
ރޮނާލްޑޯގެ އެނބުރި އައުން އުފާވެރިއެއް ނޫން
މިދިޔަ އަހަރު ރަޝިއާގައި ބޭއްވުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި ޕޯޗުގަލްގެ މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހިއްޖެ އެވެ.
ޔޫރޯ ކޮލިފައިންގައި އަމިއްލަ ދަނޑުގައި ޔޫކްރޭނާ ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އެ މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއިނެވެ.
ޔޫރޯ ކޮލިފައިންގައި ރޮނާލްޑޯގެ ކެޕްޓަންކަމުގައި ޕޯޗުގަލް ޔުކްރެއިން އާއި ދެކޮޅަށް ރޭކުޅުނު ފުރަތަމަ މެޗުގައި މޮޅެއް ހޯދިފައި ނުވިނަމަވެސް ޕޯޗުގަލް އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ޕޯޗުގަލް އިން ޖުމްލަ 18 ޝޮޓް ޔޫކްރެއިންގެ ގޯލަށް ފޮނުވާލިއިރު، ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ޔުކްރެއިންގެ ގޯލްކީޕަރެވެ. ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު އަމިއްލަ ސަބަބަކާ ހުރެ ރޮނާލްޑޯ، އެންމެ ފަހުން ޕޯޗުގަލް ކުޅުނު ހަ މެޗުގައި ބައިވެރިނުވެ އެވެ. ރޭގެ މެޗުގައި އޭނާ އަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ.
ޔޫރޯ ކޮލިފައިންގައި ޕޯޗުގަލް ދެން ކުޅެންޖެހޭނީ ސާބިއާ ދެކޮޅަށެވެ. ޕޯޗުގަލްގެ ލިސްބަން ސްޓޭޑިއަމްގައި ކުޅޭ މި މެޗު އޮންނާނީ މިމަހުގެ 25 ވާ ހޯމަދުވަހުގައެވެ.



