
ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނުގަދަވާނެތީ ސަމާލުވާން އެދެފި
މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އާދަޔާހިލާފަށް ހޫނުގަދަވާނެ ދުވަސްވަރަކަށް ވާތީ، ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
އެޗްޕީއޭ އިން މިއަދު ވިދާޅުވީ ހޫނު ގަދަވުމުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާވަނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާއި ދާއިމީ ބައްޔަށް ފަރުވާކުރާ މީހުންނަށް ކަމަށެވެ. އަދި އެންމެ އަވިގަދަ ގަޑީގައި ކުޑަކުދިން ބޭރަށް ނުނެރުމަށާއި، އެ ގަޑިތަކުގައި ކުދިން ބޭރަށް ނެރެފިނަމަ އިރުގެ ދޯދިން ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން ހޫނު ގަދަވުމުގެ ސަބަބުން ސިއްހީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ވީ އެންމެ އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެންމެ އަވިގަދަ ވަގުތުތަކުގައި އަވީގައިއުޅޭ މިންވަރު މަދުކޮށް ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް ފެން ބުއިމަށާއި ހަކުރު އަދި ކެފެއިން ހުންނަ ބުއިންތައް ބޭނުން ކުރުމުން ދުރުވުމަށް ވެސް އިލްތިމާސްކުރާކަމަށެވެ.
ބޭރަށް ނިކުންނަ އިރު އަތްވާއި ހޫނުން ރައްކާތެރިވުމަށް ޔޫވީ ރޭޑިއޭޝަން ފިލްޓާ ކޮށްދޭ އަވިއައިނު އެޅުމަށާއި ކުލަމަޑު، ހަށިގަނޑު ނިވާވާނެ ހެދުން ލުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އަވިން ސަލާމަތް ވުމަށް ކުޑަފަދަ ތަކެތި ބޭނުން ކުރުމަށާއި، އިރުގެ ދޯދިން ލިބޭ ގެއްލުމުން ލޯ ސަލާމަތް ކުރުމަށް ޔޫވީ ރޭޑިއޭޝަން ފިލްޓަރ ކޮށްދޭ އަވިއައިނު ބޭނުންކުރުމަށްވެސް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.

އެޗްޕީއޭ އިން ބުނެފައިވާގޮތުން ހޫނު ގަދަވުމުގެ ސަބަބުން ފެންމަދުވެ، ބޯއަނބުރާ، އަތްފައި ފިނިވުން ފަދަ ކަންތައް ދިމާވާނެއެވެ. އަދ ލޮލަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ލޮލުގެ މަތީފަށަލަ ފިހުމުގެ އިތުރުން ލޯ ފުސްވުން ފަދަ ކަންތައް ދިމާވާނެއެވެ. މީގެ އިތުރުން ގައިގެ ހަންގަނޑު ރަތްވެ ފޮޅުނެގުމާއި ކުދި ރަތް ބިހި ނެގުންވެސް އެކަށީގެން ވާކަމަށެވެ.
އެގޮތުން ހޫނު ގަދަވުމުގެ ސަބަބުން ސިއްހީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ވީ އެންމެ އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ހުނު ގަދަވުމުގެ ސަބަބުން ގައިގެ ވަރުދެރަވެ ބޯ އަނބުރާނަމަ ކުރަންހުރި ހުރިހާ ކަމެއް ހުއްޓާލާފައި، ފިނިތަނެއްގައި މަޑުކުރުމަށާއި ވަރުދެރަވެ ބޯ އަނބުރާ ނަމަ އަދި އަކުނިވަޔަށް ދަމާނަމަ ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.



