
އިޓާލިއަން ސެރިއޭ: ނަޕޮލީ ބަލިކޮށް ޔުވެންޓަސްއިން ލީޑު ދަހައްޓައިފި
އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗު 1-2 ގެނަތީޖާއިން ނަޕޮލީގެ މައްޗަށް ޔުވެންޓަސްއިން ކުރިހޯދައިފިއެވެ.
މިމެޗުން މޮޅުވެ ޔުވެންޓަސް ވަނީ ތާވަލްގެ އެންމެ ކުރީގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އެޓީމަށް ކުޅުނު 26 މެޗުން 72 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ނަޕޯލީ އަށް 26 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ.
ޔުވެންޓަސް އިން ނަޕޮލީއާ ދެކޮޅަށް ކުޅުނު މިމެޗުގައި އެޓީމުގެ މުހިންމު ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ވަނީ ކުޅެފައެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ، ކިއެލީނީ، ބިނޫޗީ ފަދަ ކުޅުންތެރިން ފުރަތަމަ އެގާރައިގަ ހިމެނިގެން ވަނީ ކުޅެފައެވެ.
ނަޕޮލީގެ ސްޓާޑިއޯ ސަން ޕައޯލޯގައި ކުޅުނު މިމެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ ނަޕޮލީއިންނެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ނަޕޮލީގެ ކުޅުންތެރިޔަކު ޔުވެންޓަސްގެ ގޯލާ އަމާޒުކޮށް ބާރުހަމާއެއް ވަނީ ފޮނުވާލާފައެވެ. ނަމަވެސް ފޮނުވާލި ބާރުހަމަލާ ދިޔައީ ގޯލާ އަމާޒުނުއެވެ.
ޔުވެންޓަސްއިން މެޗުގެ ފުރަތަމަ ގޯލް ޖަހާ ލީޑުނެގީ މެޗުގެ 28 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން މިރަލެމް ޕިޔަނިޗް އެވެ. މި ހިލޭޖެހުން ޔުވެންޓަސްއަށް ލިބުނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު ބޯޅައެއް އޭނާ ނަޕޮލީގެ ގޯލް ކީޕަރު ކަޓުވާލުމަށްފަހު ޕެނަލްޓީ އޭރިޔާތެރެއަށް ވަންނަން ދަނިކޮށް ގޯލްކީޕަރު ރޮނާލްޑޯގެ ފަޔަށް ޖެހި ޓެކުލަކާއެކު އޭނާ ވައްޓާލުމުންނެވެ. މި ކުށާ ގުޅިގެން ނަޕޮލީގެ ގޯލްކީޕަރު އަލެކްސް މެރިޓަށް ރެފްރީ ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ނަޕޮލީގެ އެގޮތުން މެޗުގެ ބާކީ ބައި ނަޕޮލީއިން ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއި އެކުގައެވެ.
ޔުވެންޓަސްއިން މެޗުގެ ދެވަނަ ގޯލް ޖަހާ ލީޑު ފުޅާކުރީ 39 ވަނަ މިނެޓުގައި އެމްރީ ޗޭން ކާމިޔާބުކުރި ގޯލުންނެވެ. މި ގޯލާއެކު މެޗުގެ ފުރަތަމަ 45 މިނެޓުގެ ކުޅުންހަމަވެގެން ދިޔައީ 2 ގޯލުގެ ލީޑެއްގައި ޔުވެންޓަސް އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވަނީސް ޔުވެންޓަސްގެ ޕިޔަނިޗް އަށް ރެފްރީ ވަނީ ދެވަނަ ރީނދޫކާޑާއި އެކު ރަތް ކާޑުދައްކާ ދަނޑުން ފޮނުވާލާފައެވެ. ޕިޔަނިޗްއަށް ދެވަނަ ރީނދޫ ކަޑެއް ދެއްކީ ގަސްދުގައި ބޯޅައިގައި އަތްލުމާއި ގުޅިގެންނެވެ. ދެ ޓީމުންވެސް ކުޅުންތެރިރަކު މަދުކޮށް ކުޅެމުން ދިޔައިރު ނަޕޮލީން އެޓީމުގެ ހަމަ އެކަނި ގޯލް ޖެހާ ނަތީޖާގެ ފަރަގު ކުޑަކުރީ މެޗުގެ 61 ވަނަ މިނެޓުގައި ހޯސޭ ކަލެހޯން ކާމިޔާބުކޮށްދިން ގޯލުންނެވެ.
ޔުވެންޓަސް ލީގު މެޗެއްގައި ދެން ނިކުންނާނީ މިމަހުގެ 9 ވަނަ ދުވަހު އުދިނޭޒީއާ ދެކޮޅަށެވެ. އަދި ނަޕޮލީ ނުކުންނާނީ މިމަހުގެ 8 ވަނަ ދުވަހު ސާޒްބާގާ ދެކޮޅަށެވެ.



