
މާމިގިލީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކު ނިޔާވެއްޖެ
މާމިގިލީގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކު ނިޔާވެއްޖެކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ޕީއެސްއެމް އިން ދާދި ދެންމެއަކު މަޢުލޫމާތުދިން ގޮތުގައި އެ ހާދިޘާގައި ބޯފަޅައިގެން ގޮސް ހާލު ސީރއަސްވި މީހާ ނިޔާވެފައިވާކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
އެމީހާ ނިޔާވީ އދ. މަހިބަދޫގައި ހުންނަ އެއަތޮޅު އަތޮޅު ހޮސްޕިޓަލުން ފަރުވާދެމުންދަނިކޮށް ކަމަށްވެސް ވަނީ ބުނެފައެވެ.
މާމިގިލީ އެއަރޕޯޓުގައި ބޭނުންކުރާ ފަޔަރ ލޮރީ ކޮންޓްރޯލް ނުވެގެން ހިނގި މި އެކްސިޑެންޓުގައި އިތުރު 3 މީހަކަށްވެސް އަނިޔާ ވެފައިވާ އިރު، އެ 3 މީހުންގެ ފައި ވަނީ ބިންދައިގެން ގޮސްފައެވެ. އަދި އެމީހުން މިހާރު ވަނީ މާލެ ފޮނުވުމުގެ މަސައްކަތް ފަށާފައެވެ.
މިހާދިޘާ ހިނގީ ފަޔަރ ލޮރީ ފަހަތަށް ޖަހަނިކޮށް ކޮންޓްރޯލް ނުވެގެން އެތަނުގެ ކައިރީގައި ހުރި ޖޯޔެއްގައި ތިބި ބައެއްގެ ގައިގައި ޖެހިގެންކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި މިހާދިސާގައި ހާނީއްކަވި މީހުންނަކީ ފަޔަރ ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުންކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.



