” ނަފުސު ހޭލައްވާލަދޭށޭ، އަންނަނީ ރަމަޟާން ކަރީމް…”

 

” ނަފުސު ހޭލައްވާލަދޭށޭ އަންނަނީ ރަމަޟާން ކަރީމް، ޢަފުލަތާ ވަކިކޮށްލަދޭށޭ އަންނަނީ ރަމަޟާން ކަރީމް…”

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހަމަކަށަވަރުން، ރަމަޟާންމަހުގެ ރޯދައަކީ އިސްލާމްދީނުގެ ހަތަރުވަނަ ރުކުނެވެ. އިސްވެދިޔަ އުއްމަތްތަކުގެ މައްޗަށް ރޯދަ ފަރުޟުކުރެވުނު ފަދައިން މިއުއްމަތުގެ މީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟުކުރެވުނީ ވަރަށް ބޮޑު ޙިކުމަތެއް އޭގައި އެކުލެވިގެން ވާތީއެވެ. އެއީ މާތް ﷲ އަށް ތަޤުވާވެރިވުމަށްޓަކައެވެ. އެހެންކަމުން، މިއަޅުކަމުގެ މަޤްސަދު އެންމެ ރަނގަޅަށް ފުރިހަމަ ކުރެވޭނީ، އެމަހުގައި ރޯދަ ހިފަންވީ ގޮތް އެނގިގެންކަމާއިމެދަކު ޝައްކެއްނެތެވެ.

އަޅުގަނޑުގެ ހަމައެކަނި މަޤްސަދަކީ ރޯދައިގެ ކުރިން ރޯދައާއި ބެހޭގޮތުން ކިޔުންތެރިންނަށް ފައިދާކުރަނިވި މަޢުލޫމާތު ކޮޅެއް މާތް ﷲ ގެ އިރާދަފުޅުން ގެނެސްދެވޭތޯ ބެލުމެވެ.

ފުރަތަމަ: ޞިޔާމްގެ މާނަ

ޞިޔާމަކީ ޢަރަބި ބަހެކެވެ. ޞިޔާމްގެ ޢަރަބި ލުޣަވީ މާނައަކީ “الإمساك” މިއެވެ. އަލްއިމްސާކުގެ ދިވެހި މާނައަކީ ހިފުން ނުވަތަ ހިފެހެއްޓުމެވެ. ދިވެހި ބަހުގައި ޞިޔާމްގެ މުރާދަކީ ރޯދަ ހިފުމެވެ.

ޝަރުޢީ އިޞްޠިލާޙުގައި (ނުވަތަ މާނާގައި)، އެއީ މާތް ﷲ އަށް ކުރެވޭ އަޅުކަމެކެވެ. ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވީއްސުރެން އިރުއޮއްސެންދެން، ނުކައި ނުބޮއެ، ޖިންސީ އެދުންތަކާއި އަދިވެސް ރޯދަ ފާސިދުކޮށްލާ ހުރިހައި ކަމަކުން ދުރުވެ އެކަންކަމުން މަނާވެ ހުރުމެވެ.

ދެވަނަ: ރަމަޟާންމަހު ރޯދަ ޝަރުޢުކުރެވުނީ ކޮންއިރަކު؟

ރަމަޟާންމަހު ރޯދަ މި އުއްމަތުގެ މައްޗަށް ފަރުޟުކުރެވުނީ ހިޖުރައިން 2 އަހަރުއެވެ. އެހެންކަމުން، މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) 9 ރަމަޟާންމަހު ރޯދަ ހިއްޕެވިއެވެ. އެހެނީ އެކަލޭގެފާނު އަވަހާރަފުޅުވެ ވަޑައިގަތީ ހިޖުރައިން 11 ވަނަ އަހުރުކަމުގައިވާތީއެވެ.

ނަމަވެސް، ރޯދަ ފަރުޟުކުރެވުނު ފުރަތަމަ ކޮޅު، އޮތީ އިޚްތިޔާރީ ކަމެއްގެ ގޮތުގައެވެ. އެއްގޮތަކީ ރޯދަ ހިފުމެވެ. ދެވަނަ ގޮތަކީ ރޯދަ ހިފުމުގެ ބަދަލުގައި ކޮންމެ ދުވަހަކު މިސްކީނަކަށް ކާން ދިނުމެވެ. އެހެންކަމުން، ރޯދަ ހިފުމުގެ ކުޅަދާނަކަން ހުއްޓަސް، ނުވަތަ ނެތަސް މިގޮތަށް ޢަމަލުކުރުމުގެ އިޚްތިޔާރުވަނީ ދެވިފައެވެ.

ނަމަވެސް، ފަހުން މި ޙުކުމް މަންސޫޚަ ކުރެވުނެވެ. އެހެންކަމުން، ރޯދަ ހިފުމަށް ކުޅަދާނަކަން ލިބިގެންވާ އެންމެން ރޯދަ ހިފުން ނޫން އެހެންގޮތެއް ނެތެވެ. މިކަމުން އިސްތިސްނާވީ، ދާއިމީ ގޮތެއްގައި ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހުންނެވެ. އެބައިމީހުންނަށް އޮތް ޙުކުމަކީ ބަދަލުގައި މިސްކީނަކަށް ކާން ދިނުމެވެ.

