
ޓީއެފްޖީ ރަނިންރަންގެ އެކްސްޕޯރ ފަށައިފި
ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން މުޅިން އަލަށް މިއަހަރު ބާއްވާ ރަނިންރަންގެ އެކްސްޕޯރ ފަށައިފިއެވެ.
އަންނަ މާރޗް މަހުގެ 1 ވަނަ ދުވަހު ބާއްވާ މި ދުވުމުގެ ބައިވެރިންނަށް ބާއްވާ މި އެކްސްޕޯރ އޮންނާނީ ޓީއެފްޖީގައި މިއަދާއި މާދަމާއެވެ. މި އެކްސްޕޯރއަކީ ބައިވެރިންނަށް ޓީޝާޓާއި ބިބް ދޫކުރުމަށް ބާއްވާ އެކްސްޕޯރއެކެވެ.
ޓީއެފްޖީ އިން ބުނީ ރަނިންރަން ބާއްވާ ގަޑި މިހާރު ބަދަލުވެފައިވާ ކަމަށާއި ދުވުން މިހާރު އޮންނާނީ މާރޗު 1 ވާ ހުކުރު ދުވަހު ހަވީރު 16:30ގައި ހުޅުމާލޭގައި ކަމަށެވެ.
”ކުރިން ބާއްވަން ހަމަޖެއްސީ މާރޗު 1 ގެ ހެނދުނު. އެކަމަކު އެދުވަހުގެ އެވަގުތު އެބައޮތް އެހެން އިވެންޓެއްވެސް. އެހެންވީމަ އަޅުގަނޑުމެން ނިންމީ އަޅުގަނޑުމެންގެ އިވެންޓު ހަވީރު ބާއްވަން“ ޓީއެފްޖީގެ އޮފިޝަލަކު އެޓޯލްނިއުސްއަށް ވިދާޅުވިއެވެ.
މިދުވުމުގެ ޓައިޓްލް ސްޕޮންސަރއަކަށް ކެއަރ ސޮސައިޓީ ހަމަޖައްސާފައިވާ އިރު، ދުވުމުގެ ރެޖިސްޓްރޭޝަނުން ލިބޭ ފައިސާގެ 20 އިންސައްތަ އަދި ޓީޝާޓް ވިއްކައިގެން ލިބޭ ފައސާގެ 25 އިންސައްތަ ދިނުމަށް ހަމަޖައްސާފައިވަނީ ކެއަރ ސޮސައިޓީއަށެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުން ފަށާ މި ދުވުމުގައި ދުވާނީ 3.5 ކިލޯމީޓަރުގެ ލޫޕެއްގައެވެ. އަދި އެ ލޫޕުގައި 2 ބުރު ޖަހަންޖެހެއެވެ.
ޓީއެފްޖީ އިން ބުނީ މި ދުވުމުގަ ހުރިހާ ކަމެއްވެސް އުޅޭނީ ކަނބަލުން ކަމަށާއި އެގޮތުން ޓައިމިންގ ބެލުމާއި ފިނިޝަރ ޓީޝާޓް ޙަވާލުކުރުމާއި ދުވާ ސަރަޙައްދު ތައްޔާރުކުރުމުގައިވެސް ހަރަކާތްތެރިވާނީ ކަނބަލުން ކަމަށެވެ.
ޓީއެފްޖީ އަކީ ރާއްޖޭގައި ދިގުދުވުންތައް ނުވަތަ ލޯންގ ޑިސްޓެންސް ދުވުންތަކަށް ފުރުޞަތު ހުޅުވާލަދިން ފަރާތޭ ބުނަމަކީ ދޮގަކަށް ނުވާނެއެެވެ. އަދި އެފަދަ ފުރުޞަތުތައް އަންނަނީ ގިނަ ބަޔަކަށް ފަހިކޮށްދެމުންނެވެ.
އެގޮތުން ހުޅުމާލެގައި ބާއްވާ ކޮކާކޯލާ ޓީއެފްޖީ ލޯންގ ރަން، ރަން އިން މޯލްޑިވްސް ސިލްސިލާގައި ހިމަނައިގެން އައްޑޫސިޓީ އަދި ލ. އަތޮޅުގައި ބާއްވަމުން އަންނަ ދުވުމާއި ފައިބެއަހަރު މުޅިން އަލަށް ބޭއްވި ”ބޮޑުހާފު“ ހިމެނެއެވެ.



