
ޔޫރޯ ކޮލިފައިން: މޮރާޓާގެ ލަނޑުތަކުން ސްޕެއިން މޮޅުވިއިރު، އިޓަލީއަށްވެސް ތަފާތު ބޮޑު މޮޅެއް
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރޭ މޯލްޓާއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗު އެޓީމުން ކާމިޔާބުކޮށްފިއެވެ.
ރޭ މޮލްޓާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ސްޕެއިން މޮޅުވެފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗުހެން ކޮންޓްރޯލް ކޮށްގެން ސްޕެއިން ޓީމުން ކުޅެމުން ގެންދިޔައިރު، އެޓީމަށް ވަނީ ގިނަ ލަނޑުތަކެއް ޖަހަން ފުރުސަތު ލިބިގެން ގޮސްފައެވެ. އެގޮތުން ސްޕެއިންގެ ފުރަތަމަ ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށް ސްޕެއިންނަށް މެޗުގެ ލީޑު ނަގައިދިނީ އަލްވާރޯ މޮރާޓާއެވެ.
މި ނބަތީޖާއާ އެކު މެޗުގެ ފުރަތަމަ ހާފު ނިންމާލިނަމަވެސް ސްޕެއިންގެ ދެވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށް އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް ސްޕެއިންގެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އަލްވާރޯ މޮރާޓާއެވެ.

ރޭ އިޓަލީ އަދި ލިޗެސްޓައިން ބައްދަލުކުރި މެޗު އިޓަލީން ކާމިޔާބުކުރީ 0-6 ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެގޮތުން މި މެޗުގައި ދެ ލަނޑު ޖަހާ އިޓަލީގެ ފަބިއޯ ކުއަލިއަރެއްލާ ވަނީ ރެކޯޑެއް ހަދާފައެވެ. މި މެޗުގައި ލިޗެސްޓައިން ކޮޅަށް ޖެހި ދެ ލަނޑާ އެކު އިޓަލީ ގައުމީޓީމަށް ލަނޑު ޖަހައިިދިން އެންމެ ގިނަ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފް ފަބިއޯ ކުއަލިއަރެއްލާ ވަނީ ލިބިފައެވެ.
ގިނަ ދުވަސްތަކަކަށް ފަހު އަލުން ގައުމީ ޓީމުން ފުރުސަތު ހޯދި އުމުރުން 36 އަހަރުގެ ސަމްޑޯރިއާގެ ފޯވާޑް ކުއަލިއަރެއްލާ އަންނަނީ އިޓާލިއަން ލީގުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ރޭގެ މެޗުގައި އޭނާ ދެ ލަނޑު ކާމިޔާބުކުރީ ލިބުނު ދެ ޕެނަލްޓީންނެވެ.
މި ފަހަރު އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި ކުއަގްލިއަރެއްލާ އޮތީ 21 ލަނޑު ޖަހައިގެންނެވެ. އެއީ ބޮޑު އަގެއްގައި މި ފަހަރު ޔުވެންޓަސް އިން ގެނައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވުރެން ދެ ލަނޑު އިތުރު އަދަދެކެވެ.
ރޭގެ މެޗުގައި އިޓަލީގެ އަނެއް ލަނޑުތައް ކާމިޔާބުކުރީ ސެޓްފާނޯ ސެންސީ އާއި މާކޯ ވެރާޓީ އާއި ޔުވެންޓަސްގެ ޒުވާން ފޯވާޑް މޮއިސް ކީންގެ އިތުރުން ރޭ މުޅިން އަލަށް ޓީމަށް ކުޅުނު ލިއޮނާޑޯ ޕެވޮލެޓީ އެވެ. ރޭގެ މެޗުގެ ދެ ވަނަ ހާފްގައި ލިޗެސްޓައިން އިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ޑެނިއަލް ކޯފްމަން އަށް ރަތް ކާޑު ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ގަސްދުގައި އޭރިއާ ތެރެއިން ބޯޅައިގައި އަތްލުމުންނެވެ. ކޮލިފައިންގައި މިހާތަނަށް އިޓަލީ ކުޅުނު ދެ މެޗުން ވެސް ވަނީ އެޓީމުން ކާމިޔާބުކޮށްފައެވެ.
ކޮލިފައިންގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު ސްވިޑަން އާއި ނޯވޭ ވަނީ ފޯރިގަދަ ކުޅުމަކަށް ފަހު 3-3 އިން އެއްވަރުވެފަ އެވެ. އަދި އަޔަލެންޑުން 1-0 އިން ޖޯޖިއާ ބަލިކުރިއިރު، ޑެންމާކާއި ސްވިޒަލެންޑްގެ މެޗު ނިމުނީ 3-3 އިން އެެއްވަރުވެގެންނެވެ.



