
މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރާއިރު ސަމާލުވުމަށް ރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާ އިން އިލްތިމާސްކޮށްފިއެވެ.
އެ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރާނެކަމަށް ލަފާކުރެވޭ ކަަމަށާއި އެހެން ހިސާބުތަކަށް ވިއްސާރަކޮށް މެދުތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ ވައި ޖެހޭނީ އިރިއުތުރާއި އިރުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގާތްގަޑަކަށް ގަޑިއަކު 10 މޭލާއި 20 މޭލުގެ ބާރުމިނުގައި ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ލަފާކުރާ އިރު، މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފާ، ވިލާ ގަނޑުގައި ގަދަވާނެ ކަަމަށްވެސް ބުންޏެވެ. އެހެންނަމަވެސް ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަަމަށްވެސް މެޓް އޮފީހުން ބުންޏެވެ.