ތިންވަނަ: ރަމަޟާންމަހު ރޯދައިގެ ފަރުޟިއްޔަތާއި ރޯދައިގެ މަޤާމާއި އަހައްމިއްޔަތު

ހ. ރޯދައިގެ މަޤާމާއި އަހައްމިއްޔަތު:

ރަމަޞާންމަހުގެ ރޯދައަކީ މާތް ﷲ ފަރުޟުކުރައްވާފައިވާ ފަރުޟެކެވެ. އިސްލާމްދީނުގެ ހަތަރުވަނަ ރުކުނެވެ. މިކަމުގެ ފަރުޟިއްޔަތަށް ދަލީލުކޮށްދެނީ ކީރިތި ޤުރުއާނުގެ އާޔަތްތަކާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ޙަދީޘްފުޅުތަކުންނެވެ. އެއަށްފަހު، މުޅި އިސްލާމީ އުއްމަތުގެ އިޖްމާޢުންވެސް މެއެވެ.

ރޯދައިގެ ފަރުޟިއްޔަތަށް އިންކާރުކޮށްފި މީހަކާމެދު އުއްމަތުގެ ޢިލްމުވެރީން އިޖްމާޢުވެލައްވާފައިވަނީ އެއީ މުރުތައްދު ކާފަރެއް ކަމަށެވެ. އެމީހަކު ޖެހޭނީ އެކަމުން ތައުބާވާންށެވެ. ތައުބާވާން އިންކާރުކޮށްފިނަމަ، އެމީހެއްގެ ހައްދަކީ މުރުތައްދެއްގެ ގޮތުގައި ޤަތުލުކޮށްލެވުމެވެ. ނަމަވެސް، މި ހައްދު އޭނާގެ މައްޗަށް ޤާއިމުކުރުމުގެ ޒިންމާއަކީ އިސްލާމީ ޙާކިމެއްގެ މައްޗަށްވާ ކަމެކެވެ. އެއްވެސް ޙާލެއްގައި ޢާންމު ރައްޔިތުން އެފަދަ މީހެއްގެ މައްޗަށް ކުފުރުގެ ޙުކުމް ޖަހައިގެން ނުވާނެއެވެ.

ށ. ރޯދައިގެ ފަރުޟިއްޔަތު ޤުރުއާނުން:

މާތް ﷲ، ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރައްވަމުން، ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. )يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ(/ ބަޤާރާ:183 މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ.”

އަދިވެސް މާތް ﷲ ބަޤަރާ ސޫރަތުގެ 185 ވަޙީކުރައްވަނީ މިފަދައިންނެވެ. (شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ) މާނައީ: ” ރަމަޟާންމަހަކީ، އެމަހެއްގައި ޤުރުއާން ބާވައިލެއްވުނު މަހެވެ. (އެއީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއިި، ހައްޤާއި، ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރު ދެކެފިމީހެއް، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ.”

ނ. ރޯދައިގެ ފަރުޟިއްޔަތު ޙަދީޡުން:

ކީރިތި ރަސޫލާ صلى الله عليه وسلمގެ މަޝްހޫރު ޙަދީޡްފުޅު ” بني الإسلام على خمس” ގައި ރަމަޞާންމަހުގެ ރޯދަ ހިމަނުއްވާފައިވެއެވެ. އެ ޙަދީޘްފުޅުގައި ބަޔާންކުރައްވާފައިވަނީ އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށް ކަމަށެވެ. އެއީ ޝަހާދަތުގެ ދަކަލިމައާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާންމަހު ރޯދަ ހިފުމާއި، ގެފުޅަށްގޮސް ޙައްޖުވުމެވެ. ޞަޙީޙް ބުޚާރީއާއި މުސްލިމުގައި މިޙަދީޘުފުޅު ރިވާވެގެންވެއެވެ.

ހަމައެހެންމެ، ރޯދައިގެ ފަރުޟިއްޔަތާއި އެކަމުގެ މަތިވެރިކަމާއި ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްފުޅުތައް ވަރަށް ގިނަ ގުނަވެފައި މަޝްހޫރެވެ. އެހެންކަމުން، އިތުރު ޙަދީޘްފުޅުތަކުގެ ޛިކުރު މިތަނުގައި ކުރުމުގެ ބަދަލުގައި، އިޚްތިޞާރު ކޮށްލުމުގެ ނިޔަތުގައި، އިސްވެބަޔާންވެދިޔަ ޙަދީޘްފުޅުން ފުއްދައިލަމެވެ.

ރ. ރޯދައިގެ ފަރުޟިއްޔަތު އުއްމަތުގެ އިޖްމާޢުން:

އެހެންކަމުން، ޤުރުއާނާއި ސުންނަތުގެ ޞަރީޙަ ދަލީލުތަކުގެ މައްޗަށް ބައްލަވާ އުއްމަތުގެ ޢިލްމުވެރީންނާއި މުޅި މުސްލިމު އުއްމަތް ވަނީ ރޯދައަކީ ފަރުޟެއްކަމަށް އިޖްމާޢުވެފައެވެ.

 

މައުލޫމާތް: ދި އިސްލާމް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.