
ސައިޓީސް ކޮޕް 18އަށް ތައްޔާރުވުމުގެ ގޮތުން އޭޝިއާގެ ޤައުމުތަކަށް އަމާޒުކޮށްގެން ވާރކްޝޮޕެއް ފަށައިފި
”ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓެރޭޑް އިން އެންޑެންޖާޑް ސްޕީސިސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ“ (ސައިޓީސް) ގެ 18 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީސް (”ސައިޓީސް“ ކޮޕް 18) އަށް ތައްޔާރުވުމުގެ ގޮތުން އޭޝިއާގެ ޤައުމުތަކަށް އަމާޒުކޮށްގެން ބާއްވާ 2 ދުވަހުގެ ވާރކްޝޮޕެއް މިއަދު ފަށައިފިއެވެ.
ދިވެހިރާއްޖެއިންވެސް ބައިވެރިވެފައިވާ މި މުއާހަދާގެ ކޮންފަރެންސް ނުވަތަ މި ވާރކްޝޮޕް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދެވެ.
މި ވަރކްޝޮޕްގައި ސައުތު އަދި އީސްޓް އޭޝިއާ ސަރަޙައްދުގެ 10 ޤައުމަކުން ބައިވެރިވާނެއެވެ. އެއީ ބަންގްލަދޭޝް، ބޫޓާން، ކެމްބޯޑިއާ، އިންޑިއާ، ދިވެހިރާއްޖެ، މެލޭޝިއާ، މިޔަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ އިންނެވެ.
”ޝާކް އެންޑް ރޭ ކޮންޒަވޭޝަން ވާކްޝޮޕް“ ގެ ނަމުގައި ބާއްވާ މި ވާރކްޝޮޕްގެ މައިގަނޑު މަޤްސަދަކީ ބައިނަލްއަޤްވާމީ ގޮތުން މިޔަރާއި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމުގެ މުހިއްމުކަމާއި ފައިދާތަކަށް އަލިއަޅުވާލުމާއި، ސައިޓީސް ކޮޕް 18 ގައި ސައިޓީސް އެޕެންޑިކްސް IIއަށް މިދިރުންތަކުގެ އާ ބާވަތްތައް ހިމެނުމާއި، މިޔަރާއި މަޑީގެ ބައިނަލްއަޤްވާމީ ވިޔަފާރިއާއި ބެހޭގޮތުން މަޝްވަރާކުރުމާއި އަދި މިދިރުންތައް ހިމާޔަތްކުރުމުގެ މުހިއްމުކަން ބައިނަލްއަޤުވާމީގޮތުން ބަލައިގަތުމެވެ.
މިޔަރާއި މަޑީގެ ބާވަތްތަކަކީ ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭތަކެތީގެ ނަސްލުގެ ތެރޭގައި ހިމެނޭ ބާވަތްތަކެކެވެ. މީގެ އިތުރުން ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ބައިނަލްއަޤުވާމީ ގޮތުން ދިވެހިރާއްޖެ ދަނީ ކުރީސަފުގައި މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން 2016 ވަނަ އަހަރު ސައިޓީސް ކޮޕް 17 ގައި ދިވެހިރާއްޖެއިން އިސްނަގައިގެން ވަނީ އޮއިވާލި މިޔަރު (Silky Shark) ސައިޓީސް އެޕެންޑިކްސް II ގައި ހިމެނުމަށް ހުށަހަޅާ، ސައިޓީސް ކޮޕް 17 ގައި ބައިވެރިވި ގައުމުތަކުގެ މެޖޯރިޓީ އާއެކު ސައިޓީސް އެޕެންޑިކްސް II އަށް މި ބާވަތް ހިމަނާފައެވެ. އަދި މި މެއި މަހު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 18ގައި ވޮށިމަސް (Shortfin Mako Shark) މިޔަރާއި މަޑީގެ ދެ އާއިލާއެއްކަމަށްވާ މަޑި މިޔަރުGuitar Fish) ) އަދި ’ވެޖްފިޝް‘ ނިސްބަތްވާ މަޑީގެ ބާވަތްތައް ސައިޓީސް އެޕެންޑިކްސް II އަށް ލުމަށް ދިވެހިރާއްޖެއިން ވަނީ ކޯ-ސްޕޮންސަރ ކޮށްފައެވެ.



