީ އޭގެ މައްޗަށް ރޯދަ ހިފުމާއި ވީއްލުމާއި ޙައްޖު ބިނާވެފައިވާތީވެއެވެ. އެކަމަކާއި ނުލައި ވާޖިބު ކަމެއް ފުރިހަމަ ނުކުރެވޭ ކޮންމެ ކަމަކީ ވާޖިބެކެވެ.
މީހަކަށް ހަނދުފެނި، އޭނާ ހުރި ހިސާބުގެ ގޮތުން މަސްއޫލުވެރިންނަށް އެކަމުގެ ޚަބަރު ނުދެވުނުނަމަވެސް، އެފަދަ މީހަކު ރޯދަ ހިފަންވާނެއެވެ. އަދި ކަމާއި ބެހޭ ފަރާތްތަކަށް ޚަބަރު ފޯރު ކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންވާނެއެވެ.
ސަރުކާރުގެ ފަރާތުން ރޯދަ މަސް ވަދެއްޖެކަން އިޢްލާން ކޮށްފިނަމަ އެކަން ގަބޫލު ކޮށް، އެއަށް ޢަމަލު ކުރަންވާނެއެވެ. ރަމަޟާން މަސްވަނުމާއި ނިމުމުގައިވެސް މިގޮތަށް ޢަމަލު ކުރަންވާނެއެވެ. ސަބަބަކީ ސަރުކާރުގެ ފަރާތުން އިޢްލާން ކުރުމަކީ ޝަރްޢީ ޙުއްޖަތެކެވެ. އެޔަށް ޢަމަލު ކުރުން ވާޖިބުވާނެ ކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ހަނދު ފެނިއްޖެ ކަމުގެ ޚަބަރު ލިބިވަޑައިގަތުމުން އެކަން މީސްތަކުންނަށް އެންގެވުމަށް ބިލާލަށް އަމުރު ކުރެއްވުމުން ދޭހަވަނީ އެގޮތެވެ.
ހަނދު ފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުމެއް ނެތެވެ. ސަބަބަކީ ރޯދަ ހިފުމާއި ދޫކޮށްލުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބިނާ ކުރައްވާފައިވަނީ ހަނދު ފެނުމަށެވެ. ޙަދީޘް ކުރެއްވިއެވެ. (إِذَا رَأَيْتُمُ الْهِلَالَ فَصُومُوا ، وَإِذَا رَأَيْتُمُوهُ فَأَفْطِرُوا ) މާނައަކީ: ”ތިޔަބައިމީހުންނަށް ހަނދު ފެނުމުން ރޯދަ ހިފާށެވެ. އަދި ތިޔަބައިމީހުންނަށް ހަނދު ފެނުމުން ރޯދަ ދޫކޮށްލާށެވެ.“
- ރަމަޟާން މަސް ވަނުން ޘާބިތުވާނެ ދެވަނަ ގޮތަކީ: ޝަޢްބާން މަހުގެ 30 ދުވަސް ހަމަވުމެވެ. ސަބަބަކީ ހަނދު މަހެއް 30 ދުވަހަށް ވުރެ އިތުރު ނުވާނެތީވެއެވެ. އަދި 29 ދުވަހަށް ވުރެ މަދެއް ނުވާނެއެވެ. ފަހަރުގައި ވިދިވިދިގެން ހަތަރުމަސް ވަންދެން 30 ދުވަހުގެ މަހެއް އަތުވެދާނެއެވެ. ހަމައެފަދައިން ވިދިވިދިގެން ހަތަރު މަސް ވަންދެން 29 ދުވަހުގެ މަހެއް ވެސް އަތުވެދާނެއެވެ. ނަމަވެސް ގިނަ ފަހަރަށް އެއްމަސް ނުވަތަ ދެމަސް ފުރިހަމަ ވެފައި ތިން ވަނަ މަސްވާނީ އުނި މަހަކަށެވެ. ނުވަތަ 29 ދުވަހުގެ މަހަކަށެވެ. ނިމޭ މަހުގެ 30 ހަމަވެއްޖެނަމަ، ހަނދު ނުފެނުނު ކަމުގައި ވީނަމަވެސް ވިދިގެން އަންނަ މަސް ފެށުން ކަމަށް ބެލެވޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (صُومُوا لِرُؤْيَتِهِ وَأَفْطِرُوا لِرُؤْيَتِهِ ، فَإِنْ غُمِّيَ عَلَيْكُمُ الشَّهْرُ ، فَعُدُّوا ثَلَاثِينَ )މާނައަކީ: ”ހަނދު ފެނުމުން ރޯދަ ހިފާށެވެ. އަދި ހަނދު ފެނުމުން ރޯދަ ދޫކޮށްލާށެވެ. (ޢީދު ކުރާށެވެ). ހަނދު ނުފެނިއްޖެނަމަ މަހުގެ ތިރީސް ދުވަސް ހަމަކުރާށެވެ.“
އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. (كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَفَّظُ مِنْ شَعْبَانَ مَا لَا يَتَحَفَّظُ مِنْ غَيْرِهِ ، ثُمَّ يَصُومُ لِرُؤْيَةِ رَمَضَانَ ، فَإِنْ غُمَّ عَلَيْهِ عَدَّ ثَلَاثِينَ يَوْمًا ثُمَّ صَامَ )މާނައަކީ: ”ޝަޢްބާން މަހުގައި އެހެން މަސްތަކާއި ތަފާތުކޮށް ހަނދު ހޯއްދެވުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަސައްކަތް ކުރައްވައެވެ. އަދި ހަނދު ފެނިއްޖެނަމަ ރަމަޟާން މަހު ރޯދަ ހިއްޕަވައެވެ. ނުފެނިއްޖެނަމަ ޝަޢްބާން މަހުގެ 30 ދުވަސް ހަމަކުރެއްވުމަށްފަހު ރޯދަ ހިއްޕަވައެވެ.“
މި ޙަދީޘް ތަކުން ދޭހަވަނީ ރަމަޟާން މަހުގެ ހަނދު ފެނުމުގެ ކުރިން ރޯދަ އެއް ނުހިފޭނެއެވެ. ހަނދު ނުފެނިއްޖެނަމަ ޝައްބާން މަހުގެ 30 ދުވަސް ހަމަކުރަން ޖެހޭނެއެވެ. ވިއްސާރަކޮށް އޮތްނަމަވެސް، ރީތިކޮށް އޮތްނަމަވެސް ހަނދު ނުފެނި ރޯދަ އެއް ނުހިފޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مَنْ صَامَ الْيَوْمَ الَّذِي يَشُكُّ فِيهِ النَّاسُ ، فَقَدْ عَصَى أَبَا الْقَاسِمِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ) މާނައަކީ: ”މީސްތަކުންނަށް ޝައްކުވާ ދުވަހެއްގައި ރޯދަ ހިފައިފިމީހާ އަބުލް ގާސިމް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އުރެދިއްޖެ އެވެ.“
މި އާޔަތުން ލިބިދޭ ފައިދާތައް:
- މުސްލިމުންގެ މައްޗަށް ރަމަޟާން މަހުގައި ރޯދަ ފަރްޟު ކުރެއްވިފައިވާކަން.
- ރޯދަ އަކީ ތަގްވާވެރިކަމުގެ ޞިފަ މީހާގެ ކިބައިގާ އަށުގަންނުވާ އަޅުކަމެއް ކަން.
- ރޯދަ އަކީ މީހާގެ ކުއްފާފަތައް ފޮހެލާކަމެއްކަން. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގެ މާނާގައިވެއެވެ. ”އީމާންކަމާއި ދަރުމައަށް އެދި ރަމަޟާން މަހު ރޯދަ ހިފައިފި ނަމަ، އެމީހެއްގެ އިސްވެދިޔަ ހުރިހާ ފާފަތަކެއް ﷲ ފުއްސަވާ ދެއްވާނެއެވެ.“



